ރ. އަތޮޅުން އޮޕަރޭޝަންގައި ފަސް މީހަކު ހައްޔަރުކޮށްފި

މީގެކުރިން މަޑުއްވަރީގައި ފުލުހުންނާއި ސިފައިން ކުރިޔަށް ގެންދިޔަ އޮޕަރޭޝަން: ފޮޓޯ / މަޑުއްވަރީ އޮންލައިން

ރ. އަތޮޅުގައި ފުލުހުންނާއި ސިފައިން ކުރިޔަށް ގެންދާ ހާއްސަ އޮޕަރޭޝަންގައި ފަސް ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

މި އޮޕަރޭޝަން ހިންގަނީ ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ދަތުރުފަތުރުކުރުން މަނާކޮށްފައި އޮތް އިރު، ރަސްމީ އެއްވެސް އިދާރާއަކުން ނަގަން ޖެހޭ ހުއްދަ ނެގުމަކާ ނުލައި ރ. އަތޮޅުގެ ފަޅު ރަށެއްގައި ބަޔަކު އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ކަމަށެވެ.

ޖަމާއަތް ހަދައިގެން މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯޓުތަކަށް އަރައި ރާވައިގެން ބޮޑެތި ވައްކަންތައްކޮށް މުދަލަށް ގެއްލުންދޭ މައްސަލައާ ގުޅިގެން ރ. އަތޮޅުގައި ފުލުހުން އޮޕަރޭޝަނެއް ކުރިއަށް ގެންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި އޮޕަރޭޝަންގައި މިހާތަނަށް ކޯޓު އަމުރެއްގެ ދަށުން ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. މި އޮޕަރޭޝަނާއި ގުޅިގެން ފުލުހުން އަންނަނީ އެ އަތޮޅު މަޑުއްވަރީގައިވެސް ހާއްސަ އޮޕަރޭޝަނެއް ހިންގަމުންނެވެ.

ފުލުހުންނާއި ސިފައިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުވެސް ވަނީ މަޑުއްވަރީގައި ހާއްސަ އޮޕަރޭޝަނެއް ކުރިޔަށް ގެންގޮސްފައެވެ. އެ އޮޕަރޭޝަން ފުލުހުން ހިންގީ ހަރުކަށި ފިކުރުގެ މީހުންނާއި ދެކޮޅަށެވެ. އެ އޮޕަރޭޝަންގައިވެސް މަޑުއްވަރިން އެތައް ގެއެއް ބަލާ ފާސްކޮށް ބަޔަކު ހައްޔަރުވެސް ކުރިއެވެ.

Leave a Reply

Your email address will not be published. Required fields are marked *