ޣައިރު ގާނޫނީ އެއްވުން ޕްރޮފެޝަނަލްކޮށް ރޫޅާލާތަން ދެކެން ބޭނުން: އިމްރާން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ---

ޣައިރު ގާނޫނީ އެއްވުންތައް ރޫޅާލުމުގައި ޕްރޮފެޝަނަލްކޮށް ފުލުހުން އަމަލުކުރާތަން ދެކެން ބޭނުންވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާން މިފަދައިން ވިދާޅުވެފައި މިވަނީ ސިޔާސީ، އިޖްތިމާއީ، އަދި އިގްތިސާދީ ގޮތުން ރައްޔިތުން ބާރުވެރިކުރަން މަސައްކަތް ކުރާ ވާތުފިޔައިގެ ސިޔާސީ ހަރަކާތެއް ކަމަށްވާ ނަވާނަވައިއިން “މަޖިލިސް ހޭލައްވާ”ނަމުގައި ރައްޔިތުން މަޖިލިސް އިދާރާ ކުރިމަތީގައި ކުރިއަށް ގެންދިޔަ މުޒާހަރާއަށް ފުލުހުން ބާރުގޭ ބޭނުންކުރި ގޮތާ ގުޅިގެން، ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

އެކަމާއި ގުޅިގެން ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި އިސް ފަރާތްތައް ވަނީ ފާޑު ކިޔުންތައް އަމާޒު ކޮށްފައެވެ. އެގޮތުން ހިއުމަން ރައިޓް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ކުރީގެ ނާއިބު ރައީސް އަހުމަދު ތޮލާލް ކުރެއްވި ޓްވީޓެއްގައި ސަރުކާރަށް ފާޑުވިދާޅުވެ، “ފުލުހުންގެ މުއައްސަސާއަށް އައީ ކޮން ބަދަލެއްތޯ؟” އޭނާ ވަނީ ސުވާލު ކުރައްވާފައެވެ.

ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭރުވެސް މިހާރުވެސް އޭނާ އެކަމާ ދެކޮޅު ކަމަށެވެ. ހިޔާލު ފާޅުކުރަން ނުކުތުމުން އެކަމަށް ހުރަސްއަޅައިގެން ނުވާނެ ކަމަށާއި ބާރުގެ ބޭނުން ކުރަން ޖެހޭނީ ބާރުގެ ބޭނުން ހިފަންޖެހޭ ހާލަތު އުފެދިފަ އޮންނަ ހާލަތުގަ އެކަނި ކަމަށްވެސް ސިރާޖު ވިދާޅުވެފައިވެއެވެ.

މި ފާޑު ކިޔުންތަކާއި ގުޅިގެން އިމްރާން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ އިންސާނީ ކަރާމާތަށް އިސްކަންދީގެން ޕްރޮފެޝަނަލްކޮށް ޣައިރު ގާނޫނީ އެއްވުންތައް ރޫޅާލެވޭނެ ގާބިލްކަން ފުލުހުންގެ ކިބައިގައި ހުންނަތަން ދެކެން ބޭނުންވާ ކަމަށެވެ. އަދި ފުލުހުންނަށް ދެވޭ ތައުލީމާއި ތަމްރީންތަކުގެ ތެރެއިން ކުރިއަށް އޮތްތާ އެކަން ކަށަވަރު ކުރާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މަޖިލިސް ކައިރިއަށް އިއްޔެ އެއްވި މީހުން ދުރަށް ޖެއްސުމުގެ ތެރޭގައި ގަދަބާރުން ފުލުހުން ވަނީ ބައެއް މީހުން އެތަނުން ދުރަށް ޖައްސާފައެވެ. އެގޮތުން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އާންމުގެ ހައްގުގައި ވަކާލާތު ކުރާ ފާތިމަތު ޝާއިރާގެ ހަތަރެސްފައިގައި ހިފައިގެން ހިއްލައިގެން ގެންގޮސް، މަޖިލިސް ކުރާ ގޭ ސަރަހައްދުން ދުރަށް ޖައްސާފައިވެއެވެ. ޝާއިރާއާމެދު އަމަލު ކުރި ގޮތް ފެންނަ ވީޑިއޯ ނަވާނަވައިން ވަނީ އާންމުކޮށްފައެވެ. އެކަން އެގޮތަށް ކުރިއިރު، ރާއްޖޭގެ ބައެއް މީޑިއާތަކުގެ ނޫސްވެރިން ވެސް އެތަނުގައި ތިއްބެވެ.

Leave a Reply

Your email address will not be published. Required fields are marked *