ވަޅީގައި ތުނޑު އެބަހުރި، އިންސާފު ހޯދައި ދޭނަން: ނަޝީދު

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު: ފޮޓޯ / މަޖިލސް

ރައްޔިތުންގެ މަޖިލީހުގެ ވަޅީގައި ތުނޑު އެބަހުރި ކަމަށާއި ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ހާމަ ކޮށްދީ އާއިލާތަކަށް އިންސާފު ހޯދައި ދެއްވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ މަރު ކޮމިޝަނުން މަޖިލީހުގެ އިދާރާއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށާއި އަދި އެބޭފުޅުންނަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށާއި އެހެންކަމުން އިތުރަށް މަސައްކަތް ކުރިޔަށް ގެންދެވެން ނެތް ކަމަށް ސިޓީގައި ބުނެފައިވާ ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑަށް ޔަގީން ކޮމިޝަންގެ ސިޓީ ލިބިވަޑައިގަތީމަ ސާފުވާނެ. ކޮމިޝަނުން ދެކޭ ގޮތުގައި އެ ބޭފުޅުންނަށް ދެން އިތުރު ހެއްކެއް ލިބެން ނެތް ކަމަށް ވަނީ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މަރު ކޮމިޝަނަށް މިހާތަނަށް ތަހުގީގު ކުރެވިފައި ވަނީ އަމަލީ ގޮތުން މަރުތަކުގައި އުޅުނު މީހުންނަށް ދައުވާ ކުރެވޭ މިންވަރަށް ކަމަށާއި އެ މަރުތައް އިންތިޒާމު ކޮށްފައިވާ ފަރާތްތަކާއި ހަރަދު ކޮށްފައިވާ ފަރާތްތަކަށް ދައުވާ ކުރެވޭނެ ވަރަށް ހެކި ލިބިފައި ނުވާ ކަމަށް ވިދާޅުވިއެވެ.

މަރު ކޮމިޝަނުން ވަނީ ޑރ. އަފްރާޝީމް އަލީ އާއި ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގެ ތަހުގީގުގެ ޑްރާފްޓެއް އެކުލަވާލައިފައެވެ. ނަޝީދު ވަނީ އެ ޑްރާފްޓު ރިޕޯޓާއި އެކު ދައުވާ ނުކުރެވުމުން މަޖިލީހުގެ މެންބަރުން އެތަކެއް ސުވާލުތަކެއް ކުރިމަތި ކުރުވާފައިވާ ކަމަށެވެ. އެކަމާއި ގުޅިގެން މަޖިލީހަށް މަރު ކޮމިޝަނުން ދީފައިވާ ޖަވާބު ނަޝީދު ވަނީ ހިއްސާ ކުރައްވާފައެވެ.

"ކޮމިޝަނުން ވިދާޅުވަނީ ޑްރާފްޓް ކޮޕީ ނުކުތީމައި ތަހުގީގަށް ހުރަސް އެޅުނީ ކަމަށް. އަޅުގަނޑު ދެކޭ ގޮތުގައި މިއީ މުއުޖިޒާތެއް ފަދަ ކަމެއް." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މި މައްސަލަތަކަށް އިންސާފު ލިބިފައި ނުވަނީ އަމިއްލައަށް ތަރުތީބު އޮޅުވާލުމުން ކަމަށެވެ. އެންމެ ފުރަތަމަވެސް މަޖިލީހުންވެސް މަސައްކަތް ފެށީ ޝަރުއީ ނިޒާމު އިސްލާހު ކުރުން ކަމަށާއި ނަމަވެސް އެންމެ ފުރަތަމަވެސް އިސްލާހު ކުރަންޖެހޭ ތަނަކީ ފުލުހުންގެ މުއައްސަސާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިތުރަށް މިއަދުގެ ޖަލްސާގައި ނަޝީދު ވާހަކަދައްކަވަމުން ވަނީ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކަށް އިންސާފު ނުލިބެނީސް މަސައްކަތް ހުއްޓާނުލައްވާނެ ކަމަށެވެ. ނަޝީދު ވިދާޅުވީ އެ މައްސަލަތަކަށް އިންސާފު ނުލިބޭނެ ކަމަށް ދެކެވަޑައިގެން މަސައްކަތް ހުއްޓާލުމަކީ އެމަނިކުފާނުގެ ސިޔާސީ ހަޔާތުގައި ކުރައްވާނެ ކަމެއް ނޫން ކަމަށެވެ.

"އެހެން ނަމަވެސް ހަނދުމަފުޅު ބަހައްޓަވާތި ރާއްޖޭގެ ހުރިހާ މުއައްސަސާތަކަކުން ވެސް، މާތް ރަސްކަލާނގެ އަމުރާއި އިރާދަފުޅުން މި މަޖިލީހުގެ ވަޅީގައި ތުނޑު އެބަހުރި. އިރާދަކުރެއްވިއްޔާ މިކަމުގައި ގޮތެއް ނިންމައިދޭނަން،" ނަޝީދު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *