މަސައްކަތް ހުއްޓައެއް ނުލަން: މަރު ކޮމިޝަން

މަރު ކޮމިޝަންގެ މެންބަރުން މަގާމަށް އައްޔަން ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެކުލަވާލާފައިވާ ރިޔާސީ ކޮމިޝަނުގެ މައްސަލަތައް އިތުރަށް ކުރިޔަށް ނުގެންދެވޭނެ ކަމަށް މަރު ކޮމިޝަނާއި ހަވާލާދީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުތައް އެ ކޮމިޝަނުން ދޮގުކޮށްފިއެވެ.

މަރު ކޮމިޝަނުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ އެ ކޮމިޝަނުން ބަލަމުންދާ މައްސަލަތައް ގޮސްފައިވާ ހިސާބު ހޯދުމަށް މަޖިލީހުން އެދިފައިވާ ކަމަށެވެ. އެގޮތުން މަރު ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގައި ހެކި ހޯދުމަށް ގޮންޖެހުންތައް ކުރިމަތިވާ ކަމަށް މަޖިލީހަށް ހިއްސާ ކޮށްފައިވާނެ ކަމަށާއި ނަމަވެސް ބަލަމުންދާ އެއްވެސް މައްސަލައެއްގެ ތަހުގީގު އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެފައި ނުވާނެ ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.

މަރު ކޮމިޝަނުން މިފަދައިން ބުނެފައި މިވަނީ ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަންގެ ތަހުގީގުތައް އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވާފައިވާ ކަަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވާތީއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މަޖިލީހުގެ ރިޔާސަތުގައި އިންނަވާ މަޖިލިސް ރައީސް ނަޝީދު ވިދާޅުވީ މަރު ކޮމިޝަނުން މަޖިލީހުގެ އިދާރާއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އަދި އެބޭފުޅުންނަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށާއި އެހެންކަމުން އިތުރަށް މަސައްކަތް ކުރިޔަށް ގެންދެވެން ނެތް ކަމަށް ސިޓީގައި ބުނެފައިވާ ކަމަށެވެ.

“އަޅުގަނޑަށް ޔަގީން ކޮމިޝަންގެ ސިޓީ ލިބިވަޑައިގަތީމަ ސާފުވާނެ. ކޮމިޝަނުން ދެކޭ ގޮތުގައި އެ ބޭފުޅުންނަށް ދެން އިތުރު ހެއްކެއް ލިބެން ނެތް ކަމަށް ވަނީ.” ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މަރު ކޮމިޝަނަށް މިހާތަނަށް ތަހުގީގު ކުރެވިފައި ވަނީ އަމަލީ ގޮތުން މަރުތަކުގައި އުޅުނު މީހުންނަށް ދައުވާ ކުރެވޭ މިންވަރަށް ކަމަށާއި އެ މަރުތައް އިންތިޒާމު ކޮށްފައިވާ ފަރާތްތަކާއި ހަރަދު ކޮށްފައިވާ ފަރާތްތަކަށް ދައުވާ ކުރެވޭނެ ވަރަށް ހެކި ލިބިފައި ނުވާ ކަމަށް ވިދާޅުވިއެވެ.

މަރު ކޮމިޝަނުން ވަނީ ޑރ. އަފްރާޝީމް އަލީ އާއި ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގެ ތަހުގީގުގެ ޑްރާފްޓެއް އެކުލަވާލައިފައެވެ. ނަޝީދު ވަނީ އެ ޑްރާފްޓު ރިޕޯޓާއި އެކު ދައުވާ ނުކުރެވުމުން މަޖިލީހުގެ މެންބަރުން އެތަކެއް ސުވާލުތަކެއް ކުރިމަތި ކުރުވާފައިވާ ކަމަށެވެ. އެކަމާއި ގުޅިގެން މަޖިލީހަށް މަރު ކޮމިޝަނުން ދީފައިވާ ޖަވާބު ނަޝީދު ވަނީ ހިއްސާ ކުރައްވާފައެވެ.

“ކޮމިޝަނުން ވިދާޅުވަނީ ޑްރާފްޓް ކޮޕީ ނުކުތީމައި ތަހުގީގަށް ހުރަސް އެޅުނީ ކަމަށް. އަޅުގަނޑު ދެކޭ ގޮތުގައި މިއީ މުއުޖިޒާތެއް ފަދަ ކަމެއް.” ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ތަހުގީގު ގޮސްފައިވާ ހިސާބުން ދައުވާ ކުރެވެން އޮތް ފަރާތްތަކަށް ދައުވާ ނުކުރެވެންވީ ސަބަބެއް ނެތް ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *