ނާ އިންސާފުން ރައީސް ޔާމީން ޖަލަށް ލުމުން މަރުތަކަށް އިންސާފު ލިބުނީތޯ ޝިޔާމް ސުވާލު އުފައްދައިފި

ނައިފަރު ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު ޝިޔާމް ޖަލްސާއެއްގައި ވާހަކަދައްކަވަނީ: ފޮޓޯ / މިހާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ނާ އިންސާފުން ޖަލަށް ލެވުމުން ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ އާއިލާތަކަށް އިންސާފު ލިބިގެން ދިޔައީތޯ ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ސުވާލު އުފައްދައިފިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޓްވީޓާގައި ޓެގު ކުރައްވާ ޝިޔާމް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އިންސާފުން ބޭރުން ރައީސް ޔާމީން ޖަލަށް ލެވުމުން މަރުތަކަށް އިންސާފު ލިބުނީތޯ ސުވާލު އުފައްދާފައެވެ. ޝިޔާމް ވަނީ 2015ވަނަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު މާލޭގައި ކުރި މުޒާހަރާގައި މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ ކޮނޑުހުޅު ދާވަރަށް ހޫރުވި ހެއްކާއި ގަރީނާ ކޮބައިތޯވެސް ވިދާޅުވެފައެވެ.

"ކޮން ކަމެއްތޯ މި ސުޕަ ސަރުކާރަށް ހުރަސް އަޅަނީ،" ޝިޔާމް ވިދާޅުވިއެވެ.

އެމްޑީޕީ ވެރިކަމަށް އައުމަށް އެންމެ އަޑު ހަރުކޮށް ގޮވި ވާހަކައަކީ މަރުތަކަށް އިންސާފު ހޯދައި ދިނުމުގެ ވާހަކަތައް ކަމަށެވެ. ވެރިކަމުގެ ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައި މަރުތަކުގެ ހަގީގަތް ހާމަކޮށް ދެއްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާ ކަމަށްވެސް ޝިޔާމްގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ. މީގެއިތުރުން ރައީސް ޔާމީންގެ އިސްތަށިފުޅުގައި ހުރިހާ އިލްޒާމެއް އަޅުވާ ރައްޔިތުންނަށް އޮޅުވާލި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޝިޔާމް މިފަދައިން ވިދާޅުވެފައި މިވަނީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނަށް ދެން މަސައްކަތް ކުރިޔަށް ނުގެންދެވޭނެ ކަމަށް އަންގާފައިވާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވާތީއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މަޖިލީހުގެ ރިޔާސަތުގައި އިންނަވާ މަޖިލިސް ރައީސް ނަޝީދު ވިދާޅުވީ މަރު ކޮމިޝަނުން މަޖިލީހުގެ އިދާރާއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އަދި އެބޭފުޅުންނަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށާއި އެހެންކަމުން އިތުރަށް މަސައްކަތް ކުރިޔަށް ގެންދެވެން ނެތް ކަމަށް ސިޓީގައި ބުނެފައިވާ ކަމަށެވެ.

“އަޅުގަނޑަށް ޔަގީން ކޮމިޝަންގެ ސިޓީ ލިބިވަޑައިގަތީމަ ސާފުވާނެ. ކޮމިޝަނުން ދެކޭ ގޮތުގައި އެ ބޭފުޅުންނަށް ދެން އިތުރު ހެއްކެއް ލިބެން ނެތް ކަމަށް ވަނީ.” ރައީސް ނަޝީދު ވިދާޅުވިއެވެ.

މަރު ކޮމިޝަނުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ އެ ކޮމިޝަނުން ބަލަމުންދާ މައްސަލަތައް ގޮސްފައިވާ ހިސާބު ހޯދުމަށް މަޖިލީހުން އެދިފައިވާ ކަމަށެވެ. އެގޮތުން މަރު ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގައި ހެކި ހޯދުމަށް ގޮންޖެހުންތައް ކުރިމަތިވާ ކަމަށް މަޖިލީހަށް ހިއްސާ ކޮށްފައިވާނެ ކަމަށާއި ނަމަވެސް ބަލަމުންދާ އެއްވެސް މައްސަލައެއްގެ ތަހުގީގު އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެފައި ނުވާނެ ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *