މަޖިލިސް ކުރާގޭ ސަރަހައްދުން ފާތުމަތު ޝާއިރާ ދުރަށް ޖައްސަނީ-- ފޮޓޯ/ ހަތާވީސް އޮންލައިން

ސިޔާސީ، އިޖްތިމާއީ، އަދި އިގްތިސާދީ ގޮތުން ރައްޔިތުން ބާރުވެރިކުރަން މަސައްކަތް ކުރާ ވާތުފިޔައިގެ ސިޔާސީ ހަރަކާތެއް ކަމަށްވާ ނަވާނަވައިއިން “މަޖިލިސް ހޭލައްވާ”ނަމުގައި ރައްޔިތުން މަޖިލިސް އިދާރާ ކުރިމަތީގައި ކުރިއަށް ގެންދިޔަ މުޒާހަރާއަށް ފުލުހުން ބާރުގޭ ބޭނުންކުރި ގޮތާ ގުޅިގެން، ފާޑުކިޔުން އަމާޒުވެއްޖެއެވެ.

ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި އިންސާނީ ހައްގުތައް ކަށަވަރުކޮށްދޭނެ ކަމަށް ރިޔާސީ އިންތިހާބުގައި ވައުދުވެވަޑައިގެންނެވި ރައީސް ސާލިހުގެ ސަރުކާރުން އެއްވުންތަކަށް ހުރަސް އަޅަމުންދާތީ، އާންމުންނާއި އިންސާނީ ހައްގުތަކަށް ވަކާލާތު ކުރަމުންދާ ފަރާތްތަކުން ސޯޝަލް މީޑިއާގައި ދަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.

ފާތުމަތު ޝާއިރާ މަޖިލިސް ކުރާގޭ ސަރަހައްދުްނ ދުރަށް ޖައްސަނީ-- ފޮޓޯ/ ހަތާވީސް އޮންލައިން

ހިއުމަން ރައިޓް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ކުރީގެ ނާއިބު ރައީސް އަހުމަދު ތޮލާލް ކުރެއްވި ޓްވީޓެއްގައި ސަރުކާރަށް ފާޑުވިދާޅުވެ، "ފުލުހުންގެ މުއައްސަސާއަށް އައީ ކޮން ބަދަލެއްތޯ؟" އޭނާ ވަނީ ސުވާލު ކުރައްވާފައެވެ.

ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭރުވެސް މިހާރުވެސް އޭނާ އެކަމާ ދެކޮޅު ކަމަށެވެ. ހިޔާލު ފާޅުކުރަން ނުކުތުމުން އެކަމަށް ހުރަސްއަޅައިގެން ނުވާނެ ކަމަށާއި ބާރުގެ ބޭނުން ކުރަން ޖެހޭނީ ބާރުގެ ބޭނުން ހިފަންޖެހޭ ހާލަތު އުފެދިފަ އޮންނަ ހާލަތުގަ އެކަނި ކަމަށްވެސް ސިރާޖު ވިދާޅުވެފައިވެއެވެ.

އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ ލޮކްޑައުންގެ ހާލަތު ނެތްހާ ހިނދަކު، ގައިދުރުކަމާއި، މާސްކު އަދި އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަވާ އެއްވުންތަކަށް ޖާގަ ދޭން ޖެހޭނެ ކަމަށެވެ. ހިޔާލުފާޅު ކުރުމުގެ މިނިވަންކަމަކީ ކޮންމެ މީހެއްގެ ވެސް ހައްގެއް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

މަޖިލިސް ކައިރިއަށް މިއަދު އެއްވި މީހުން ދުރަށް ޖެއްސުމުގެ ތެރޭގައި ގަދަބާރުން ފުލުހުން ވަނީ ބައެއް މީހުން އެތަނުން ދުރަށް ޖައްސާފައެވެ. އެގޮތުން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އާންމުގެ ހައްގުގައި ވަކާލާތު ކުރާ ފާތިމަތު ޝާއިރާގެ ހަތަރެސްފައިގައި ހިފައިގެން ހިއްލައިގެން ގެންގޮސް، މަޖިލިސް ކުރާ ގޭ ސަރަހައްދުން ދުރަށް ޖައްސާފައިވެއެވެ. ޝާއިރާއާމެދު އަމަލު ކުރި ގޮތް ފެންނަ ވީޑިއޯ ނަވާނަވައިން ވަނީ އާންމުކޮށްފައެވެ. އެކަން އެގޮތަށް ކުރިއިރު، ރާއްޖޭގެ ބައެއް މީޑިއާތަކުގެ ނޫސްވެރިން ވެސް އެތަނުގައި ތިއްބެވެ.

ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނަރ އަބްދުﷲ ފައިރޫޝް ވިދާޅުވީ މި ދަނޑިވަޅަކީ އިހްތިޖާޖު ކުރަންޖެހޭ ވަގުތު ނޫން ކަމަށާއި އަޅުގަނޑުމެން މިއުޅެނީ ސިއްހީ ވަބާއެއްގެ މެދުތެރޭގައި ކަމަށެވެ.

މުޒާހަރާގެ ބައިވެރިން މަޖިލިސް ކުރާގޭ ސަރަހައްދުން ދުރަށް ދިއުމަށް ފުލުހުން ތަކުރާރުކޮށް ނަސޭހަތްތެރިވިއެވެ. އެކަމަށް އިޖާބަނުދިން މުޒާހަރާގެ ބައިވެރިން ފުލުހުން ވަނީ ގަދަކަމުން އެ ސަރަހައްދުން ދުރަށް ޖައްސާފައެވެ. މުޒާހަރާގެ ބައިވެރިން އެތަނުން ދުރަށް ޖައްސަން އުޅެނިކޮށް، ބައެއް މީހުން ބިންމައްޗަށް ވެއްޓުނެއެވެ. ނަމަވެސް އެއްވެސް މީހަކަށް މާބޮޑު ހާނިކައެއް ނުވެއެވެ.

މަޖިލިސް ކުރާގޭ ސަރަހައްދުގައި އުފުލި ޕޯސްޓަރުތަކުގައި ލިޔެފައި ވަނީ “މަސައްކަތްތެރިންގެ އެލަވަންސް ކޮބާ”، “މަސައްކަތްތެރިން ތިބީ ދަރިންނަށް ކާން ނުދެވިފަ، މަސައްކަތްތެރިންނަށް ދޭން ބޭރުން ހޯދި 12 މިލިއަން ކޮބާ؟” މިހެންނެވެ. އަދި މަޖިލީހަށް ނިސްބަތްކޮށް “މަހުޖަނުންގެ މަޖިލިސް” ކަމަށް ވެސް ބުނެފައިވެއެވެ.

މުޒާހަރާގެ ބައިވެރިން، މަޖިލިސް ކުރާގޭ ސަރަހައްދުން ދުރަށް ޖައްސައި، “ހޮޓެލް ޖެން”އާ ހަމައަށް ފަހަތައް ޖެއްސުމުން، ވެސް މުޒާހަރާގެ ބައިވެރިން އަޑުއުފުލިއެވެ. ނަވާނަވައިން ފެށި މުޒަހަރާ މިހާރު ވަނީ މެދުކަނޑާލާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *