ރައްކާތެރިކަން ކަށަވަރުކޮށް ނުދޭތީ މާދަމާގެ ޖަލްސާވެސް އިދިކޮޅުން ބޮއިކޮޓު ކޮށްފި

ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ފޮޓޯ / މަޖިލިސް

ރައްޔިތުން މަޖިލީހުގެ އިދިކޮޅު މެންބަރުންނަށް ރައްކާތެރިކަން ކަށަވަރު ކޮށްދީފައި ނުވާތީ މާދަމާ ބާއްވާ ރައްޔިތުން މަޖިލީހުގެ ޖަލްސާވެސް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބޮއިކޮޓު ކުރުމަށް ނިންމައިފިއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ޖޮއިންޓު ޕާލިމަންޓްރީ ގްރޫޕުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ އިދިކޮޅު މަޖިލިސް މެންބަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވާނެ ކަމުގެ އެއްވެސް ޔަގީން ކަމެއް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދެއްވާފައި ނުވާ ކަމަށެވެ. އެހެންކަމުން މާދަމާގެ ޖަލްސާވެސް ބޮއިކޮޓު ކުރުމަށް އެ ކޯލިޝަންގެ ޖޮއިންޓު ޕީޖީ ގްރޫޕުން ވަނީ ނިންމާފައެވެ.

މީގެއިތުރުން އެބަޔާނުގައި ގާނޫނުއަސާސީ އިސްލާހު ކުރުމަށް މި މަހުގެ ދެވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ޖަލްސާގައި ކުއްލި ގޮތަކަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްގެ ނަން އިއްވާ މަޖިލިސް ތަޅުމުން ބޭރު ކުރުމަށް ކުރި މަސައްކަތުގައި އެމްޑީޕީ އަށް ނިސްބަތްވާ މަޖިލިސް މެންބަރުން ޝިޔާމަށް އަނިޔާކޮށް މާރާމާރީ ހިންގި މައްސަލަ ތަހުގީގު އިދާރާތަކުން އިންސާފުވެރިކަމާއި މިނިވަންކަމާއި އެކުގައި ބަލާ އަވަހަށް ތަހުގީގު ކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށްވެސް އިދިކޮޅުގެ ބަޔާނުގައި ބުނެފައިވެއެވެ.

އިދިކޮޅުން މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓު ކުރާތާ ދެ ހަފްތާއެއް ވަނީ ވެފައެވެ. އެކަމާއި ގުޅިގެން މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވަނީ ރާއްޖޭގައި އޮތް ސިޔާސީ ނިޒާމަކީ ހުރިހާ ސިޔާސީ ޕާޓީއެއް އެކުލެވޭގޮތަށް އޮތް ނިޒާމެއް ކަމަށާއި އެހެންވެ އެގޮތަށް ނިޒާމު ހިންގުމަށް ނިކަމެތިވާން ޖެހިއްޖެއްޔާ ނިކަމެތިވެސް ވާނެ ކަމަށެވެ.

ނަޝީދު ވަނީ އިދިކޮޅު ކޯލިޝަންގެ މެންބަރު މަޖިލީހަށް ވަޑައިގަތުމަށް އެދިވަޑައިގެންފައެވެ. ނަޝީދު ވިދާޅުވީ މަޖިލީހުގެ ޖަލްސާ ހިންގަން އެމަނިކުފާނު އެދިވަޑައިގަންނަވަނީ ބައިމަދު ޕާޓީތަކާވެސް އެކުގައި ކަމަށެވެ. އަދި އެ ޕާޓީތަކަށް ހުރިހާ ހައްގުތަކަކާއި އިހުތިޔާރުތަކަކާއި ބާރުތަކެއްވެސް ލިބިދޭ ނިޒާމެއްގައި މަޖިލިސް ހިންގަން ބޭނުން ކަމަށްވެސް ވިދާޅުވިއެވެ.

މީގެކުރިން ނަޝީދު ވަނީ އިދިކޮޅު މެންބަރުން މަޖިލީހުގައި ނެތް ކަމުގެ އިހުސާސް ނުވާ ކަމަށް ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *