މަނީ ލޯންޑަރިންގެ ތުހުމަތަށް ހައިލަމް ފުލުހަށް

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހްމަދު ހައިލަމް-

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހްމަދު ހައިލަމް ފޭދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަލްހާން ފަހުމީގެ އަތުން ނެގި 200،000 ރުފިޔާ އަކީ މަނީ ލޯންޑަރިން ކަމަށް ތުހުމަތު ކުރެވޭތީ ހައިލަމް ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.

ހައިލަމަށް ފުލުހުން ފޮނުވި ޗިޓްގައި ބުނެފައި ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަ އަކީ މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެމްއެމްއޭ) ލިބިފައިވާ މުއާމަލާތްތަކުގެ ރިޕޯޓްތަށް ބެލި ބެލުމުން ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަހުމަދު ހައިލަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރެއް ކަމުގައިވާ އަލްހާން ފަހުމީގެ ފަރާތުން މިދިޔަ އަހަރުގެ މެއި މަހުގެ 19ވަނަ ދުވަހު 200،000 ރުފިޔާގެ މުއާމަލާތެއް ހިންގާފައިވާކަން ފާހަގަކުރެވޭ ކަމަށެވެ.

އަދި ފުލުހުން ހައިލަމް އަށް ފޮނުވި ޗިޓުގައި އެ މުއާމަލާތަކީ މަނީ ލޯންޑަރިން އަށް ތުހުމަތު ކުރެވޭ ގޮތަށް ހިންގާފައިވާ މުއާމަލާތެއް ކަމަށްވެސް ބުނެފައިވެއެވެ. ހައިލަމް ފުލުހުންގެ އިދާރާ އަށް ހާޒިރުވުމަށް އަންގާފައި ވަނީ އަންނަ އަންގާރަ ދުވަހުގެ ރޭ 20:00ގައެވެ.

ހައިލަމް އަށް ދެލައްކަ ރުފިޔާ ދިން މައްސަލާގައި އަލްހާން މީގެކުރިން ވަނީ ހައިލަމް އަށް ދެލައްކަ ރުފިޔާ ދެއްވި ކަމަށް އެއްބަސްވެވަޑައިގެންފައެވެ. އަދި އެއީ ހައިލަމް އަށް ދެއްވި ލޯނެއް ކަމަށްވެސް އަލްހާން ވިދާޅުވިއެވެ.

"ހައިލަމް އަށް އަޅުގަނޑު ދެލައްކަ ރުފިޔާ ދިނިން. ދިނިއްޔާ ކީއްކުރެވޭނީ؟ އަދިވެސް ދޭނަން" މީގެކުރިން އަލްހާން ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *