ކެފޭތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކޮށްފި

ޝީޝާ ---

ކޮވިޑް19 ގެ ސަބަބުން ބަންދު ކޮށްފައިވާ މާލެ ސަރަހައްދުގެ ކެފޭ އަދި ރެސްޓޯރަންޓުތައް އަލުން ހުޅުވާއިރު އެތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މަނާކޮށްފިއެވެ.

ކޮވިޑް19 އާއި ގުޅިގެން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގައި އަމަލުކުރަންވީ ގޮތުގެ އުސޫލު މިއަދު އާއްމު ކޮށްފައިވާއިރު އެ އުސޫލުގައި ބުނެފައިވަނީ ކޮވިޑް19 ގެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކާބޯތަކެތީގެ ވިޔަފާރިކުރާ ތަންތަނުގައި ޝީޝާ އަދި ވޭޕް ފަދަ އީ ސިނގެރޭޓް ވެސް ހިމެނޭ ގޮތަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާވާނެ ކަމަށެވެ.

އެ އުސޫލުގައި މަސައްކަތު މާހައުލުގައި ކޮވިޑް19 ފެތުރުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް މުވައްޒަފުންނަށް ރަނގަޅަށް ބަޔާންކޮށްދީ، މުވައްޒަފުންނަށް ފެންނަ ގޮތަށް ލިޔެފައި ބަހެއްޓަން ވާނެ ކަމަށާއި ތަނަށް ޒިޔާރަތް ކުރާ ފަރާތްތަކާއި ކަސްޓަމަރުން އަމަލުކުރަންވީ ގޮތުގެ މައުލޫމާތު ފެންނަ ގޮތަށް ވެސް ބަހައްޓަންވާނެ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގައި އާންމު ސާފުތާހިރުކަން ދެމެހެއްޓުމަށްޓަކައި ރަނގަޅަށް އަތްދޮވެވޭނެ އިންތިޒާމު ހަމަޖައްސަންވާނެ ކަމަށާއި އަދި އަތްދޮވުމަށް ސައިބޯނި ފަދަ ތަކެތި މެދުނުކެނޑި ލިބެން ހުންނަން ވާނެ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

ބުފޭ ފަދަ ތަންތަނުގައި ކަސްޓަމަރުން އަމިއްލައަށް އެޅުމުގެ ބަދަލުގައި ސާރވް ކުރުމަށް ވަކި މުވައްޒަފަކު/މުވައްޒަފުން ކަނޑައަޅާފަ ބެހެއްޓުމަށާއި އަދި އޭނާ އަންގި ލައްވާ މާސްކުއަޅައިގެން ހުރުމަށް ވެސް ވަނީ އެ އުސޫލުގައި ބުނެފައިވެއެވެ.

ބޭކަރީގެ އުފެއްދުންތައް ބަންދުކޮށްފައި ނުހުންނަ ޝެލްފެއްގައި ބަހައްޓާއިރު ހުންނަންވަނީ ކްލިންގ ފިލްމް ފަދަ އެއްޗަކުން ނުވަތަ ފުޑް ގްރޭޑް ރެޕަކުން ބަންދުކޮށްފައި ކަމަށާއި ބޭކަރީ އުފެއްދުން ބަންދު ނުކުރާނަމަ ބަންދުކޮށްފައި ހުންނަ ބިއްލޫރި ޝެލްފެއްގައި ބެހެއްޓުމަށް ވެސް އުސޫލުގައި ވަނީ ބުނެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *