ފުލުހުންގެ ހިދުމަތުގެ ބިލަށް އާއްމުންގެ ހިޔާލު ހޯދަން ހުޅުވާލައިފި

ފުލުހުންގެ އަހަރީ ދުވަހާއި ގުޅިގެން ބޭއްވި ރަސްމިއްޔާތެއްގައި ކޮމިޝަނަރު ޕޮލިސް މުހައްމަދު ހަމީދު ހިމެނޭހެން ގިނަ އަދަދެއްގެ ފުލުހުން ސެލިއުޓަށް އަތް ނަގައިގެން: ފޮޓޯ / ރައީސް އޮފީސް

ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލަށް އާއްމުންގެ ހިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފިއެވެ.

ސަރުކާރުގެ ފަރާތުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހަޅުއްވާފައިވާ އެ ބިލަކީ މިހާރު އެންމެ ބޮޑަށް ހިޔާލު ތަފާތުވެ ބޮޑު ބަހުސް އަކަށް ވެފައިވާ ބިލެކެވެ. ބިލުގައިވާ މާއްދާތަކަށް ބައެއް ފަރާތްތަކުން އަންނަނީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އަދި ބިލަށް ބަހުސް ކުރައްވަމުން މަޖިލީހުގެ މެންބަރުން ފުލުހުންނަށް ފާޑު ކިޔަ ފުލުހުންނަށް މަލާމާތް ރައްދު ކޮށްފައިވާތީ އެފަރާތްތަކަށް ވެސް ބައެއް ފަރާތްތަކުން އަންނަނީ ފާޑު ކިޔަމުންނެވެ.

ފުލުހުންގެ ބިލު ދިރާސާ ކުރަމުން ދަނީ މަޖިލީހުގައި އޮންނަ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިންނެވެ. ރައްޔިތުންގެ މަޖިލީހުން ކުރި އިއުލާނެއްގައި ބުނީ 241 ކޮމިޓީން ދިރާސާކުރާ ފުލުހުންގެ ހިދުމަތުގެ ބިލަށް ހިޔާލު ހޯދަން ބޭނުންވާ ފަރާތްތަކުން އަންނަ އަންގާރަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން މަޖިލީހުގެ އިދާރާއަށް ލިޔުމުން ނުވަތަ މެއިލުން ފޮނުވައި ދިނުމަށް އެދޭ ކަމަށެވެ.

ސަރުކާރުން ހުށަހަޅާފައިވާ ބިލުގައި ކޮމިޝަނަރު އޮފް ޕޮލިސް އައްޔަން ކުރާނީ މި ބިލުގައި ބަޔާންކޮށްފައިވާ ޕްރޮމޯޝަން ބޯޑުން ވަޒަންކޮށް ހޯމް މިނިސްޓަރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާއެވެ. ކޮމިޝަނަރު އޮފް ޕޮލިސް އަކަށް އައްޔަން ކުރެވޭ މީހަކީ ފުލުހުންގެ ހިދުމަތުގެ ވަޒީފާގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސްއަށްވުރެ މަތީ ރޭންކެއްގައި ހުރި ބޭފުޅަކަށް ވާންޖެހެއެވެ. އަދި މި ބިލު ފާސްވެ ގާނޫނަކަށްވާއިރު ކޮމިޝަނަރު އޮފް ޕޮލިސް އަކަށް މީހަކު އައްޔަންކޮށްފައިވާ ނަމަ އެ މަގާމަށް އިތުރު މީހަކު އައްޔަން ކޮށްގެން ނުވާނެ ކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ. އެހެންނަމަވެސް ބިލުގައި ބަޔާންކޮށްފައިވާ މާއްދާތައް ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް ހިނގާނެ ކަމަށް ބިލުގައިވެއެވެ.

ކޮމިޝަނަރު އޮފް ޕޮލިސްއެއް އައްޔަން ކުރާނީ ހަތަރު އަހަރު ދުވަހުގެ މުއްދަތަކަށެވެ. އެހެންނަމަވެސް އެ މުއްދަތު ހަމަވެ އިތުރު ބޭފުޅަކު އެ މަގާމަށް އައްޔަން ކުރަން ޖެހިއްޖެ ހާލަތެއްގައި ކުރިން މަގާމުގައި ހުންނެވި ކޮމިޝަނަރު އޮފް ޕޮލިސް އެ މަގާމުގައި ބަހައްޓަން ހޯމް މިނިސްޓަރަށް ފެންނަ ހިނދެއްގައި އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުގެ އުސޫލެއް ނުހިނގާނެއެވެ.

ފުލުހުންގެ ހިދުމަތް ބަލައި، ފުލުހުންގެ މުއައްސަސާ ޖަވާބުދާރީ ކުރުމަށް މަޖިލީހުގައި އޮންނަ 241 ކޮމިޓީގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް ބަޔާންކޮށްފައިވާއިރު، އެ ކޮމިޓީއަށް އިތުރު ބާރުތަކެއް ލިބޭ ގޮތަށް ބިލުގައިވެއެވެ.

ފުލުހުންގެ ހިދުމަތަށް ގެންނަން ޖެހޭ އެކިއެކި ބަދަލުތަކަށާއި، ފުލުހުންނަށް ލިބޭ އިނާޔަތްތަކާ ގުޅޭ ކަންކަމަކަށް ބަދަލު ގެންނަން ހޯމް މިނިސްޓަރަށާއި ޕޮލިސް ކޮމިޝަނަރަށް އެންގުމުގެ ބާރު ކޮމިޓީއަށް އޮންނާނެ ކަމަށް ބިލުގައިވެ އެވެ. ތަހުގީގަށް ބަންދު ކުރާ މީހުންނާ މެދު އަމަލު ކުރާ އުސޫލުތައް ބަދަލު ކުރަން އެންގުމުގެ ބާރު ވެސް އޮންނާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *