11 އަހަރުގެ ކުއްޖާ ރޭޕްކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

11 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލާގައި ހައްޔަރުކޮށްފައިވާ އަނީސް ހިލްމީ ---

އުމުރުން 11 އަހަރުގެ އަންހެން ކުއްޖާ ރޭޕްކުރި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފިއެވެ.

ޕްރޮސިކިއުޓަރު ޖެނެރަލް އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓަރު އަހުމަދު ޝަފީއު މިއަދު ވިދާޅުވީ 11 އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލާގައި ތުހުމަތުކުރެވޭ ހއ. ބާރަށް، ސިލްސިލާގެ، އަނީސް ޙިލްމީ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރެއް ކްރިމިނަލް ކޯޓުން މިއަދު ނެރެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ކްރިމިނަލް ކޯޓުން އެ އަމުރު ނެރެފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއި މެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 30 ވަނަ މާއްދާގެ ދަށުން، ކުށުގެ ތުހުމަތުކުރެވޭ މީހާ ޝަރީޢަތުގެ މަރުޙަލާ ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރެއް ހޯދުމަށް ކޯޓަށް ހުށަހަޅައިދިނުމަށް އެދި ކޮމިޝަނަރު އޮފް ޕޮލިސް ޕްރޮސިކިއުޓަރު ޖެނެރަލް ގާތުގައި އެދިވަޑައިގެންފައިވާތީ، ޕްރޮސިކިއުޓަރު ޖެނެރަލްގެ ފަރާތުން އެފަދަ އަމުރަކަށް އެދި ކޯޓަށް ހުށަހަޅާފައިވާތީ، މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ ބަންދާއި މެދު ގޮތެއް ނިންމުމުގެ އަޑުއެހުމުގައި ކަމަށެވެ.

ފުލުހުން ބުނީ އަނީސް ހައްޔަރުކޮށްފައިވަނީ، މި މަހުގެ 10 ވަނަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ހުށަހެޅުނު، އުމުރުން 11 އަހަރުގެ ކުއްޖަކު ގެސްޓްހައުސްއަކަށް ގެންގޮސް ރޭޕްކޮށްފައިވާ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މި މަހުގެ 12 ވަނަ ދުވަހުގެ 22:13 އެހައިކަންހާއިރު އޭނާ ދިރިއުޅޭ ގޭގައި ހުއްޓައި ކަމަށެވެ.

އެގޮތުން ތަހުގީގުގައި މިހާތަނަށް ބެލި ބެލުމުން، އެކުއްޖާ ރޭޕްކޮށްފައިވަނީ ކުއްޖާ ގްރޫމް ކޮށްގެންކަން އެނގިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ފަރާތްތަކާއި، ކުޑަކުދިން ރޭޕްކޮށް ބްލެކްމެއިލްކޮށް، ގްރޫމްކުރުވައިގެން ކުށްކުރުމުގައި ކުދިން ބައިވެރިކުރުވައި އަދި ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް އަމަލުކުރާ ފަރާތްތަކާމެދު ޤާނޫނީގޮތުން އެޅެން އޮންނަ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ، ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާރޓްމަންޓުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *