އެޗްޕީއޭގެ އެންގުންތަކާއި ހިލާފަށް އެއްވުންތައް ނުބޭއްވުމަށް ފުލުހުން އެދިއްޖެ

މަގުމަތީގައި އުޅުނު ބަޔަކު ހިފެހެއްޓުމަށްފަހު ފުލުހުން ޗެކު ކުރަނީ: ފޮޓޯ / ޕޮލިސް

ކޮވިޑް19 އާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާފައިވާ އެންގުންތަކާއި ހިލާފަށް މާލޭގައި އެއްވުންތައް ނުބޭއްވުމަށް ފުލުހުން އެދިއްޖެއެވެ.

ފުލުހުން މިއަދު ބުނީ މިހާރު ހިނގަމުންދާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެންމެ ގިނަވެގެން ތަންތަނަށް އެއްވެ އުޅެވޭތީ ތިން މީހުންނަށް ކަމަށެވެ. އެކެމަކު، ބައެއް ފަރާތްތަކުން އެ އެންގުމާ ޚިލާފަށް އެއްވުން ބޭއްވުމަށް ރާވަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެހެންވެ، އެޗްޕީއޭގެ އިރުޝާދުތަކާ ޚިލާފުނުވެ، އެޗްޕީއޭގެ އެންގުންތަކާ އެއްގޮތަށް އަމަލު ކުރުމަށް ފުލުހުން އިލްތިމާސް ކުރައްވައެވެ.

ފުލުހުން މިފަދައިން ބުނެފައި މިވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އިހުތިޖާޖު ކުރުމަށް ނިންމާފައި ވަނިކޮށެވެ.

ކޮވިޑް19 އާއި ގުޅިގެން މިދިޔަ އޭޕްރީލް މަހުގެ 15ވަނަ ދުވަހުން ފެށިގެން މި މަހުގެ ކުރީކޮޅާއި ހަމައަށް މާލެ ސަރަހައްދު ވަނީ ލޮކްޑައުން ކޮށްފައެވެ. އަދިވެސް މުޅިން ލޮކްޑައުން އުވާލާފައެއް ނުވެއެވެ. ދީފައި ވަނީ ލުއިތަކެކެވެ. އެ ލުއިތައް ދީފައިވީ ނަމަވެސް އެއްވެސް ހާލަތެއްގައި ތަންތަނަށް އެއްވުމަށް ހުއްދަ އެއް ދީފައެއް ނުވެއެވެ.

ރާއްޖެއިން ކޮވިޑް19 ފެނިފައިވާތީ އެކަމާއި ދެކޮޅަށް ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އަދި އެ ފިޔަވަޅުތަކާއި ހިލާފަށް އަމަލު ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ބައެއް މީހުން ޖޫރިމަނާ ކޮށްފައިވާއިރު އަނެއް ބައި މީހުން ވަނީ ހައްޔަރުކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *