ފުލުހުންގެ ބިލުގެ ބޭނުމަކީ ރައްޔިތުންގެ ލޯތްބާއި އިތުބާރު ލިބޭނެ ހިދުމަތެއް އުފެއްދުން: ހަސަން ލަތީފް

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު / ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ "ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލު"ގެ ބޭނުމަކީ ރައްޔިތުންގެ އިތުބާރާއި ލޯބި ލިބޭނެ ފުލުހުންގެ ހިދުމަތެއް އުފެއްދުން ކަމަށް ބިލު މަޖިލީހަށް ހުށަހެޅުއްވި މެންބަރު، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ބިލާއި އެ ބިލުގައި ހުރި މާއްދާތަކާއި މަޖިލީހުގެ ވަކިވަކި ކޮމެޓީތަކަށް ބޮޑެތި ބާރުތަކެއް ބިލުން ދީފައި އޮތުމުން ގިނަ ބަޔަކު އަންނަނީ ފުލުހުންގެ ބިލަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. މީގެއިތުރުން ފުލުހުންގެ ބިލަށް ބަހުސް މަރުހަލާގައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ފުލުހުންގެ ކުލައާ ނަން ބަދަލުކުރަން ޖެހޭ ކަމަށް ވިދާޅުވެފައި ވާތީ އެކަމާއި ވެސް ގިނަބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

އެކަމާއި ގުޅިގެން ހަސަން ލަތީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންގެ ހިދުމަތުގެ ބިލަކީ ގަދަރުވެރި، ޝަރަފުވެރި، ރައްޔިތުންގެ އިތުބާރާއި ލޯބި ލިބޭނެ ފުލުހުންގެ ހިދުމަތެއް އުފެއްދުމަށް އެކުލަވާލާފައިވާ ބިލެއް ކަމަށެވެ. ފުލުހުންގެ ހިދުމަތުގެ ބިލަކީ ރައްޔިތުންގެ އިތުބާރު ލިބޭނެ ފުލުހުންގެ ހިދުމަތެއް އުފެއްދުމަށް އެކުލަވާލާފައިވާ ބިލެއް ކަމަށްވެސް ހަސަން ލަތީފު ވިދާޅުވިއެވެ.

އެ ބިލު ގާނޫނަކަށް ވުމުގެ ކުރިން ފުޅާ ދާއިރާއެއްގައި މަޝްވަރާ ހިންގި، މައުލޫމާތު ބަދަލު ކުރެވޭނެ ކަމަށްވެސް ހަސަން ލަތީފުގެ ޓްވީޓުގައި އޭނާ ވަނީ ވިދާޅުވެފައެވެ.

ސަރުކާރުން ހުށަހަޅާފައިވާ ބިލުގައި ކޮމިޝަނަރު އޮފް ޕޮލިސް އައްޔަން ކުރާނީ މި ބިލުގައި ބަޔާންކޮށްފައިވާ ޕްރޮމޯޝަން ބޯޑުން ވަޒަންކޮށް ހޯމް މިނިސްޓަރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާއެވެ. ކޮމިޝަނަރު އޮފް ޕޮލިސް އަކަށް އައްޔަން ކުރެވޭ މީހަކީ ފުލުހުންގެ ހިދުމަތުގެ ވަޒީފާގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސްއަށްވުރެ މަތީ ރޭންކެއްގައި ހުރި ބޭފުޅަކަށް ވާންޖެހެއެވެ. އަދި މި ބިލު ފާސްވެ ގާނޫނަކަށްވާއިރު ކޮމިޝަނަރު އޮފް ޕޮލިސް އަކަށް މީހަކު އައްޔަންކޮށްފައިވާ ނަމަ އެ މަގާމަށް އިތުރު މީހަކު އައްޔަން ކޮށްގެން ނުވާނެ ކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ. އެހެންނަމަވެސް ބިލުގައި ބަޔާންކޮށްފައިވާ މާއްދާތައް ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް ހިނގާނެ ކަމަށް ބިލުގައިވެއެވެ.

މި މަގާމަށް ކުރިމަތިލާން ހުޅުވާލާނީ މި ބިލުގައި ބަޔާންކޮށްފައިވާ ޕްރޮމޯޝަން ބޯޑުންނެވެ. އަދި ކުރިމަތިލާ ފަރާތްތަކުގެ މެދުގައި އެ ބޯޑުން އިންޓަވިއު ކުރަންޖެހޭނެއެވެ. އަދި އެ ބޯޑުން ކަނޑައަޅާ އިމްތިހާނުތައް ހެދުމަކީ ލާޒިމް ކަމެއްގެ ގޮތުގައި ބިލުގައި ވަނީ ހިމަނާފައެވެ. ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް ނަން ހުށަހަޅާ ފަރާތްތައް ޕްރޮމޯޝަން ބޯޑަށް ނަން ހުށަހެޅުމުން ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑު މެދުވެރިކޮށް ކޮމިޝަނަރު ކަމަށް އެފަރާތްތައް ކަނޑައެޅުމުގެ ޝަރުތު ހަމަވޭތޯއާ އެ މަގާމަށް ކުރިމަތިލާފައި ތިބި ބޭފުޅުންނަކީ އަބުރުވެރި ބައެއްތޯއާ އެމަގާމަށް ކުރިމަތިލާފައިވާ ތިބި އެއްވެސް ބޭފުޅަކު އެ މަގާމަށް އައްޔަން ކުރަން ނުފެންނަ ކަމަށްވާ ނަމަ އެ ސަބަބުވެސް ހިމަނައިގެން އެ މަގާމަށް ކުރިމަތިލާފައިވާ ކޮންމެ ބޭފުޅަކާއި ގުޅޭ ރިޕޯޓެއް މި ދެތަނުން ޕްރޮމޯޝަން ބޯޑަށް ދޭންޖެހެއެވެ. އަދި އެ ރިޕޯޓު ހޯމް މިނިސްޓަރަށް ހުށަހަޅަންޖެހޭނެ ކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވާނެއެވެ.

ކޮމިޝަނަރު އޮފް ޕޮލިސްއެއް އައްޔަން ކުރާނީ ހަތަރު އަހަރު ދުވަހުގެ މުއްދަތަކަށެވެ. އެހެންނަމަވެސް އެ މުއްދަތު ހަމަވެ އިތުރު ބޭފުޅަކު އެ މަގާމަށް އައްޔަން ކުރަން ޖެހިއްޖެ ހާލަތެއްގައި ކުރިން މަގާމުގައި ހުންނެވި ކޮމިޝަނަރު އޮފް ޕޮލިސް އެ މަގާމުގައި ބަހައްޓަން ހޯމް މިނިސްޓަރަށް ފެންނަ ހިނދެއްގައި އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުގެ އުސޫލެއް ނުހިނގާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *