ޕީޖީ އޮފީހުގައި އިންޓާނަލް އިންކުއަރީއެއް، ބޮޑު ހިޔާނާތާ ގުޅުން އޮތްތޯ ބަލާނެ

ޕްރޮސިކިއުޓަރުންގެ ފުރަތަމަ މަހާސިންތާގައި ޕީޖީ އޮފީހުގައި މަސައްކަތް ކުރައްވާ ޕަބްލިކް ޕްރޮސިކިއުޓަރުންތަކެއް ---

ރާއްޖޭގައި މިފަހުގެ ތާރީހެއްގައި ހިނގާދިޔަ ބޮޑު ހިޔާނާތް، އެމްއެމްޕީއާރްސީ ހިޔާނާތާއި ގުޅިގެން ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހުގެ އެއްވެސް އިހުމާލެއް އޮތްތޯ ބެލުމަށް އިންޓާނަލް އިންކުއަރީ އެއް ކުރަމުން އަންނަ ކަމަށާއި އެ މައްސަލައިގެ ރިޕޯޓު ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ލިބޭނެ ކަމަށް ޕީޖީ ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން ޝަމީމް ވިދާޅުވީ ޕީޖީ އޮފީހުގެ އިންޓާނަލް އިންކުއަރީ ކުރިޔަށް ގެންދަނީ ތިން މެންބަރުންގެ ކޮމެޓީއަކުން ކަމަށެވެ. ޝަމީމް ވިދާޅުވީ އޭނާ އެކަމުގައި ބަލަން ބޭނުން ވަނީ އެމްއެމްޕީއާރްސީގެ މައްސަލާގައި މީގެކުރިން މަސައްކަތް ކުރެއްވި ބޭފުޅުންނާއި މިހާރު އެކަމާއި އުޅުއްވާ ބޭފުޅުންނަށް އެއްވެސް ތުހުމަތެއް ނުވަތަ ސުވާލު އުފެދޭ ކަމެއް އޮތްތޯ ކަމަށެވެ.

"ދެއްވާއިރުގައި އަޅުގަނޑުމެންނަށް އެނގޭނެ އިންޓާނަލީ ކޮން ދިމާލަކުންތޯ އަޅުގަނޑުމެންގެ ވީކްނަސްތައް ހުރީ. އެހެންވެއްޖިއްޔާ އެ ދިމާލެއް އަޅުގަނޑުމެންނަށް ރަނގަޅު ކުރެވޭނެ. ދެން އަޅުގަނޑުމެންނަށް ހަމަ ވަރަށް ޔަގީންކަން އެބައޮތް މިހިނގާ ޕްރޮސެސް ތެރޭގައި އެއްވެސް ނުފޫޒެއް އަޅުގަނޑުމެންނަށް އެއްވެސް ފަރާތަކުންނެއް ނެތް. ދެން ދައުވާ ކުރަން އަދި ނުކުރަން ނިންމާ ނިންމުމަކީ ހަމަ ސީދާ ޕީޖީ އޮފީހުގެ ނިންމުމެއް،" ޝަމީމް ވިދާޅުވިއެވެ.

ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަނީ ---

ޝަމީމް ވިދާޅުވީ ވަކި މީހެއް ހިމާޔަތް ކުރުމަށް ނުވަތަ ނުކުރުމަށް ޕީޖީ އޮފީހުން މަސައްކަތް ނުކުރާނެ ކަމަށެވެ.

"އަޅުގަނޑު ބަލަނީ ސިސްޓަމެޓިކް ކަންތައްތަކެއް ރަނގަޅު ކުރުމަށް ހުރީވިއްޔާ ހަމަ ވަގުތުން އެކަމެއް ރަނގަޅު ކުރަން. ދެން މުވައްޒަފަކު ގޯހެއް ހަދާފައި އޮތް ކަމަށް ގަބޫލު ކުރެވެންޏާ އޮންނަ ޕްރޮސެސްގެ ތެރެއިން ފިޔަވަޅު އަޅާނަން. ދެން އަޅުގަނޑުގެ ޝައުގުވެރިކަމެއް ނެތް އަޅުގަނޑުމެންގެ މަސައްކަތް ކޮމްޕްރޮމައިޒް ވާނެ އެއްވެސް މުވައްޒަފަކު ވަޒީފާގައި ބަހައްޓާކަން، އެއީ ކުރެވޭނެ ކަމެއްވެސް ނޫން. އެހެންވީމަ އެކަހަލަ ކަމެއް ފާހަގަ ކުރެވިއްޖެ ނަމަ އެ މުވައްޒަފަކަކަށް ފިޔަވަޅު އެޅޭނެ،" ޝަމީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބޭނުންވަނީ ޕީޖީ އޮފީހަކީ އޭނާ މަގާމުގައި ނެތް ދުވަހެއްގައި ވެސް ގާނޫނުގައި އޮންނަ ގޮތަށް އަކުރުން އަކުރަށް ގާނޫނު ތަންފީޒު ކުރާ އިދާރާއަކަށްވުން ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *