ނުފޫޒު ފޯރުވާނަމަ މަގާމުގައި ނުހުންނާނަން، ކުރާނެ ކަމެއް ނެތިގެން ނޫޅެން: ޕީޖީ

ރައީސް ޝަމީމްއަށް ފަތްކޮށްޅު ދެއްވަނީ -- ފޮޓޯ/ ރައީސް އޮފީސް

އެއްވެސް ފަރާތަކުން މަސައްކަތަށް ނުފޫޒު ފޯރުވާ ނަމަ ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ)ގެ މަގާމުގައި ނުހުންނަވާނެ ކަމަށް ޕީޖީ ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި ޝަމީމް ރޭ ވިދާޅުވީ މިހާރު ހުންނެވި މަގާމަށްވުރެ މާ ފަސޭހަ އަދި ޕްރެޝަރާއި ނުލާއި ކުރެވޭނެ މާގިނަ މަސައްކަތްތައް އެބަހުރި ކަމަށެވެ. އޭނާ ވިދާޅުވީ މަގާމުގެ ނުފޫޒު ފޯރުވާ ކަމަށްވާ ނަމަ މަގާމުގައި ހުންނަވަން ބޭނުންފުޅު ނުވާ ކަމަށެވެ. ޝަމީމް ވިދާޅުވީ އޭނާ ބޭނުންވަނީ އަންނަން އޮތް ޖީލަށް މިހާރު ތިއްބެވި ވަކީލުން މަސައްކަތްތަކެއް ކޮށްފައިވާކަން ހާމަ ކޮށްދިނުން ކަމަށެވެ.

"އަޅުގަނޑު ބޭނުން ވަނީ މި މަގާމުން ދާއިރުގައި ވެސް އެމްއެމްޕީއާރްސީ ކަހަލަ ބޮޑެތި މައްސަލަތަކުގައި އެއްވެސް ފަރާތަކަށް ބެލުމެއް ނެތި ފިޔަވަޅު އެޅި މީހަކަށްވާން. އަޅުގަނޑު މިއީ އަނެއްހެން އުމުރުންވެސް ވަރަށް ހަގު މި ދާއިރާގައި ލައްކަ ދުވަހު އުޅެން ވެސް ބޭނުންވޭ. އެހެންވީމަ އަޅުގަނޑު ބޭނުމެއް ނުވޭ އަޅުގަނޑުގެ މައްޗަށް އެކަހަލަ ތުހުމަތެއް އޮވެގެން އަނެއްހެން ކުރިއަށް އޮތް ތަނުގައި އުޅޭކަށް. އަދި ތިރީހަކަށް އަހަރު މި ދާއިރާގައި އުޅެން ހުރިއްޔަކާއެއް އޭގެ ތުހުމަތެއް ހިފައިގެން އުމުރަށް ހުންނާކަށެއް،" ޝަމީމް ވިދާޅުވިއެވެ.

ތަކުރާރުކޮށް ޝަމީމް ވަނީ ވަކި މީހެއްގެ މައްޗަށް ދައުވާ ކުރާކަށް ނުވަތަ ނުކުރާކަށް އެއްވެސް ފަރާތަކުން ނުފޫޒު ފޯރުވައިފި ނަމަ މަގާމުގައި ނުހުންނަވާނެ ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑު މި މަގާމުގައި ނުހުންނާނަން އަޅުގަނޑުގެ މައްޗަށް ނުފޫޒެއް ފޯރުވަންޏާ އެއްވެސް ފަރާތަކުން. އަޅުގަނޑު ކުރާނެ ކަމެއް ނެތިގެނެއް ނޫން މިއުޅެނީއެއް،" ޝަމީމް ވިދާޅުވިއެވެ.

މީގެކުރިން ޕީޖީ އޮފީހުގައި ހޭދަކުރި ދުވަސްތަކާއި އަދި ޕީޖީގެ މަގާމަށް އައްޔަން ކުރެއްވި ހިސާބުން މިއަދާއި ހަމައަށްވެސް އެއްވެސް ބޭފުޅެއްގެ ފަރާތުން ނުފޫޒެއް ފޯރުވާފައި ނުވާ ކަމަށް ޝަމީމް ވިދާޅުވިއެވެ. ނަމަވެސް މީގެ 10 ވަރަކަށް އަހަރު ކުރިން އެފަދަ އިރުޝާދެއް އައި ކަމަށް ވިދާޅުވެ ޝަމީމް ވަނީ އޭރު ދިމާވި ކަންތައް ކޮންމެވެސް ވަރަކަށް ތިލަ ކުރައްވާފައެވެ. ނަމަވެސް އެއީ ކޮން ވެރިކަމެއްގައި ކަމެއް ހާމައެއް ނުކުރައްވައެވެ.

"އަޅުގަނޑުމެން ދެންނެވީ އެކަމާބެހޭ ސަރުކާރުގެ ވިސްނުން ހުރި ގޮތް ސިޓީއަކުން ފޮނުވާލަ ދެއްވާށޭ. ދެން އެކަމަކު އެ ސިޓީއެއް ނާދޭ. އަޅުގަނޑުމެން މި ދެންނެވީ ސިޓީއަކުން ފޮނުވާށޭ. އެ ސިޓީ ދެއްވައިފިއްޔާ އެ ސިޓީގައި ބުނެފައިވާ ގޮތަށް ކަންތައް ކުރާނަމޭ އެކަމަކު އެ ސިޓީއެއް ނާދޭ. އެހެންވީމަ މިހާރުގެވެސް އިންސްޓްރަކްޝަނަކީ ވަކި ގޮތަކަށް އަޅުގަނޑު ކައިރީގައި ކަމެއް ކުރަން ބުނަންޏާ ލިޔުމުން ފޮނުވާލަ ދެއްވާށޭ. ދެން އޭރުން އަޅުގަނޑުގެ އަތުގައި އެ ލިޔުން އޮންނާނެތާއޭ،" ޝަމީމް ވިދާޅުވިއެވެ.

ޝަމީމް އަކީ މީގެކުރިން ޑެޕިއުޓީ ޕްރޮސިކިއުޓަރު ޖެނެރަލްގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. އެއީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގެ ފަހު ދުވަސްކޮޅުގެ ތެރޭގައެވެ. އެ މަގާމަށް ޝަމީމް ހަމަޖެއްސެވީ 2013ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 12ވަނަ ދުވަހުއެވެ.

ނަމަވެސް އޭގެފަހުން ޝަމީމް މަސައްކަތް ކުރެއްވީ ގާނޫނީ ވަކީލެއްގެ ގޮތުގައެވެ. ބޮޑެތި މައްސަލަތައް ކާމިޔާބު ކުރައްވާފައިވާ ޝަމީމް އެންމެ ފަހުން ކާމިޔާބު ކުރެއްވި ބޮޑު މައްސަލައަކަށް 2018ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ބާތިލް ކުރުމަށް މިހާރުގެ އިދިކޮޅު ފަރާތްތަކުން ހުށަހެޅި މައްސަލަ ފާހަގަކޮށްލެވެއެވެ. ޝަމީމް ވަޑައިގަތީ އިލެކްޝަންސް ކޮމިޝަނުގެ އިސް ވަކީލުގެ ގޮތުގައެވެ.

ގިނަ ބައެއްގެ އިތުބާރު ލިބިފައިވާ ޝަމީމް ޕީޖީގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 8ވަނަ ދުވަހުއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *