ކިތަންމެ ދުވަހެއް ވިޔަސް ބޮޑު ހިޔާނާތުގެ ބައިވެރިވި މީހުން ދޫނުކުރާނަން، ކޮޅެއްގައި ޖައްސާނަން

ކިތަންމެ ދުވަހެއްވި ނަމަވެސް އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ބައިވެރި މީހުން ދޫ ނުކުރާނެ ކަމަށާއި އެމީހުންގެ މައްސަލަ ދޫކޮށްލާނީ ކޮންމެވެސް ކޮޅެއްގައި މައްސަލަ ޖެއްސުމަށް ފަހު ކަމަށް ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ 'ފަލަސުރުހީ" ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުން ޕީޖީ ޝަމީމް ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލާގައި ތަފާތު އެކި ފަރާތްތައް ހިމެނޭ ކަމަށެވެ. އެގޮތުން ތަހުގީގަށް 260 މީހުންގެ ލިސްޓެއް ވެސް ލިބިފައިވާ ކަމަށާއި ނަމަވެސް އެ ހުރިހާ މީހުންނަކީ ހިޔާނާތުގެ މައްސަލާގައި ދައުވާކޮށް ޖަލަށްލާނެ މީހުން ނޫން ކަމަށެވެ.

ޝަމީމް ވިދާޅުވީ އެ ލިސްޓުގެ ތެރޭގައި އެމްއެމްޕީއާރްސީ އާއި އެކުގައި ރަނގަޅު ގޮތުގައި ނުވަތަ ހެޔޮ ނިޔަތުގައި މުއާމަލާތް ކޮށްފައި ތިބި ފަރާތްތައްވެސް ހިމެނުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެފަދަ އެއްވެސް މީހަކަށް ޕީޖީން ދައުވާ ނުކުރާނެ ކަމަށެވެ. އެހެންނަމަވެސް ނުބައި ނިޔަތެއްގައި އެމްއެމްޕީއާރްސީ އާއި މުއާމަލާތް ކޮށްފައި ތިބި މީހުންނަށް ޕީޖީން ދައުވާ ކުރާނެ ކަމަށާއި މައްސަލަ ކޮޅެއްގައި ނުޖެހެނީ ހުއްޓާ ނުލާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

"ނުބައި ނިޔަތެއް އޮވެގެން އެ ނުބައި ނިޔަތް އޮތްކަން އަޅުގަނޑުމެންނަށް ސާބިތު ކޮށްދެވޭނެ މައްސަލަތަކުގައި އަޅުގަނޑުމެން ދައުވާ ކުރާނަން. އެއިން އެއްވެސް މީހަކު އަޅުގަނޑުމެން ދުލެއް ނުކުރާނަން. ކިތަންމެ ދުވަހެއް ވިޔަސް. މިކަމަށް އަޅުގަނޑުމެންނަށް ކިތަންމެ ގިނަ އަހަރެއް ނެގިޔަސް މި އަޅުގަނޑުމެން ތުހުމަތު ކުރެވޭ މީހުންގެ މައްސަލަތައް ކޮޅެއްގައި ޖެހެންދެން މިކަންތައް ކުރިޔަށް ގެންދާނަން،" ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ މުޅި މައްސަލަ ހިންގާ ރޭވުމުގައި އިސްކޮށް އުޅުއްވީ ތިން ފަރާތެއް ކަމަށެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ އިތުރުން އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ކަމަށެވެ. ނަމަވެސް އެ ތިން ބޭފުޅުންނާއި ހަމައިން އެ މައްސަލަ ނުނިމޭ ކަމަށް ވިދާޅުވެ ޝަމީމް ވިދާޅުވީ އެ މައްސަލާގައި މުޅި ދައުލަތުގެ އިހުމާލު އެބަ އޮތް ކަމަށެވެ.

“އޭރުގެ ދައުލަތް ހިންގުމުގައި ހުންނެވި މީހުންނާއި އަދި ދައުލަތުގެ މުއައްސަސާތަކުގައި ތިއްބެވި ވަރަށް ގިނަ ބޭފުޅުންގެ އިހުމާލެއް ކަމެއް ނުވަތަ ގަސްތުގައި ކަމެއް ނުކުރީ ކަމެއް ކޮންމެވެސް ބައިވެރިވުމަށް އެއީ ކަމެއް ކޮށްގެންވިއަސް ނުކޮށްވިއަސް އެބޭފުޅުންގެ ބައިވެރިވުމަށް އެބައޮތް،” ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ އެމްއެމްޕީއާރްސީ މައްސަލާގައި ތަފާތު އެކި ކްލަސްޓާތައް ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ޝަރުއީ ދާއިރާގެ ބޭފުޅުންނާއި ފުލުހުންނާއި ސިފައިންނަކީ ވެސް އެ މައްސަލައިގެ ތަހުގީގުގެ ތެރެއިން ފާހަގަކުރެވުނު ކްލަސްޓާއެއް ކަމަށާއި ފުލުހުންގެ ތެރޭގައި މީގެކުރިން ފުލުހުންގެ މުއައްސަސާގައި އުޅުއްވާފައިވާ ބޭފުޅުން ހިމެނިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *