އިހުމާލުވެފައި ވާތީ އޭސީސީގެ ކުރީގެ މެންބަރުންގެ މައްސަލަތަކެއް ބަލަނީ

އޭސީސީގެ ކުރީގެ މެންބަރުން ނޫސްވެރިންގެ ބައްދަލުވުމެއްގައި: ފޮޓޯ / ޕީއެސްއެމް

ރާއްޖޭގައި މިފަހުގެ ތާރީހެއްގައި ހިނގާދިޔަ އެންމެ ބޮޑު ހިޔާނާތް އެމްއެމްޕީއާރްސީގެ މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ކުރީގެ މެންބަރުންގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝަމީމް ވިދާޅުވީ  މުޅި މައްސަލަ ހިންގާ ރޭވުމުގައި އިސްކޮށް އުޅުއްވީ ތިން ފަރާތެއް ކަމަށެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ އިތުރުން އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ކަމަށެވެ. ނަމަވެސް އެ ތިން ބޭފުޅުންނާއި ހަމައިން އެ މައްސަލަ ނުނިމޭ ކަމަށް ވިދާޅުވެ ޝަމީމް ވިދާޅުވީ އެ މައްސަލާގައި މުޅި ދައުލަތުގެ އިހުމާލު އެބަ އޮތް ކަމަށެވެ.

އޭރު ދައުލަތް ހިންގުމުގައި ހުންނެވި މީހުންނާއި އަދި ދައުލަތުގެ މުއައްސަސާތަކުގައި ތިއްބެވި ވަރަށް ގިނަ ބޭފުޅުންގެ އިހުމާލެއް މި މައްސަލާގައި އެބައޮތް ކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި އެބޭފުޅުން އެކަމުގައި އިހުމާލުވީ ގަސްތުގައި ކަމެއް ނުވަތަ ނޫން ކަމެއް ނޭނގޭ ކަމަށާއި ނަމަވެސް މިވަރުގެ ބޮޑު ހިޔާނާތުގެ އަމަލެއް އެބޭފުޅުންނަށް ނޭނގި ނުހިނގާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"މިސާލަކަށް އެންޓި ކޮރަޕްޝަން ކޮމިޝަން. އެންޓި ކޮރަޕްޝަން ކޮމިޝަންގެ އޭރުގެ މެންބަރުންގެ ދެން އަޅުގަނޑުމެންނަށް ފާޅުގައި ފެންނަން އެބައޮތް އޭގެ އިހުމާލެއް ހަމަ ގައިމުވެސް އެބޭފުޅުން މަސައްކަތް ކުރެއްވުމުގައި ކޮންމެވެސް ވަރެއްގެ ފަރުވާ ކުޑަ ކަމެއް އުޅޭ ކަމަށް. އަނެއްހެން ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން އެބަހުރި. އޭގެ ތަހުގީގުތައް އެބަ ކުރިޔަށްދޭ. އެހެންވީމަ އެންޓި ކޮރަޕްޝަން ކޮމިޝަންގެ ކުރީގެ މެންބަރުންގެ މައްސަލަތައް ވެސް އެބަ ބެލޭ،" ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ އޭގެއިތުރުން އޭރު ރާއްޖޭގެ ނާއިބު ރައީސަކަށް ހުންނެވި އަހުމަދު އަދީބާއި ގާތް ގުޅުމެއް ބޭއްވި ފުލުހުންގެ މައްސަލަތައް ވެސް ބަލަމުން ގެންދާ ކަމަށެވެ.

"ފަނޑިޔާރުންގެ ތެރެއިންވެސް ދެތިން ފަނޑިޔާރެއްގެ މައްސަލަވެސް މިހާރުވެސް ކުރިޔަށް އެބަދޭ. އެހެންވީމަ މިގޮތަށް ހުރި މައްސަލަތައް އަޅުގަނޑުމެން ވަރަށް އަވަހަށް ނިންމާލާނަން،" ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ އެ މައްސަލާގައި ވަރަށް ގިނަ ފަރާތްތަކެއް ޝާމިލުވާ ކަމަށެވެ. އެގޮތުން 260އެއްހާ މީހުން އެކި ގޮތް ގޮތުން ޝާމިލުވާއިރު އެ މީހުންގެ ތެރޭގައި އެކި ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ ސިޔާސީ ބޭފުޅުން ހިމެނިވަޑައިގަންނަވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *