ޔުނީފޯމާއި ނަން ބަދަލު ކުރިޔަސް ފުލުހުންގެ ގައުމީ ޒިންމާ އަދާކުރާނެ: ޝިޔާމް

ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް: ފޮޓޯ މަޖިލިސް

ފުލުހުން އަޅާ ޔުނީފޯމާއި އަދި ފުލުހުންގެ ކުލައާ ފުލުހުންގެ މުއައްސަސާއަށް ކިޔަމުން އަންނަ ނަން ބަދަލު ކުރި ނަމަވެސް ފުލުހުންގެ ގައުމީ ޒިންމާ އަދާ ކުރުމުގައި ފަހަތަށް ނުޖެހޭނެ ކަމީ ޔަގީން ކަމެއް ކަމަށް ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ގާނޫނުއަސާސީ އިސްލާހު ކުރުމަށް ބޭއްވި ޖަލްސާތަކަށްފަހު ލިބުނު އަނިޔާތަކަށްފަހު މިއީ މިފަދައިން ޝިޔާމް ބަސް ވިދާޅުވި ފުރަތަމަ ފަހަރެވެ. ޝިޔާމް އޭނާގެ ޓްވީޓާ އެކައުންޓުން ކުރި ޓްވީޓެއްގައި ވިދާޅުވީ ފުލުހުން ކާކީ ކުލައިގެ ސޯޓުބުރި ލައްވާ ރަބަރު ގަނޑަކަށް އަރުވާފައި މާލޭގެ މަގުމައްޗަށް ވެސް ނެރެވިދާނެ ކަމަށެވެ. ފުލުހުންގެ މުއައްސަސާގެ ކުލަ ބަދަލުކޮށް ފުލުހުންގެ ބާރުތައް ހަނިކޮށް ހިތުހުރި ތާކަށް ޖަމާކޮށް ފުލުހުންގެ މައި މަރުކަޒުގެ ނަން "ބާގީންގެ" ނަމަށްވެސް ބަދަލު ކުރެވިދާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"ފުލުހުން ގައުމީ ޒިންމާ އަދާ ކުރުން މަތީ ދެމި ތިބޭނެކަން ޔަގީން. ﷲގެ ރަހުމަތްފުޅުން މިނޫން ދުވަހަކާއި ދިވެހިން އަދި ބައްދަލުކުރާނެ. އެ ދުވަހަކުން ފުލުހުންގެ ހައްގު މަގާމު ލިބި ގާނޫނީ ފުރިހަމަ ބާރުވެސް ލިބޭނެ،" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވަނީ ދިވެހި ރައްޔިތުން އެއްގޮތަކަށްވެސް މާޔޫސް ނުވުމަށް އިލްތިމާސް ކުރައްވާފައެވެ.

ޝިޔާމް މިފަދައިން ވިދާޅުވެފައިވާއިރު މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލަށް ބަހުސް ކުރައްވަމުން މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބޯދިގު) ވިދާޅުވީ، ފުލުހުންނަކީ އެންމެ ކުރިން ފެށިގެން ވެސް ރައްޔިތުންނަށް އަނިޔާކުރާ ބައެއް ކަމަށާއި، ނަމަވެސް އޭގެ ބަދަލުގައި އެއްވެސް އަދަބެއް ނުލިބި މިނިވަންކަން މަތީގައި އުޅޭ ބައެއް ކަމަށެވެ. މެމްބަރުން ވިދާޅުވީ ފުލުހުންނަށް ބާރެއް ދީފިނަމަ، މާ ނުބައި ކަންތައްތަކެއް ވެގެންދާނެ ކަމަށް ބޯދިގު ވިދާޅުވިއެވެ. އޭނާ ވަނީ ފުލުހުންގެ ޔުނީފޯމުވެސް ވީހާވެސް ހުތުރުކުރުމަށް ގޮވާލައިފައެވެ.

“ހުތުރު ސިފައެއްގެ ގޮތުގައި ޕޮލިހުން ބައިތިއްބަންވީ. މާ ސްމާޓް އެއްޗެހި ލައްވާފައި ބައިއްތިއްބާކަށް ނުޖެހޭ. ސަރުދާރުންގެ ގޮތުގައި ނެރެންވީ ކުޑަ ދަނޑިބުރިއެއް ދީފަ،” މެމްބަރު ވިދާޅުވިއެވެ.

ބޯދިގުގެ އެވާހަކަތަކާއި ގުޅިގެން ގިނަބައެއްގެ ފާޑު ކިޔުންތައް ބޯދިގަށް ވަނީ އަމާޒުވެފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ފުލުހުންގެ ކުލައާ ފުލުހުންގެ މުއައްސަސާގެ ނަން ބަދަލު ކުރަންޖެހޭ ކަމަށް ވިދާޅުވުމުން އެމަނިކުފާނަށް ވެސް އަންނަނީ ގިނަ ބައެއްގެ ފާޑު ކިޔުންތައް އަމާޒުވަމުންނެވެ. މި މައްސަލާގައި ފުލުހުންގެ އާއިލާތަކުން ވެސް ވަނީ ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކޮށްފައެވެ.

Leave a Reply

Your email address will not be published.