ގއ. މާމެންދޫ އިން ކޮވިޑް19 އަށް މީހަކު ޕޮޒިޓިވްވެއްޖެ

ގއ. މާމެންދޫ ---

ގއ. މާމެންދޫ އިން ކޮވިޑް19 އަށް މީހަކު ޕޮޒިޓިވްވެއްޖެއެވެ.

"ހަތާވީސް އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ގއ. އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު ފުއާދު ވިދާޅުވީ އެމީހާއަކީ މި މަހުގެ 13ވަނަ ދުވަހު މާލެއިން މާމެންދޫ އަށް ހޯމް ކަރަންޓީނަށް ދިޔަ މީހެއް ކަމަށެވެ. އަދި އެމީހާ ދަތުރުކުރި ފްލައިޓުގައި ޖުމްލަ 80 މީހަކު ދަތުރުކުރި ކަމަށްވެސް ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ އެ ފްލައިޓުގައި ހިމެނެނީ ގއ. ގެމަނަފުއްޓާއި ގއ. މާމެންދޫ އަށް ނިސްބަތްވާ މީހުން ކަމަށެވެ. އެގޮތުން މާމެންދޫ އަށް ދިއުމަށްޓަކައި އެ ފްލައިޓުން 35 މީހަކު ދަތުރު ކުރި ކަމަށާއި ބާކީ ތިބި މީހުންނަކީ ގެމަނަފުއްޓަށް ދަތުރުކުރި މީހުން ކަމަށްވެސް ފުއާދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމީހާ އާއި އެއާޕޯޓުން ބައެއް މީހުންނާއި ބައްދަލުވި ކަމަށާއި ނަމަވެސް އޭގެފަހުން އެއްވެސް ބަޔަކާއި ބައްދަލުވި ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ. އަދި އެމީހާގެ ކޮންޓެކްޓު ޓްރޭސިން ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިއީ ކޮވިޑް19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމަށް ނިންމި ފަހުން ރާއްޖޭގެ ރަށަކުން މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވި ދެވަނަ ފަހަރެވެ. މީގެކުރިން އައްޑޫ ސިޓީގެ ގަމުގައި ހުންނަ އިކުއިޓޯރިއަލް ވިލެޖުގައި ކަރަންޓީންގައި ހުރި 65 އަހަރުގެ އަންހެނަކު ވެސް ވަނީ ޕޮޒިޓިވްވެފައެވެ.

Leave a Reply

Your email address will not be published.