ޓޫރިޒަމް އަލުން ފެށުމާއި ގުޅޭ ގައިޑްލައިނަށް ބަދަލު ގެނައުމަށް ރައީސް ނިންމަވައިފި

ނެޝަނަލް ޓާސްކްފޯރސް އޮން ރެސިލިއަންސް ބިލްޑިންގް އެންޑް އިކޮނޮމިކް ރިކަވަރީގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ / ރައީސް އޮފީސް

ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރުން އަލުން ހުޅުވާލުމާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ގައިޑްލައިނަށް ބައެއް ބަދަލުތައް ގެންނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

ގައިޑްލައިނަށް ބަދަލުތަކެއް ގެންނަން ނިންމަވާފައި ވަނީ މިއަދު ކުރިއަށް ދިޔަ، ނެޝަނަލް ޓާސްކްފޯސް އޮން ރެސިލިއަންސް ބިލްޑިންގް އެންޑް އިކޮނޮމިކް ރިކަވަރީގެ ދެވަނަ ބައްދަލުވުމުގައި އެ ގައިޑްލައިނާ ގުޅޭގޮތުން ޓާސްކްފޯސްގެ ބައިވެރިންނާއި މަޝްވަރާ ކުރެއްވުމަށްފަހުއެވެ.

ޓާސްކްފޯސްގެ މިއަދުގެ ބައްދަލުވުމުގައި އެޖެންޑާކޮށްފައިވާ "ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރުން އަލުން ހުޅުވާލުމާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ގައިޑްލައިން“ އާއި ގުޅޭގޮތުން މަޝްވަރާކުރައްވަން ފެއްޓެވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރުމަށް ރާއްޖޭގެ ބޯޑަރުތައް އަންނަ މަހުގެ ތެރޭގައި ހުޅުވާލާއިރު އެކަމުގައި ސަރުކާރުން ވިސްނުންގެންގުޅުއްވާ ގޮތް ބައްދަލުވުމުގެ ބައިވެރިންނަށް ޙިއްޞާކުރައްވާފައެވެ. އެއަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ މި ގައިޑްލައިންގައި ހުރި ބައެއް މާއްދާތަކާމެދު ޓާސްކްފޯހުގެ މެންބަރުންގެ ޚިޔާލާއި މަޝްވަރާ ހޯއްދަވާފައެވެ.

މިގޮތުން މި ބައްދަލުވުމުގައި ޓާސްކްފޯހުގެ މެންބަރުން ޚިޔާލު ހުށަހެޅުއްވި ކަންކަމުގެ ތެރޭގައި ފަތުރުވެރިން ރާއްޖެ އަންނައިރު ޢަމަލުކުރާނެ ގޮތްތައް ބަޔާންކޮށްފައިވާ މާއްދާތަކާއި، ފަތުރުވެރިން ކޯވިޑް-19 އަށް ޓެސްޓުހެދުމާއި، އައިސޮލޭޓް ކުރުމާއި ގުޅޭގޮތުން ހުރި ބައެއް މާއްދާތަކާއި އަދި ރިޒޯޓްތަކަށް ދަތުރުކުރާ ފަރާތްތަކުން ޢަމަލުކުރަންޖެހޭ ގޮތްތައް ބަޔާންކޮށްފައިވާ މައްދާތަކުގައި ހުރި ކަންކަން ހިމެނެއެވެ. މީގެ އިތުރުން ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލާއިރު ދިވެހިރައްޔިތުންނާއި، ފަތުރުވެރިންނާއި އަދި ރާއްޖޭގައި އުޅޭ ހުރިހާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންކަމާއި ބެހޭގޮތުން މި ބައްދަލުވުމުގައި ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޓާސްކްފޯހުގެ ބައިވެރިންގެ ޚިޔާލުފުޅުތަކާއެކު ބައެއް މާއްދާތަކަށް ބަދަލުތަކެއް ގެންނެވުމަށް ނިންމަވާފައެވެ.

"ނެޝަނަލް ޓާސްކްފޯރސް އޮން ރެސިލިއަންސް ބިލްޑިންގް އެންޑް އިކޮނޮމިކް ރިކަވަރީ"ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ މި ޓާސްކްފޯހުގެ މައިގަނޑު މަޤްސަދަކީ ކޯވިޑް-19 އާއި ގުޅިގެން ދިމާވެފައިވާ ޙާލަތުން، އިޤްތިޞާދީގޮތުން އަވަސް ރިކަވަރީ އަކަށް ވާސިލުވެ، އަދި އިޤްތިޞާދީ ދުވެލި އާރާސްތުކުރުމަށް ކަމާގުޅޭ ހުރިހާ ދާއިރާތަކެއްގެ ބައިވެރިވުމާ، ޚިޔާލާ، މަޝްވަރާގެ މަތިން، ކުރާނެ ކަންކަން ރާވައި ހިންގުމާ އަދި މި ކަންކަމަށް ފައިސާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދިއުމެވެ.

ނެޝަނަލް ޓާސްކްފޯސް ހިނގަމުންދާނީ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުންނެވެ. އަދި ޓާސްކްފޯހުގެ މަސައްކަތްތައް ކުރިއަށް ގެންދާނީ 3 މަސައްކަތު ގްރޫޕަކަށް ބަހާލައިގެންނެވެ. އެ 3 މަސައްކަތު ގުރޫޕަކީ، ވާރކިންގް ގްރޫޕް އޮން ފައިނޭންސް، ވާރކިންގް ގްރޫޕް އޮން އިކޮނޮމިކް ރިކަވަރީ އަދި ވާރކިންގް ގްރޫޕް އޮން ސޯޝަލް ސެކްޓަރ އެވެ.

Leave a Reply

Your email address will not be published.