ފުލުހުންގެ ބިލުގައިި 241 ކޮމިޓީ އަށް ބާރު ދިނުމުން މިހާރަށްވުރެ ސިޔާސީ ނުފޫޒު ވަންނާނެ: ޝަހީމް

ކުރީގެ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު/ ފޮޓޯ- އައިޔޫއެމް

ފުލުހުންގެ މުއައްސަސާގެ މައްޗަށް ރައްޔިތުން މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާއި ބެހޭ ކޮމެޓީ (241 ކޮމެޓީ) އިން އަމުރު ކުރެވޭ ގޮތަށް ގާނޫނު ބަދަލު ކުރުމަކީ މިހާރަށްވުރެ ބޮޑަށް ސިޔާސީ ނުފޫޒު ފުލުހުންގެ ތެރެއަށް ވަންނާނެ ކަމެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ ފުލުހުންގެ މުއައްސަސާއަކީ ވެރިކަން ހިންގުމުގެ ބާރުގެ ތެރޭގައި ހިމެނޭ މުއައްސަސާއަކަށް ވާންވާނެ ކަމަށެވެ. ފުލުހުންގެ މުއައްސަސާގެ މައްޗަށް މަޖިލީހުގެ 241 ކޮމެޓީން އަމުރު މައުރޫފް ހިންގޭ ގޮތައް ގާނޫނަށް ބަދަލު ގެނައުމަކީ ސިޔާސީ ނުފޫޒު މިހާރަށް ވުރެ ބޮޑަށް ވަދެގެންދާނެ ކަމެއް ކަމަށް ޝަހީމް ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ ފަރާތުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ހުށަހެެޅުއްވި "ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލް"ގެ 14 ވަނަ މާއްދާ ހާއްސަކޮށްފައި ވަނީ ފުލުހުންގެ ހިދުމަތުގައި ކޮމިޓީގެ ދައުރު އޮންނާނެ މިންވަރާއި ގޮތްތައް ބަޔާން ކުރުމަށެވެ. ބިލުގައިވާ ގޮތުން ކޮމިޓީގެ ދައުރު ގާނޫނުގައި ހިމަނަނީ 241 ކޮމިޓީ އަށް ގާނޫނުއަސާސީން ލިބިދީފައިވާ ބާރަށް އަމަލީ ސިފަ ގެނައުމަށެވެ. އެގޮތުން އެ ބިލްގެ 73 ވަނަ މާއްދާގެ (ށ)ގައިވާ ގޮތުން ކޮމިޓީގެ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްްގެން އަންގާ އެންގުންތަކަށް އެ އެންގުންތައް ރައްދުވާ ފަރާތްތަކުން ތަބާވުން ލާޒިމުވާނެއެވެ.

ބިލުގައިވާ ގޮތުން ފުލުހުންގެ ހިދުމަތަށް ގެންނަން ޖެހޭ އެކި އެކި ބަދަލުތައް ގެންނަން ހޯމް މިނިސްޓަރަށާއި ޕޮލިސް ކަމިޝަނަރަށް އެންގުމުގެ ބާރު ކޮމިޓީ އަށް އޮންނާނެއެވެ. އެގޮތުން ފުލުހުންނަށް ލިބޭ އިނާޔަތާއި ފަސޭހަތަކާ ގުޅޭ ކަންކަމަށް ބަދަލު ގެންނަން ވެސް ކޮމިޓީން އެނގޭނެއެވެ. ތަހުގީގަށް ބަންދުކުރާ މީހުންނާ މެދު އަމަލުކުރާ އުސޫލުތައް ދެނެގަތުމާއި އެ އުސޫލުތައް ބަދަލުކުރަން އެންގުމުގެ ބާރު ވެސް އެ ބިލް ގާނޫނަކަށް ވުމުން ކޮމިޓީ އަށް އޮންނާނެއެވެ.

ފުލުހުންގެ އިދާރާއާ ބެހޭ ގޮތުން ހުށަހަޅާ ޝަކުވާތައް ބަލައި، އެގޮތުން ލިބޭ ޝަކުވާއެއްގައި ގަބޫލުކުރެވޭ ކަމެއް އޮތް ނަމަ އެކަން ތަކުރާރުވިޔަ ނުދިނުމަށް ފިޔަވަޅު އަޅަން އެންގުމާއި އެގޮތުން އަޅާނެ ފިޔަވަޅުތައް މިނިސްޓަރަށާއި ކޮމިޝަނަރަށް އެންގުމުގެ ބާރު ވެސް ބިލްގައި ކޮމިޓީ އަށް ލިިބިދީފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *