ފުލުހުންގެ އިމާރާތުގެ ނަން ބަލައިނުގަނެވިގެން އުޅެނީ ޝަހީދުންގެ ލޭގެ އަގު ވަޒަން ނުކުރާ މީހުން: ޖަމީލް

ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހްމަދު-

ދިވެހި ފުލުހުންގެ އިމާރާތުގެ ނަން ބަލައި ނުގަނެވިގެން އުޅެނީ ދިވެހި ގައުމުގެ މިނިވަންކަމަށްޓަކައި ޝަހީދުވި ދިވެހި ދަރިންގެ ލޭގެ އަގު ވަޒަން ނުކުރެވޭ މީހުންނަށް ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ޝަރުއީ ނިޒާމު އޮތީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މުށު ތެރޭގައި ކަމަށެވެ. މައްސަލަތައް ޝެޑިއުލް ކުރުމުގައި ވެސް މިއަދު ކޯޓުތަކުގެ ބާރު ނެތް ކަމަށް ވިދާޅުވެ ޖަމީލް ވިދާޅުވީ މައްސަލަތައް ތަހުގީގު ކުރާ ފުލުހުންވެސް މަޖިލީހުގެ ބާރުގެ ދަށުގައި ތިބި ކަމަށެވެ. ދައުވާ ކުރާ ފަރާތްވެސް އުޅެން ޖެހެނީ މަޖިލީހުން ރުހޭ ގޮތަށް ކަމަށާއި އެހެންކަމުން އެއީ ރިފޯމްތޯ އޭނާ ވަނީ ސުވާލު އުފައްދާފައެވެ. ޖަމީލް ވަނީ މަޖިލީހުގައި ތިބީ ޝަރީއަތުގެ މާ މައްޗަށް ތިބި ބައެއްތޯ ސުވާލު އުފައްދާފައެވެ.

"ޕޮލިސް އިމާރާތުގެ ނަން ބަލައި ނުގަނެވޭނީ ޝަހީދުންގެ ލޭގެ އަގުވަޒަން ކުރަން ބޭނުން ނުވާ ބައެއް. އެއީ އެންމެ ބޮޑެތި ހާއިނުން،" ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ ބާގީންގެ އަތްދަށުން ދިވެހި ގައުމު ސަލާމަތްކުރި އަބްތާލުންގެ ދިފާއުގައި މުޅި ގައުމު ތެދުވާނެ ކަމަށެވެ. އަދި ޝަހީދުންގެ ޒިކުރާ ފަނޑުވިޔަކަ ނުދޭނެ ކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ.

ޖަމީލް މިފަދައިން ވިދާޅުވެފައި މިވަނީ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ފުލުހުންގެ ބިލަށް ބަހުސް ކުރައްވަމުން މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބޯދިގު) ވިދާޅުވީ، ފުލުހުންނަކީ އެންމެ ކުރިން ފެށިގެން ވެސް ރައްޔިތުންނަށް އަނިޔާކުރާ ބައެއް ކަމަށާއި، ނަމަވެސް އޭގެ ބަދަލުގައި އެއްވެސް އަދަބެއް ނުލިބި މިނިވަންކަން މަތީގައި އުޅޭ ބައެއް ކަމަށް ވިދާޅުވެފައި ވަނިކޮށެވެ.

ބޯދިގު ވިދާޅުވީ ފުލުހުންނަށް ބާރެއް ދީފިނަމަ، މާ ނުބައި ކަންތައްތަކެއް ވެގެންދާނެ ކަމަށް ބޯދިގު ވިދާޅުވިއެވެ. އޭނާ ވަނީ ފުލުހުންގެ ޔުނީފޯމުވެސް ވީހާވެސް ހުތުރުކުރުމަށް ގޮވާލައިފައެވެ.

“ހުތުރު ސިފައެއްގެ ގޮތުގައި ޕޮލިހުން ބައިތިއްބަންވީ. މާ ސްމާޓް އެއްޗެހި ލައްވާފައި ބައިއްތިއްބާކަށް ނުޖެހޭ. ސަރުދާރުންގެ ގޮތުގައި ނެރެންވީ ކުޑަ ދަނޑިބުރިއެއް ދީފަ،” މެމްބަރު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *