މައްސަލައެއް ފެންމަތިނުވުމަކީ ޝިދާތާ މަގާމަށް ކުފޫ ހަމަވުމެއް ނޫން!

ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު --

ވ. ރަކީދޫގައި ކުޑަ ފިރިހެން ކުއްޖަކަށް އަނިޔާކޮށް އެ ކުއްޖާ މަރުވެފައި އޮއްވާ ފެނުނު ހަބަރަކީ މުޅި ރާއްޖެ ސިއްސުވާލި ހަބަރެކެވެ. އަދި އެކުއްޖާއަށް އަނިޔާކުރަމުން ދިޔައީ އެކުއްޖާގެ އުފަން މަންމަކަން ހާމަވުމާއި އެކުގައި ގިނަ ރައްޔިތުން ބުނަމުން ދިޔައީ އެ މީހާއަށް ގާނޫނުގައި އޮންނަ އެންމެ ހަރުކަށި އަދަބު ދިނުމަށެވެ. އެއާއެކު ދެން ފެންމަތިވީ އެކުއްޖާއަށް އަނިޔާ ކުރާ މައްސަލަ މީގެކުރިން ޖެންޑާ މިނިސްޓްރީއަށް ހުށަހެޅި ކަމަށާއި އެހެންނަމަވެސް ޖެންޑާއިން އެކަމަށް މާބޮޑު ސަމާލުކަމެއް ދީފައި ނުވާ ވާހަކައެވެ. އެއާއެކު ރައްޔިތުންގެ ރުޅިގަނޑު ކޮންޓްރޯލުން ނައްޓާ އޭރުގެ ސަރުކާރުގެ އިސްތިއުފާއަށާއި ޖެންޑާ މިނިސްޓްރީގެ އިސް ބޭފުޅުން އެ މަގާމުން އިސްތިއުފާ ދެއްވުމަށް ދިޔައީ ގޮވަމުންނެވެ.

އިބްތިހާލުގެ މައްސަލާގައި އެންމެ ގިނަ ބައެއްގެ އިނގިލި އެފަރާތަކަށް ދިއްކުރަމުން ދިޔައީ މިހާރުގެ ޖެންޑާ މިނިސްޓަރު އަދި އޭރު ޖެންޑާ މިނިސްޓްރީގެ ނާއިބުގެ މަގާމުގައި ހުންނެވި ޝިދާތާ ޝަރީފަށެވެ. މި މައްސަލަ އެތައް ދުވަހަކަށް ދިގު ދެމިގެން ގޮސް 2017 ވަނަ އަހަރު އެޗްއާރުސީއެމުން ކުރަމުން ދިޔަ ތަހުގީގާ ގުޅިގެން ޝިދާތާގެ ޕާސްޕޯޓު ވެސް ހިފެހެއްޓިއެވެ. ނަމަވެސް ޝިދާތާ އެއިރު ވިދާޅުވީ އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތީ ސިޔާސީ ބޭނުމެއްގައެވެ.

އިބްތިހާލް މަރާލާފައިވަނީ 2015 ވަނަ އަހަރުގެ ކުރީކޮޅުގައެވެ. އިބްތިހާލްގެ ހަށިގަނޑު ބެލި ޑޮކްޓަރު ދެއްވި ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުގައި ނޭވާހާސްކުރުމުގެ ގޮތުން ކަރުގައި ހިފާފައިހުރިކަމަށް ބެލެވޭ ނިޝާންތަކެއް އެކުއްޖާގެ ކަރުން ފެންނަން ހުރި ކަމަށާއި އެކުއްޖާގެ ކަނާތްފަރާތު ނިތްކުރިއާ ދިމާލުން ބައެއް ދުޅަވެފައި ހުރި ކަމަށް ވެއެވެ. އަދި އިބްތިހާލްގެ މޫނުމަތީގައި އެކިވަރުގެ ކުދި ޒަހަމްހުރި ކަމަށާއި ކަނާތު ކަންފަތުގައި ފާރުގަނޑެއް ހުރުމުގެ އިތުރުން ހަށިގަނޑުގެ އެކި ހިސާބުތަކުގައި އެކިފަހަރުމަތިން ލިބިފައިވާ އަނިޔާގެ ލަކުނުތައް ފެންނަން ހުރި ކަމާއި މޭކަށިތަކުން ބައެއް ކަށިތައް ބިންދައިގެން ގޮސްފައިހުރިކަން ފާހަގަ ކޮށްފައިވެއެވެ.

ކަން މިހެން ހުރި ނަމަވެސް މި ސަރުކާރުން ޝިދާތާއަށް ޖެންޑާ މިނިސްޓަރުކަން ދެއްވިއެވެ. އޭރުވެސް ހުދު މި ސަރުކާރަށް ތާއީދުކުރާ ގިނަބަޔަކު ޝިދާތާއަށް ފާޑު ކިޔަމުން ދިޔައެވެ. ފާޑު ކިޔަމުން ދިޔައީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ޝިދާތާ ޖެންޑާ މިނިސްޓްރީގެ ނާއިބުގެ މަގާމުގައި ހުންނެވިއިރު ހިނގާދިޔަ ލާއިންސާނީ އަނިޔާއާ ގުޅިގެން އެއްވެސް ފިޔަވަޅެއް އޭރު އެޅިފައި ނެތުމުންނެވެ. މިދިޔަ އަހަރުގެ ކުޑަކުދިންގެ ދުވަހު ގިނަ ފަރާތްތަކުން ބުނަމުން ދިޔައެވެ. "ޖެންޑާ މިނިސްޓަރު ކަމުގައި ޝިދާތާ ހުންނަވައިގެން އިބްތިހާލެއް ލިބޭނީ ކޮން އިންސާފެއްތޯއެވެ.

ޝިދާތާ ޖެންޑާ މިނިސްޓަރު ކަމަށް ވަޑައިގެން ވިދާޅުވެފައި ވަނީ ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކޮށްދެއްވާނެ ކަމަށާއި ކުޑަކުދިންނަށް ކުރަމުން އަންނަ ލާއިންސާނީ އަނިޔާތައް ހުއްޓުވުމަށް ކުރެވެން ހުރިހ ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ. ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް ރަނގަޅު ތަރުބިއްޔަތެއް ދީ އެކުދިން ބަލާ ބޮޑުކުރާނެ ކަމަށްވެސް ތަފާތު އެކި ފޯރަމް ތަކުގައި ޝިދާތާ ވިދާޅުވެފައެވެ.

އެހެންނަމަވެސް މިދިޔަ އަހަރު ނިމިގެން ދިޔައީވެސް ޝިދާތާ ހޫނުފެނަށް ވެއްޓިގެންނެވެ. އެއީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލިގެން ހޯދާ ދަފްތަރު ނަންބަރު 2997، ޝައިމް އަބްދުﷲ އާ ބެހޭ ހުރިހާ މައުލޫމާތެއް މީޑިއާގައި އާންމު ކުރުމާއި ގުޅިގެންނެވެ. ޝިދާތާ ވަނީ ޝައިމް ދައުލަތުގެ ބެލުމުގެ ދަށަށް އެންމެ ފުރަތަމަ ގެންދެވުނި ހިސާބުން އޭނާ ގެއްލުމާއި ހަމައަށް ހިނގާފައިވާ ކަންތައް ހިއްސާކުރައްވައިފައެވެ. މިނިސްޓަރު ވިދާޅުވީ ޝައިމް އެންމެ ފުރަތަމަ ދައުލަތަށް ނެގީ އާއިލާއިން އޭނާއަށް އިހުމާލުވެގެން ކަމަށެވެ.

އޭގެ ފަހުން ދަރުމައަށް ކުދިން ބަލާ މީހަކާ ރަސްމީކޮށް ޝައިމް ހަވާލު ކުރި ކަމަށާއި ނަމަވެސް ޝައިމް އުޅެމުންދިޔައީ ކުށުގެ ވެށީގައި ކަމަށްބުނެ، އޭނާ އާއި ހަވާލުވި ފަރާތުން ވަނީ އެ ޒިންމާ އަދާ ނުކުރެވޭނެ ކަމަށް ބުނެފައެވެ. އެންމެ ފަހުން ޝައިމް ދައުލަތަށް ނެގީ މިއަހަރުގެ ޖޫން މަހު ކަމަށާއި އޭނާ ބަހައްޓާފައި ހުރީ ކުޑަކުދިންގެ ހިޔާގައި، އެހެން ކުދިންނާ ވަކިން ކަމަށްވެސް މިނިސްޓަރި އިއްޔެ ވިދާޅުވިއެވެ. މިނިސްޓަރު ވަނީ ޝައިމް އެންމެ ފުރަތަމަ ދައުލަތަށް ނެގި ހިސާބުން އޭނާ ގެއްލުނު ދުވަހާއި ހަމައަށް ހިނގާފައިވާ ކަންތައްވެސް އާންމު ކުރައްވައިފައެވެ.

މިއާއެކު ސޯޝަލް މީޑިއާގައި މިނިސްޓަރު ޝިދާތާއަށް ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސާ އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ ޝައިމްއާ ގުޅޭ ތަފްސީލުތައް އާންމު ކުރެވިގެން ނުވާނެ ކަމަށެވެ. ޝައިމް އަކީ އުމުރުން 14 އަހަރުގެ ކުއްޖެއް ކަމަށާއި ކުށުގެ ވެށީގައި އުޅުމަކީ އޭނާގެ އަމިއްލަ އިހުތިޔާރުގައި ކުރި ކަމަކަށް ނުވާނެ ކަމަށް އީވާ ވިދާޅުވިއެވެ. ޝައިމް އަކީ ކުށުގެ ވެށިން ގެނެވުނު ކުއްޖަކަށްވާތީ، އޭނާ ރައްކާތެރިކޮށް ބެލެހެއްޓުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށްވެސް އީވާ ވަނީ ވިދާޅުވެފައެވެ.

ކުރީގެ ބަންޑާރަނައިބު އަދި ރައީސް ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރުކަން ކުރެއްވި އާޒިމާ ޝަކޫރު ވިދާޅުވީ ޝައިމް ގެއްލުނީ އޭނާ ބަލަހައްޓަން އުނދަގޫވެގެން ކަމަށް ޖެންޑާ މިނިސްޓަރު ވިދާޅުވުމަކީ ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށެވެ. ޝިދާތާ އެހުންނެވި މަގާމުގައި އާޒިމާވެސް ހުންނެވި ކަމަށާއި އެއީ ފަސޭހަ ވަޒީފާ އެއް ނޫންކަން ފާހަގަ ކުރައްވާ އާޒިމާ ވިދާޅުވީ މައުލޫމާތު އާންމުކުރުމުގައި ޒިންމާދާރުވާން ޖެހޭ ކަމަށެވެ.

މި މައްސަލާގައި ޝިދާތާ މަޖިލީހަށް ހާޒިރުވެސް ކުރިއެވެ. އެކަން ރައްޔިތުންގެ ހަނދާނުން އަދި ނުފުހެވެއެވެ. އެކަން އެއްކިބާގައި އޮއްވާ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އިވިގެން ދިޔައީ ދިވެހިންގެ ލޮލުން ކަރުނަ ފޫއްދާލި ހަބަރަކަށެވެ. ތިން ބަފައިންވެގެން ތުއްތު ތުއްތު ދެ އަހަރުގެ ކުއްޖަކު ރޭޕްކުރި ވާހަކައެވެ. ސުވާލަކީ މިކަމުގައި ޖެންޑާ މިނިސްޓަރު ޝިދާތާގެ އޮތީ ކޮން މައްސަލައެއް ހެއްޔެވެ. މިނިސްޓަރު ޝިދާތާގެ އިސްތިއުފާއަށް ގޮވާ ޝިދާތާ ދެކެ ރައްޔިތުން ނުރުހުންވެ މަގުތަކަށް ނިކުންނަން ޖެހުނީ މި ސަބަބާއި ހެދިއެވެ.

ތުއްތު ކުއްޖަކު ރޭޕް ކޮށްފިއެވެ. އެކުއްޖާ ރޭޕްކުރިކަން މީޑިއާތަކަށް އަރާ ރައްޔިތުންގެ ލޭ ކައްކުވާލައިފިއެވެ. އެހެންނަމަވެސް ބުރާސްފަތި ދުވަހުގެ ރޭ ހާމަވެގެން ދިޔަ މި ކަމުގައި ޖެންޑާ މިނިސްޓްރީއަށް ބަހެއް ބުނެވޭ ވަރުވީ ހުކުރު ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައެވެ. ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ކުއްޖާ ގެންދިއުމަކުން ނިމުނީއެއް ނޫނެވެ. ކުއްޖާއަށް އެވަރުގެ ބޮޑު އަނިޔާއެއް ދިން މީހުން ހައްޔަރުކުރުމަށް ފުލުހުންނަށް ވަގުތުން ވަގުތަށް ޖެންޑާއަށް ހުށަހެޅެންޖެހޭނެއެވެ. އެއީ ގިނަ ވަގުތުތަކެއް ނަގަން ޖެހޭނެ ކަމެއް ކަމަކަށް އެއްވެސް ރައްޔިތަކު ގަބޫލެއް ނުކުރާނެއެވެ. ނަމަވެސް ކުއްޖާއަށް އެ އަނިޔާދިން މީހުން ހައްޔަރުކުރީ މައްސަލަ ހިނގާ ރާއްޖޭގެ އެކި ހިސާބުތަކުން އެކަމުގައި އަޑު އުފުލަން ފެށި ހިސާބުންނެވެ. މިއީ ޒިންމާދާރުވުންތޯއެވެ.

މިދިޔަ ޑިސެމްބަރު މަހު ޖެންޑާ މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ކުޑަ ކުއްޖަކު ލައްވާ ހަށިވިއްކުވައިފިއެވެ. އެ މައްސަލަ ދަނީ ބަލަމުންނެވެ. ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާގޮތުގައި ފާއިތުވި ދެ މަހެއްގައި ވަނީ ކުޑަކުދިން ލައްވާ ހަށިވިއްކުވި މައްސަލަތަކެއް މިނިސްޓްރީން ބަލާފައެވެ. މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ނޮވެމްބަރު މަހުގައި ވަނީ ޖުމްލަ 174 މައްސަލައަށް އެޓެންޑުކޮށްފައެވެ. މިނިސްޓްރީން ބަލާފައިވާ 174 މައްސަލަތަކުގެ ތެރެއިން 75 މައްސަލައަކީ ކުޑަކުދީންނަށް ކުރާ އެކި ބާވަތުގެ އަނިޔާތަކާ ގުޅޭ މައްސަލަތަކެވެ.

މި ހުންނަނީ ހައްތަހާވެސް ކުޑަކުދިންނާއި ގުޅޭ މައްސަލަތަކެވެ. މި މައްސަލަތަކަށް ހައްލެއް ނާންނަނީ ކީއްވެގެން ހެއްޔެވެ. މައްސަލައަކީ ކޮބައި ހެއްޔެވެ. ދައުލަތުގެ އިދާރާއެއް މިކަމަށް ހާއްސަ ކޮށްފައިވާއިރު އެ އިދާރާއަށް ދުވަހުން ދުވަހަށް މިކަންކަން ރަނގަޅު ނުކުރެވެނީ ކީއްވެގެން ހެއްޔެވެ. އެއް މަހު ހުށަހަޅާ މައްސަލައެއް އަނެއް މަހު ހުށަހެޅޭއިރުވެސް އެ މައްސަލައެއް ރަނގަޅު ނުކުރެވި އެކުއްޖަކަށް ރައްކާތެރިކަން ނުދެވޭއިރުވެސް މަގާމުގައި ހުންނަވަނީ ކީއްވެގެން ހެއްޔެވެ. މިހާތަނަށް ރާއްޖޭގައި ހިނގާފައި ހުރި ކުޑަކުދިންނާއި ގުޅޭ ބޮޑެތި މައްސަލަތައް ފެންމަތިވެފައި މި ވަނީ ޝިދާތާ އެ މިނިސްޓްރީއެއްގެ އިސް ސަފުގައި ހުންނެވިއިރުއެވެ. މައްސަލަތަކަކީ ފެންމަތިވާނެ މައްސަލަތަކެކެވެ. އެހެންނަމަވެސް މިވަރުގެ މައްސަލަތަކެއް ފެންމަތިވާއިރު މިއީ ދުނިޔޭގެ އެހެން ގައުމެއް ނަމަ މިހާރު މިނިސްޓަރުކަމުން ހުންނާނީ ދުރަށްޖެހިފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.