ސޯޓުބުރި ލެއްވުމަށް ބުނުމުން ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ކެތެއް ނުކުރެވުނު!

މަގުމަތީގައި އުޅުނު ބަޔަކު ހިފެހެއްޓުމަށްފަހު ފުލުހުން ޗެކު ކުރަނީ: ފޮޓޯ / ޕޮލިސް

ފުލުހުންނަކީ ދިވެހި ރައްޔިތުންގެ ހިދުމަތުގައި ރެއާއި ދުވާލު 24 ގަޑިއިރު ދެމި ތިބޭ ބައެކެވެ. ފުލުހުންގެ އަތުންވެސް ގޯސްތަކެއް ހެދިފައި އެބަހުއްޓެވެ. ނަމަވެސް އެކަން ހިނގާފައި ވަނީ ހަމައެކަނި އެ ފުލުހުންތައް ބޭނުންވެގެނެއް ނޫނެވެ. ފުލުހުންނަށް ކޮމާންޑު ކުރުމާއި ވަކި ކަންކަން ވަކި ގޮތަކަށް ކުރުމަށް އޯޑަރު ދޭ ބަޔަކު ފުލުހުންގެ ހިދުމަތް ފެށުނީއްސުރެ ތިބެއެވެ. މީގެއިތުރުން ވަކި އެންމެ ފުލުހެއްގެ ފަރާތުން ފެނިގެންދާ އަމަލެއްގެ ސަބަބުން މުޅި މުއައްސަސާގައި ތިބޭ ފުލުހުންނަށް މަލާމާތް ރައްދު ކުރުމަކީ ނުވަތަ ދިމާކުރުމަކީ ވެސް ރާއްޖޭގައި އަށެގެންފައިވާ ސަގާފަތެކެވެ.

އެހެންނަމަވެސް މުޖުތަމައުގެ ތެރޭގައި ކަމެއް ގޯސްކޮށް ހިނގާއިރަށް ދުލުގެ ކުރިޔަށް އެންމެ އަވަހަށް އަންނަނީ ކޮން ބަހެއް ހެއްޔެވެ. ފުލުހުންނެވެ. ތިމާގެ އާއިލާއަށް ނުވަތަ ތިމާ އަށް ނުރައްކަލެއް ކުރިމަތިވެއްޖެ ނަމަ އެންމެ ފުރަތަމަ ވެސް ޓަކި ޖަހަނީ ކޮން ދޮރެއްގަ ހެއްޔެވެ. ފުލުހުންގެ އިދާރާގައެވެ. މިއީ ބަޔަކު ކިތަންމެ ވަރަކަށް ފުލުހުންނަކީ "ދަށް" ބައެއްގެ ގޮތަށް ސިފަ ކުރި ނަމަވެސް ހަގީގަތެވެ.

ފުލުހުންގެ ބިލެއް މަޖިލީހަށް ހުށަހެޅީ ފުލުހުންގެ ތެރޭގައި އޮތް ގޯސްތައް ރަނގަޅުކޮށް ފުލުހުންގެ މުއައްސަސާ އަކީ ރައްޔިތުންނާއި ގާތުން ހިދުމަތްދީ މިހާރަށްވުރެ ފުލުހުންގެ ހިދުމަތް ފުޅާކޮށް އަދި ރައްޔިތުންގެ އިތުބާރު ލިބިފައިވާ މުއައްސަސާއަކަށް ހެދުމަށެވެ. ކުރުކޮށް ބުނާނަމަ ފުލުހުންގެ މުއައްސަސާ ރިފޯމް ކުރުމަކީ މި ބިލުގެ މައިގަނޑު މަގުސަދެވެ. އެއްވެސް ހާލެއްގައި ފުލުހުންނަކީ "ކަޓު" ބައެއްގެ ގޮތަށް ސިފަކޮށް ފުލުހުން އެންމެ ކުރީގައި ލައި އުޅުނު ޔުނީފޯމް [ސޯޓުބުރި އަށް] ބަދަލު ކުރުމަކީ އެ ބިލުގެ މަގުސަދެއް ނޫނެވެ.

ނަމަވެސް ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުންނަށް އެ ބިލުން ސިފަވީ މުޅިން އެހެން އެއްޗެކެވެ. ތެދެކެވެ. ފުލުހުންގެ ފަރާތުން ސިޔާސީ އެތައް މުޒާހަރާއެއްގައި އެތައް ބަޔަކަށް އަނިޔާވެއްޖެއެވެ. އެއީ އެވަގުތު އެތަނަކަށް ދާ ގްރައުންޑު ފުލުހުންގެ ތެރެއިން ނިކުންނަށް އޯޑަރު ނޫންކަން ސިޔާސީ އެތައް ބަޔަކަށް އެނގިވަޑައިގަންނަވާނެއެވެ. އެއީ މާމަތިން އަންނަ އޯޑަރުތަކެކެވެ. ނަމަވެސް ވަކިވަކި ފުލުހުންގެ އަމަލުތައް ބައެއް ފަހަރުތަކުގައި ހުންނަނީ އާއްމު ރައްޔިތު މީހާ އެންމެ ހިތްހަމަޖެހޭ ގޮތަކަށްވެސް ނޫނެވެ. ނަމަވެސް ހަގީގަތަކީ އެއީ މުޅި މުއައްސަސާގައި ތިބޭ ހުރިހާ ފުލުހުންގެ އަމަލުތައް ހުންނަ ގޮތް ނޫން ކަމެވެ.

މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބޯދިގު): ފޮޓޯ / މަޖިލިސް

ބިލަށް ބަހުސްކުރައްވަމުން މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބޯދިގު) ވިދާޅުވީ، ފުލުހުންނަކީ އެންމެ ކުރިން ފެށިގެން ވެސް ރައްޔިތުންނަށް އަނިޔާކުރާ ބައެއް ކަމަށާއި، ނަމަވެސް އޭގެ ބަދަލުގައި އެއްވެސް އަދަބެއް ނުލިބި މިނިވަންކަން މަތީގައި އުޅޭ ބައެއް ކަމަށެވެ. މެމްބަރުން ވިދާޅުވީ ފުލުހުންނަށް ބާރެއް ދީފިނަމަ، މާ ނުބައި ކަންތައްތަކެއް ވެގެންދާނެ ކަމަށް ބޯދިގު ވިދާޅުވިއެވެ. އޭނާ ވަނީ ފުލުހުންގެ ޔުނީފޯމުވެސް ވީހާވެސް ހުތުރުކުރުމަށް ގޮވާލައިފައެވެ.

"ހުތުރު ސިފައެއްގެ ގޮތުގައި ޕޮލިހުން ބައިތިއްބަންވީ. މާ ސްމާޓް އެއްޗެހި ލައްވާފައި ބައިއްތިއްބާކަށް ނުޖެހޭ. ސަރުދާރުންގެ ގޮތުގައި ނެރެންވީ ކުޑަ ދަނޑިބުރިއެއް ދީފަ،" މެމްބަރު ވިދާޅުވިއެވެ.

ބޯދިގުގެ އެވާހަކަތަކަށް ބައެއް ފުލުހުންވެސް ވަނީ ރައްދު ދީފައެވެ. އެގޮތުން ސޯޝަލް މީޑިއާގައި ބޯދިގުގެ އެ ވާހަކައަށް ރައްދު ދިން ފުލުހުންގެ އޮފިސަރަކު ބުނެފައިވަނީ ބަޔަކަށް ގަބޫލުކުރަން ދަތިވިޔަސް، ފުލުހުންނާއި ސިފައިންނަކީ ސްމާޓް ތަމްރީނެއް ހަދައިގެން، ސްމާޓްކޮށް ތިބޭނެ ބައެއް ކަމަށެވެ. އަގުބޮޑު، މޮޅު ގަމީސް ލައިގެން ޓައީ އަޅައިގެން ބޮޑު ގޮނޑީގައި އިނުމަކުން މީހާ މީހަކަށް ނުވާ ކަމަށް ވެސް ބުނެފައިވެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެކްޓިން ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަބްދުﷲ ނަވާޒް ވެސް ވަނީ ފުލުހުންގެ ދިފާއުގައި ނުކުމެވަޑައިގެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ފުލުހުން ސޯޓު ލުމަށް ނިންމައިފި ނަމަ އެކަންވެސް ފުލުހުން ކުރާނެ ކަމަށެވެ. އަދި ފުލުހުންނާ ދޭތެރޭ ރައްޔިތުންގެ މެދުގައި ނަފްރަތު އުފެދޭ ގޮތަށް ކަންނުކުރެއްވުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

"ގެންނަން ވިދާޅުވި ރީފޯމް ގެނައުމުން ތިޔަ މައްސަލަ ހައްލުވާނެ ކަމަށް ފެނޭ. ކޮންމެ ސަރުކާރެއް އޮތަސް ފުލުހުންނަކީ ހިދުމަތުގައި ދެމިތިބޭނެ ބަޔަކު ކަމުގައި ދަންނަންވާނެ،" ނަވާޒު ވިދާޅުވިއެވެ.

މިހާރުގެ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެފައިވަނީ ފުލުހުންގެ މުއައްސަސާ ރީފޯމް ކުރެވޭނެ ކަމަށާއި، އެކަން ކުރަން ފުލުހުންނަށް ހަޖޫޖަހަން ނުޖެހޭނެ ކަމަށެވެ.  މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ފަސް ވަނަ ދުވަހު އާންމުންގެ ބަޔަކަށް އަނިޔާކުރި މައްސަލާގައި ތިން ފުލުހަކު ވަޒީފާއިން ވަކި ކޮށްފައިވާކަން ފާހަގަކުރައްވާ ސީޕީ ހަމީދު ވިދާޅުވީ ވަޒީފާ ދިނުމުގައި ތައުލީމީ ފެންވަރަށް އިސްކަން ދެނީ ދެ ވަނަ ކަމެއްގެ ގޮތުގައި ކަމަށެވެ. ފުލުހުންގެ ތެރެއިން 34 ޕަސެންޓަކީ މަތީ ސާނަވީ ނިންމާފައިވާ މީހުން ކަމަށާއި 220 ފުލުހަކު ޕޯޯސްޓް ގްރެޖުއޭޓް ޑިގްރީ ހާސިލް ކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވެސް ވަނީ ކަންބޮޑުވުންފާޅު ކުރައްވާފައެވެ.

މީގެކުރިން ފުލުހުންގެ އިސް ސަފުގައި އުޅުއްވި ބޭފުޅުންނާއި މިހާރު ފުލުހުންގެ އިސް ސަފުގައި ތިއްބެވި ބޭފުޅުން މިކަމަށް ކަންބޮޑުވުން ފާޅުކުރެއްވިއިރު ފުލުހުންގެ އާއިލާތަކުން ވެސް ވަނީ މިކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ސޯޝަލް މީޑިއާގައި ފުލުހުންގެ އާއިލާތަކުން ވަނީ ފުލުހުންނަށް ހަނގާ ނުކުރުމަށް ގޮވާލައިފައެވެ. އަދި ފުލުހުންގެ ދިފާއުގައި އެ މީހުންގެ އާއިލާތަކުން ވަނީ ތެދުވެފައެވެ.

ކޮންމެއަކަސް ފުލުހުންގެ ދިފާއުގައި ތެދުވާނެ ގިނަބަޔަކު ރާއްޖޭގައި އެބަ ތިއްބެވެ. އަދި ފުލުހުންނަކީ "ކަޓު" ބައެއް ނުވަތަ "ދަށް" ބައެއްގެ ގޮތުގައި ސިފަ ކުރާ މީހުންވެސް ހާލެއްގައި ޖެހިގެން ނުވަތަ ކަމެއް ދަމެއް ބޮޑުވެގެން ފުލުހުންނާއި ހަމައަށް ނުގޮސް ވާކަށްވެސް ނޯވެއެވެ. ކޮންމެ ވެރިކަމެއްގައި ވެސް ފުލުހުން އަދާކުރަނީ އެމީހުންގެ ޒިންމާއެވެ. އެމީހުންގެ ވެރިން އަންގާ ގޮތަށް އަމަލު ކުރުމަކީ ފުލުހުންގެ މުއައްސަސާގައި ތިބި ފުލުހުން ކަޓުވާންޖެހޭ ނުވަތަ ސޯޓޫ ބުރިއާ ދަނޑިބުރި ދޭންޖެހޭ ކަމެއް ނޫނެވެ.

Leave a Reply

Your email address will not be published. Required fields are marked *