ކޮވިޑްގެ ސަބަބަބުން ދައުލަތަށް 1 ބިލިއަން ރުފިޔާގެ އުނިކަމެއް

ނެޝަނަލް ޓާސްކްފޯރސް އޮން ރެސިލިއަންސް ބިލްޑިންގް އެންޑް އިކޮނޮމިކް ރިކަވަރީގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ / ރައީސް އޮފީސް

ކޮވިޑް19 ގެ ސަބަބުން ދައުލަތަށް އެއް ބިލިއަން ރުފިޔާގެ އުނިކަމެއް ލިބިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

"ނެޝަނަލް ޓާސްކްފޯރސް އޮން ރެސިލިއަންސް ބިލްޑިންގް އެންޑް އިކޮނޮމިކް ރިކަވަރީ"ގެ ފުރަތަމަ ބައްދަލުވުން ބާއްވަވައި ޓާސްކްފޯސްގެ މަސައްކަތްތައް ރޭވިފައިވާ ގޮތުގައ މަޢުލޫމަތު އޮލުން ފިލުވުމުގެ ގޮތުން މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ރާއްޖޭގައި ކޮވިޑް19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް ކުރެވިފައިވާ މަސައްކަތްތަކާއެކު މި ބައްޔާއި ކުރިމަތިލުމަށް ވަސީލަތުގެ ގޮތުންނާއި، އެހެނިހެން ގޮތްގޮތުންވެސް ސިއްހީ ދާއިރާގެ ގާބިލުކަން އިތުރުކުރެވިފައިވާކަން ފާހަގަކުރައްވައި، މިހާރު ބައްޔާ ގުޅިގެން ކުރިމަތިވެފައިވާ އިގްތިސޯދީ ހާލަތުން އަރައިގަތުމަށް މަސައްކަތްކުރުމުގެ ފުރުސަތު ލިބިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ބައްޔާ ގުޅިގެން އިގްތިސޯދީ ގޮތުން ލިބުނު ގެއްލުންތައް ދައުލަތުގެ އިތުރުން އަމިއްލަ ފަރާތްތަކަށްވެސް ލިބިފައިވާކަން ފާހަގަކުރައްވައި އެގޮތުން 1 ބިލިޔަން ރުފިޔާގެ އުނިކަމެއް ދައުލަތުގެ ބަޖެޓަށްވެސް އަންނާނެ ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން އެކަންކަމުން އަރައިގަތުމަށް ބަޖެޓުގެ ހަރަދުތަކާއި އާމްދަނީ އަލުން ދިރާސާކޮށް އެކުލަވާލަން ޖެހޭކަން ފާހަގަކުރެއްވިއެވެ. ޓާސްކްފޯހުގައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ވަރަށް އަވަހަށް ރާއްޖޭގެ ބޯޑަރުތައްވެސް ހުޅުވާލައި ފަތުރުވެރިކަން ފެށުމަށް ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާފައެވެ.

މިއަދު ބޭއްވެވި ޓާސްކްފޯސްގެ މި ބައްދަލުވުމުގައި ޓާސްކްފޯސްގައި ހިމެނޭ 3 ވާކިން ގްރޫޕުން ޙިއްސާކުރެއްވި ތިން ޕްރެޒެންޓޭޝަނުގެ އިތުރުން ރާއްޖޭގެ ޓޫރިޒަމް ހުޅުވާލުމާ ބެހޭ ގައިޑުލައިންގެ ކަރުދާސް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހުށަހެޅުއްވިއެވެ.

މި ބައްދަލުވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮވިޑާއި ގުޅިގެން ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށް ޓާސްކްފޯސްއިން ކުރަމުންދާ މި މަސައްކަތްތަކަކީ ސަރުކާރާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ޕްރައިވެޓް ސެކްޓަރާ، ސިވިލް ސޮސައިޓީ، އަދި ދައުލަތުގެ އެކި މުއައްސަސާތަކުގެ ބައިވެރިވުމާއެކު ކުރިއަށް ގެންދެވޭ މަސައްކަތެއްކަން ފާހަގަކުރައްވާފައެވެ.

އަދި މިއަދުގެ ބައްދަލުވުން ނިންމަވާލައްވަމުން ޓާސްކްފޯސްގެ މިއަދުގެ ބައްދަލުވުމުގައި 3 ވާކިން ގުރޫޕުން ހުޅަހެޅުއްވި ހުށަހެޅުންވުންތަކާއި އަދި މިއަދު ހުށަހެޅުއްވި ރާއްޖޭގެ ފަތުރުވެރިކަން އަލުން ހުޅުވާލުމާ ބެހޭ ގައިޑްލައިންއާ މެދު ދެން ބާއްވަވާ ބައްދަލުވުމުގައި ގޮތެއް ނިންމަވާނެކަން އިޢުލާނުކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *