ގޭބިސީގެ އާމްދަނީ އާއި ހަރަދުގެ ސާވޭ އަލުން ފަށައިފި

ގޭބިސީގެ އާމްދަނީއާއި ހަރަދުގެ ސާވޭއެއް- ފޮޓޯ: ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ފެށި ގޭބިސީގެ އާމްދަނީ އާއި ހަރަދުހުރި ގޮތުގެ ސާވޭ މެދު ކެނޑުމަކަށްފަހު އަލުން ފަށައިފި އެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނި ގޮތުގައި ސާވޭ މެދުކަނޑާލުމަށްފަހު، މިއަދު ފަށައި ލިސްޓްތައް ނެގުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށާއި ސާވޭ ކުރިއަށް ދާނީ ގުރުއަތުން ހޮވާލެވޭ ގޭބިސީތަކެއްގައި ކަމަށެވެ.

މި ސާވޭގެ އިތުރު ސުވާލު ކަރުދާސް ފުރުމުގެ މަސައްކަތް މާލޭގައި އޮންނާނީ 19 ވަނަ ދުވަހުން ފެށިގެންނެވެ. އަދި އަތޮޅުތަކުގައި ސާވޭ ފަށާނީ މި މަހުގެ 25 ވަނަ ދުވަހު އެވެ.

ގޭބިސީގެ އާމްދަނީ އާއި ހަރަދުހުރި ގޮތުގެ ސާވޭއަކީ ކޮންމެ ފަސް އަހަރުން އެއް އަހަރަކު ކުރިއަށް ގެންދާ ސާވޭ އެކެވެ. މިއީ ރައްޔިތުންނާ ގުޅުން ހުރި ހިދުމަތްތައް ދިނުމަށް ބޭނުންވާ މުހިންމު މައުލޫމާތުތައް އެއް ކުރަން ހަދާ ސާވޭ އެކެވެ.

ސްޓެޓިސްޓިކްސް ބިއުރޯ އިން ބުނީ މި އަހަރު ސާވޭގެ މައުލޫމާތު އެއް ކުރުމުގެ މަސައްކަތް އެޕްރީލް މަހާ ހަމައަށް ކުރިޔަށް ގެންދާނެ ކަމަށެވެ. ސާވޭ ކުރިއަށް ދާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދު 8:30 އިން ހަވީރު 6:00 އަށެވެ.

ގޭބިސީގެ އާމްދަނީ އާއި ހަރަދުހުރި ގޮތުގެ ސާވޭއަކީ "ދިވެހިރާއްޖޭގެ ތަފާސް ހިސާބުގެ ގަވާއިދު 2012" ގެ ދަށުން ހުއްދަ ލިބިގެން ކުރެވޭ ސާވޭ އެކެވެ. މާލޭގައި ސާވޭ ކުރި އަށް ދާނީ 1،080 ގޭބިސީގަ އެވެ. އަދި ރާއްޖޭގެ 20 އަތޮޅުން ހޮވާލެވޭ ޖުމްލަ 4760 ގޭބިސީއަކަށް ސާވޭ ޓީމުތައް ދާނެ އެވެ.

ސާވޭ ކުރުމުގައި ހަރަކާތެރި ވާނީ އެ ކަމަށް ހާއްސަކޮށް ތަމްރީން ލިބިފައިވާ ޓީމަކުންނެވެ. އަދި މި ސާވޭ ކުރަން ގޭބިސީ ތަކަށް ޒިޔާރަތް ކުރާ ފަރާތް ތަކަށް ކަމާ ބެހޭ ލިޔެކިޔުންތަކާއި ކާކުކަން އަންގައިދޭ އައިޑީ ކާޑެއް ވެސް ދެވިފައިވާނެ ކަމަށް ސްޓެޓިސްޓިކް ބިއުރޯ އިން ބުނެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *