ގެއިން ނެރުމުގެ ކުރިން ދެ މަސް ދުވަހުގެ ނޯޓިސް އެއް ދިނުމަށް ލާޒިމް ކުރަނީ

ފުވައްމުލަކު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސައިން މުހައްމަދު ދީދީ: ފޮޓޯ / މަޖިލިސް

ކޮވިޑް19 ގެ ސަބަބުން ދިމާވެފައިވާ މާލީ ދަތިކަމުން ދިރިއުޅޭ ތަނުގެ ކުލި ދެއްކޭނެ އެއްވެސް ގޮތެއް ނެތިފައި ތިބި ފަރާތްތައް ގެއިން ނެރުމުގެ ކުރިން ދެ މަސް ދުވަހުގެ ނޯޓިސް އެއް ދޭން ޖެހޭނެ ކަމަށް "ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ބިލު 2020" ގައި ބުނެފިއެވެ.

ސަރުކާރުގެ ފަރާތުން ފުވައްމުލަކު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސައިން މުހައްމަދު ދީދީ ހުށަހެޅުއްވި މި ބިލުގައި އެގްރީމަންޓަކާއި ނުލާ ވެސް ދިރިއުޅުމަށް ތަންތަން ކުއްޔަށް ދީފައިވާނަމަ އެތަންތަނުން މީހުން ނެރެވޭނީ ދެ މަސް ދުވަހުގެ ނޯޓިސް އެއް ދިނުމަށްފަހު ކަމަށް ބުނެފައިވެއެވެ.

ދެ މަސް ދުވަހުގެ ނޯޓިސް ދޭއިރު އެ މުއްދަތުގައި އަސާސީ އެއްވެސް ހިދުމަތެއް ކަނޑާލައިގެން ނުވާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. އެތަން ކުއްޔަށް ދީފައިވާ މީހުންގެ މިނިވަން ކަމަށް ހުރަސް އެޅޭނެ އެއްވެސް ޒާތެއްގެ ކަމެއް ގޭގެ ވެރިފަރާތުން ނުވަތަ ކުއްޔަށް ދީފައިވާ ފަރާތުން ކޮށްގެން ނުވާނެ ކަމަށްވެސް ބިލުގައި ހިމަނާފައިވެއެވެ. އެފަދަ ކަމެއް ކޮށްފި ނަމަ އަދަބެއްގެ ގޮތުގައި 5،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.

މި ބިލުގައި ސަރުކާރަށް ވެސް ކަންތައްތަކެއް ކުރުމަށް ލާޒިމް ކޮށްފައިވެއެވެ. އެއީ ދިރިއުޅޭނެ ތަނެއް ނެތް މީހުންނަށް ދިރިއުޅެވޭނެ ތަނެއް ފޯރުކޮށްދިނުމާއި ކާބޯތަކެތި ހޯދޭނެ ގޮތެއް ނެތި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމާއި މަސްތުވާތަކެއްޗަށް ދެވި ހިފައިފައިވާ މީހުންނަށް ފަރުވާ ދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމެވެ.

މީގެއިތުރުން މި ބިލުގައި ވަޒީފާ ދޭ ފަރާތްތަކަށްވެސް ހާއްސަ ކަންތައްތަކެއް ބިލުގައި ހިމަނާފައިވެއެވެ. އެގޮތުން ކަރަންޓީންގައި ތިބޭ މުއްދަތުގައި ވަކި ހާއްސަ ޗުއްޓީއެއް ދިނުމާއި ދަތުރުފަތުރާ ގުޅިގެން އަޅަން ޖެހޭ ހާއްސަ ފިޔަވަޅުތަކެއްގެ ސަބަބުން ވަޒީފާއަށް ދިއުމަށް ހުރަސް އެޅޭ މީހުންނަށް ހާއްސަ ޗުއްޓީ ދިނުމާއި އާއިލީ ޒިންމާގެ ޗުއްޓީތައް ހަމަޖައްސައި ދިނުން ހިމެނެއެވެ. މީގެއިތުރުން ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާ މީހުންނަށް ސަލާމުގެ ޗުއްޓީ ހަމަޖައްސައި ދިނުން ކޮވިޑް19 އާ ގުޅިގެން ވަޒީފާއިން ވަކިކުރާ މީހުންނަށް ޓްރެބިއުނަލްގައި މައްސަލަ ޖެއްސުމުގެ ފުރުސަތު ފަހިކޮށް ދިނުންވެސް ހިމެނެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *