އަނިޔާކުރި މައްސަލާގައި ޖުމްލަ 8 ފުލުހަކަށް ދައުވާ ކޮށްފި

ފުލުހުންތަކެއް ---

މ. އުޖާލާގޭ ތެރޭގައި މިދިޔަ އަހަރުގެ ޖުލައި މަހުގެ ފަސްވަނަ ދުވަހު ބިދޭސީއަކަށް އަނިޔާކުރި މައްސަލާގައި ހަތް ފުލުހަކަށް އަނިޔާ ދިނުމުގެ ދައުވާ އަދި އެކަކަށް މުދަލަށް ގެއްލުން ދިނުމުގެ ދައުވާކޮށްފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

އެ މައްސަލާގައި 11 ފުލުހަކަށް ދައުވާ ކުރުމަށް ޕީޖީ އަށް ފޮނުވުމުން އަށް ފުލުހަކަށް ދައުވާ ކުރުމަށް ޕީޖީން ނިންމާފައިވާ ކަމަށް ފުލުހުން މިއަދު ވަނީ ބުނެފައެވެ. ބާކީ ތިބި ތިން މީހުންނަށް ދައުވާ ނުކުރުމަށް ޕީޖީން ނިންމީ އެކަށީގެންވާ ވަރަށް ހެކި ނެތުމުންނެވެ.

ޕީޖީ އޮފީހުން ބުނީ ދައުވާ ކުރުމަށް ނިންމާފައިވާ 8 ފުލުހުންނަށް ދައުވާ ކުރުމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ ކަމަށްވެސް ޕީޖީން ބުނެއެވެ. އެ މައްސަލާގައި މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި މައްސަލައިގެ އަޑު އެހުމެއް ބޭއްވިިއިރު ދައުވާ ލިބޭ ހުރިހާ ފުލުހުން ވެސް ވަކީލަކު ހަމަޖެއްސުމަށް ބޭނުންވާ ކަމަށް ބުނެފައިވާއިރު އޭގެފަހުން އެއްވެސް އަޑުއެހުމެއް މިހާތަނަށް ބާއްވާފައި ނުވާ ކަމަށް ޕީޖީން ބުނެއެވެ.

ހަތް ފުލުހަކަށް ކުރީ ގާނޫނުލްއުގޫބާތުގެ 120 ވަނަ މާއްދާގެ ދަށުން އަނިޔާ ކުރުމުގެ ދައުވާއެވެ. އަދި މީގެތެރެއިން އެކަކަށް ދެ ދައުވާއެއް ކޮށްފައިވާއިރު ބާކީ ހުރި މީހާއަށް ކުރީ ގާނޫނުލްއުގޫބާތުގެ 220 ވަނަ މާއްދާގެ ދަށުން މުދަލަށް ގެއްލުން ދިނުމުގެ ދައުވާއެވެ.

މި މައްސަލަ ފެންމަތިވެގެން ދިޔައީ މައްސަލައާ ގުޅޭ ވީޑިއޯ އާއްމުވި ހިސާބުންނެވެ. އަދި އެކަމާއި ގުޅިގެން މައްސަލަ ހޫނުވެސް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ވަނީ މައްސަލަ ދިރާސާކޮށްފައެވެ. މި މައްސަލައަކީ އާއްމުންގެ ބޮޑު ކަންބޮޑުވުމެއް އޮތް މައްސަލައެކެވެ.

 

Leave a Reply

Your email address will not be published. Required fields are marked *