ހިތާމަހުރި، މިދިޔަ މަހު 135 ބަނބުކެޔޮ ގަސް ވެއްޓުނު!

ވިއްސާރާގައި ބަނބުކެޔޮ ގަސްތަކެއް ވެއްޓިފައި

ގަދަ ވަޔާއެކު ރާއްޖެއަށް މިދިޔަ މަހު ކުރި ވިއްސާރާގައި 135 ބަނބުކެޔޮގަސް ވެއްޓިފައިވާ ކަމަށް އެކި ރަށްތަކުގެ ކައުންސިލްތަކުން ރައްޔިތުންގެ މަޖިލީހަށް ދީފައިވާ މައުލޫމާތުތަކުން ހާމަވެއްޖެއެވެ.

އެ މައުލޫމާތު މަޖިލީހަށް ދީފައި ވަނީ މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމެޓީ ކުރިއަށް ގެންދިޔަ ދިރާސާއަކަށެވެ. އެ ކޮމެޓީން ވަނީ ވިއްސާރާގައި ރަށްތަކަށް ލިބުނު ގެއްލުންތައް ހިމެނޭ ތަފްސީލު ރިޕޯޓެއް މިއަދު މަޖިލީހަށް އިއްވާފައެވެ.

ކޮމެޓީގެ މުގައްރިރު އަހުމަދު ސަލީމް މަޖިލީހަށް ހުށަހެޅުއްވި އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން މިދިޔަ މަހު މުޅި ރާއްޖެއިން ގާތްގަނޑަކަށް 4400 ކެޔޮގަހާއި 135 ބަނބުކެޔޮގަސް އަދި 70 ވަރަަކަށް ރުށް ވެއްޓިފައެވެ.

އެންމެ ގިނަ ބަނބުކެޔޮ ގަސް ވެއްޓުނީ މ. ވޭވަށުންނެވެ. އެރަށުން އެކަނި ވެސް 45 ބަނބުކެޔޮގަސް ވެއްޓިފައިވާ ކަމަށް ކޮމެޓީ ރިޕޯޓުގައިވެއެވެ.

ވޭވަށު ކައުންސިލްގެ ރައީސް ނަދީމް އަބްދުލްމަޖީދު "ހަތާވީސް އޮންލައިނަށް" ވިދާޅުވީ ކޮމެޓީ ރިޕޯޓުގައިވާ އަދަދަކީ ސައްހަ އަދަދެއް ކަމަށެވެ. އެ ރަށުން ބަނބުކެޔޮގަސްތައް ވެއްޓިފައި ރަށުގެ އެކި ސަރަހައްދުތަކުގައި ހައްދާފައިވާ ބަނބުކެޔޮ ފީނިތަކުން ކަމަށާއި އެގޮތުން 12 ބަނބުކެޔޮ ފީންޏަކުން 45 ބަނބުކެޔޮގަސް ވެއްޓުނު ކަމަށެވެ.

ވިއްސާރައިގައި ބަނބުކެޔޮ ގަސްތަކަށް ދެން އެންމެ ބޮޑު ގެއްލުމެއް ވެފައިވަނީ ގއ. ކޮލަމާފުށިންނެވެ. އެ ރަށުން 25 ބަނބުކެޔޮ ގަސް މަރުވެފައިވާ ކަމަށް އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމެޓީ ރިޕޯޓުގައިވެއެވެ.

ތިން ވަނައަށް އެންމެ ގިނައިން ބަނބުކެޔޮ ގަސްތައް ވެއްޓިފައި ވަނީ ރ. ވާދޫއިންނެވެ. އެ ރަށުން 10 ބަނބުކެޔޮގަސް ވެއްޓުނު ކަމަށް ކޮމެޓީގެ ރިޕޯޓުގައިވެއެވެ. ބަނބުކެޔޮގަސްތައް ވެއްޓުނު 18 ރަށެއްގެ ނަން ކޮމެޓީ ރިޕޯޓުގައިވެއެވެ. އޭގެ ތެރޭގައި ތ. ހިރިލަންދޫ، ގއ. ކޮނޑޭ، ފ. ނިލަންދޫ، ފ. ބިލެތްދޫ އާއި ށ. ބިލެތްފަހި ހިމެނެއެވެ.

ވިއްސާރާގައި ގެއްލުން ލިބުނު ރަށްތަކުގެ މައުލޫމާތު ތަފްސީލުކޮށް، ކޮމެޓީ ރިޕޯޓުގައި ހިމަނާފައިވެއެވެ. ދަނޑުބިންތަކަށް ލިބުނު ގެއްލުމާއި ހޮނުއެޅުމުގެ ސަބަބުން ގެއްލުން ލިބުނު އިލެކްޓްރޯނިކް ސާމާނުތަކުގެ މައުލޫމާތު ވެސް ހިމަނާފައިވެއެވެ.

 

1 thought on “ހިތާމަހުރި، މިދިޔަ މަހު 135 ބަނބުކެޔޮ ގަސް ވެއްޓުނު!

Leave a Reply

Your email address will not be published. Required fields are marked *