އަނެއްކާވެސް އިހުމާލެއް، ދަނޑުވެރިންނަށް ލިބޭ ގެއްލުން މިނިސްޓްރީ ނުބަލާ!

މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދު

މޫސުމީ ވިއްސާރަތަކުގައި ދަނޑުވެރިންނަށް ލިބޭ ގެއްލުންތައް ފަރުވާތެރިކަމާ އެކު މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑްއެގްރިކަލްޗަރއިން ބަލަމުން ނުގެންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީން ބުނެފިއެވެ.

ކޮމެޓީން އެގޮތަށް ބުނެފައި ވަނީ މިދިޔަ މަހު ރާއްޖެއަށް ކުރި ވިއްސާރާގައި ރަށްތަކަށް ލިބުނު ގެއްލުންތައް ދިރާސާކޮށް އެ ކޮމެޓީން ތައްޔާރުކުރި ރިޕޯޓުގައެވެ.

ކޮމެޓީގެ މުގައްރިރު ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ސައްލެ) ރިޕޯޓް އިއްވަމުން މިއަދު ވިދާޅުވީ އެކި ކައުންސިލްތަކުން އަދާކުރާ ދައުރު ތަފާތުވުމުން ދަނޑުވެރިންގެ ދަފްތަރު އަޕްޑޭޓް ނުކުރެވޭ ކަމަށާއި ދަނޑުވެރިންނަށް ލިބޭ ގެއްލުންތަކުގައި އެހީތެރިކަން ފޯރުކޮށްދޭނެ ގޮތެއް ވެސް ސަރުކަރުގައި ނެތް ކަމަށެވެ.

"ވިއްސާރައިގެ ސަބަބުން ދަނޑުތަކަށް ލިބިފައިވާ ގެއްލުންތައް ކަމާބެހޭ މިނިސްޓްރީން ފަރުވާތެރިކަމާއެކު މިނިސްޓްރީން އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ބަލަމުން ނުގެންދާކަން ފާހަގަ ކުރެވޭ،" ކޮމެޓީ ރިޕޯޓް އިއްވަމުން ސައްލެ ވިދާޅުވިއެވެ.

ދަނޑުވެރިންނަށް އިންޝުއަރެންސް ނިޒާމެއް އެކުލަވާލުމުގެ މަސައްކަތް ތިން މަސް ދުވަހުގެ ތެރޭ މިނިސްޓްރީން ކުރުމަށް އޭނާ ހުށަހެޅުއްވި ރިޕޯޓުގައި ހުށަހަޅާފައިވެއެވެ.

އެ ރިޕޯޓުގައި ބުނެފައި ވަނީ ދަނޑުވެރިންނަށް ބަދަލު ލިބޭނެ އިންޝުއަރެންސް ނިޒާމެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ފިޝަރީޒް މިނިސްޓް ފުރިހަމަ ކުރުމަށާއި އެކަން އޯވަރސައިޓް ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމެޓީން ކުރުމަށެވެ.

މީގެ އިތުރުން ދަނޑުވެރިކަމާބެހޭ ބިލުގެ މަސައްކަތް ލަސްވެގެން ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުމަށް ވެސް ކޮމެޓީގެ ހުށަހެޅުންތަކުގައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *