ފުލުހުންނަށް ބަޑި ބޭނުންކުރެވޭ ގަވާއިދު އުވާލަން ގޮވާލައިފި

މާލޭ މަގުމަތީގައި ފުލުހުން ބަޑި ބޭނުންކޮށްގެން ތަމްރީނުތަކެއް ހަދަނީ-- ފޮޓޯ/ ޕޮލިސް

ފުލުހުންނަށް ލީތަލް ވެޕަން ނުވަތަ ބާރުގަދަ ހަތިޔާރު ގެންގުޅުމުގެ ބާރު ދީފައިވާ ގަވާއިދަށް އަމަލު ކުރުން ހުއްޓާލުމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ގޮވާލައްވައިފިއެވެ.

ރާއްޖޭގައި ލީތަލް ވެޕަން އާއްމުކޮށް ގެންގުޅެނީ ސިފައިންނެވެ. ނުރައްކާތެރި ގޮވާ ޒާތުގެ ހަތިޔާރާ އެކު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރުމުގެ ބާރު ޤާނޫނަކުން ދީފައި ވަނީ ދިވެހި އަސްކަރިއްޔާއަށެވެ.

ނަމަވެސް ގަވާއިދަކުން ފުލުހުންނަށް ވެސް އެފަދަ ހަތިޔާރު ގެންގުޅުމުގެ ބާރު ލިބިދީފައި އޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހަސަން ލަތީފު ވިދާޅުވިއެވެ.

ފުލުހުންގެ ބިލަށް ވާހަކަފުޅު ދައްކަވަމުން ހަސަން ލަތީފު ވިދާޅުވީ ގަވާއިދެއްގެ ދަށުން ލީތަލް ވެޕަން ގެންގުޅުމުގެ ބާރު ފުލުހުންނަށް ދީފައިވާ ކަމަށާއި އެ ގަވާއިދަށް އަމަލު ކުރުން ވަގުތުން ހުއްޓާލަންޖެހޭ ކަމަށެވެ.

"ޕޮލިސް ކޮމިޝަނަރއަށް ލީތަލް ވެޕަން ވެސް ފުލުހުންނަށް ދެވޭ ގޮތަށް، އެކުލަވާލާފައިވާ ގަވާއިދެއް. އެ ގަވާއިދުގެ ދަށުން ފުލުހުންނަށް ލީތަލް ވެޕަން ދެވޭ ގޮތަށް އޮންނަ އޮތުން އެއީ މިވަގުތު ވެސް އެއަށް އަމަލު ކުރުން ހުއްޓާލަންޖެހޭނެ ގަވާއިދެއް،" ހަސަން ލަތީފު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަޖިލީހަށް ހުށަހެޅިފައިވާ ފުލުހުންގެ އާ ބިލު ފާސްވެގެންދާއިރު، ފުލުހުންނަށް ގެންގުޅެވޭނީ ނޮން ލީތަލް ހަތިޔާރު ކަމަށެވެ.

"މި ބިލުގައި ބުނެވެންޖެހޭނެ ފުލުހުންނަށް ގެންގުޅެވެން ޖެހޭނީ ކޮން ހަތިޔާރު ތަނެއްކަން. އަދި ނުގެންގުޅެވޭނީ ކޮން ހަތިޔާރުތަކެއްކަން،" ހަސަން ވިދާޅުވިއެވެ.

މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލަކީ 12 އަހަރުވީ ފުލުހުންގެ ޤާނޫނު އުވާލައި، ފުލުހުންގެ ޚިދުމަތުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަލުން ކަނޑައަޅައި، ފުލުހުން ޖަވާބުދާރީކުރެވޭ ނިޒާމު އިޞްލާޙުކުރުމަށްޓަކައި ހުށަހަޅާފައިވާ ބިލެކެވެ. އެގޮތުން ކޮމިއުނިޓީ ޕޮލިސިންގގެ ފަލްސަފާގެ މައްޗަށް ބިނާވެގެންވާ ފުލުހުންގެ ޚިދުމަތެއް، ލާމަރުކަޒީ އުސޫލުން، އިދާރީ ދާއިރާތަކުގައި ފޯރުކޮށްދެވޭނެ އުސޫލު ބިލުގައި ބަޔާންކޮށްފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *