ކްރިސްޓިއަން ރަދުން: ދަރިންނާއި ކާފަދަރިން ވެސް ރާއްޖެއާ ތޮޅުނު

ހަސަން ރަސްގެފާނު ދީން ބަދަލު ކުރެއްވީ ޕޯޗުގީޒު ޒުވާން އަންހެނަކާ ދޯޅުވެގެން

ރަސްކަމަށް ވަޑައިގެންނެވިތާ، ދެ އަހަރު ނުވަނީސް ރާއްޖެ ދޫކޮށް ވަޑައިގެންނެވިއެވެ. އިންޑިއާގެ ކޮޗިންއަށެވެ. ނަސޯރާ ދީނަށް ތަބާވެ، ނަން ވެސް ބަދަލު ކުރެއްވިއެވެ. ނަމަކީ ޑޮމްމަނުއަލް އެވެ.

މިއީ މަޝްހޫރު 9 ވަނަ ހަސަން ރަސްގެފާނުގެ ވާހަކައެވެ. މީގެ 470 އަހަރު ކުރީގެ ވާހަކައެކެވެ. އޭނާއާ ގުޅޭ ލިޔުންތަކުގައި ބުނެފައިވާ ގޮތުން ދީން ބަދަލު ކުރެއްވުމުގެ ކުރިން ފުރާވަރު އަންހެން ކުއްޖަކާ ދޯޅުވިއެވެ. ހެދިބޮޑުވަމުންދިޔަ ޅަބާޅަ ކުއްޖެއްގެ އަވައިގައި ޖެހުނެއެވެ. އެ ކުއްޖާއަކީ ޕޯޗުގީޒުގެ މާތް ދަރިކޮޅެއްގެ ކުއްޖެއް ކަމަށްވެއެވެ. ޕޯޗުގީޒުންގެ މައްޗަށް ހަސަން ރަސްގެފާނުގެ ހިތް ޖެއްސުމަށް ޖެހި މަޅިއަކީ އެއީއެވެ.

ޕޯޗުގީޒު އެ އަންހެން ކުއްޖާއާ ކައިވެނި ބައްލަވައިގަތީ ރާއްޖެއިން ގެންދެވި އަނބިމީހާ އަރިހުގައި ގެންގުޅުއްވަނިކޮށެވެ. ހަސަން ރަސްގެފާނު ދީން ދޫކޮށްލެއްވިއިރު ވެސް، އަނބިކަނބަލުން އިސްލާމް ދީން ދޫކޮށްނުލައްވެއެވެ. އެކަމަނާއަށް ފަހުން ހެއްދެވި ގޮތެއް އެނގޭކަށް ނެތެވެ.

ހަސަން ރަސްގެފާނު ނަސާރަ ދީން ގަބޫލުކުރެއްވުމަށްފަހު، ނަންފުޅަކީ ޑޮމްމަނުއަލް ކަމުގައި ހެއްދެވިއެވެ. އެކަން ކުރެއްވީ ޚާއްސަ ތާރީހެއްގައެވެ. މީލާދީން 1552 ވަނަ އަހަރުގެ ފުރަތަމަ ދުވަހުއެވެ. އޭނާގެ ނަމަކަށް ޑޮމްމަނުއަލް ހިޔާރުކޮށްފައިވާ ކަމަށް ބުނެ، ނަސޯރާއިންގެ ކިއްލާ، ވެޓިކަން ސިޓީގައި އޭރު ހުރި ޕޯޕަށް ސިޓީފުޅެއް ވެސް ފޮނުއްވި ކަމަށްވެއެވެ.

ރާއްޖޭގެ ރަސްކަމަށް 1550 ވަނަ އަހަރު ވަޑައިގަތުމަށްފަހު، ކޮޗިންގައި ހުންނަވައި ރާއްޖެއަށް އަމުރު މައުރޫފު ހިންގަވަން އޭނާ މަސައްކަތް ކުރެއްވިއެވެ. ރާއްޖޭގެ ވެރިކަމަށް ދައުވާ ކުރިއެވެ.

ޕޯޗުގީޒު އަނބިމީހާއަށް ލިބުނު އަންހެން ދަރިންނާއި ފިރިހެން ދަރިން ވެސް ރާއްޖޭގެ ވެރިކަމަށް ދައުވާކުރިއެވެ. އަދި އެ ދަރިންގެ ދަރިން ވެސް ރާއްޖެއާ ތޮޅުނުކަން ތާރީހީ ލިޔުންތަކުގައިވެއެވެ.

އެގޮތުން އިސްކަންދަރު ރަސްގެފާނު ތަހުތުގައި އިންނަވަނިކޮށް، ރާއްޖެ ހިފަން ހަސަން ރަސްގެފާނުގެ ކާފަ ދެ ދަރިން އިސްވެ ކުރި ހަނގުރާމައިގައި އެތަނުން އެކަކު މަރުވިއެވެ. އަނެކަކު ރާއްޖޭގެ ރަށަކަށް ގޮސް ފިލިއެވެ. އޭނާ ވެސް މަރުވީ ރާއްޖޭގައި އުޅެނިކޮށެވެ.

ޕޯޗުގީޒުންގެ ދަޅައަށް ހެއްލި، ދީން ބަދަލުކުރި އެ ރަސްގެފާނުގެ އުނދަގޫ ރާއްޖެއަށް އެތަކެއް ފަހަރު ފޯރިއެވެ. އެންމެ ބޮޑަށް އެ އުނދަގޫ ފޯރީ އޭނާގެ ޕޯޗުގީޒު އަނބިކަނބަލުންނަށް ލިބުނު ދަރިފަސްކޮޅުންނެވެ. ރަސްގެފާނަށް ޕޯޗުގީޒުން ހޯދައިދިން އަނބިގޮއްޔެއަކީ އެ މީހުންގެ ބާރު ރާއްޖޭގެ މައްޗަށް ބޭއްވުމަށް ޖެއްސި ދަންތުރަކަށް ނޫނީނުވާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *