ނޫމަޑި މައްސަލާގައި މުއިއްޒަށް ދައުވާކޮށްފި

ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްަމަދު މުއިއްޒު- ފޮޓޯ/ މުއިއްޒު

ދިވެހި ދައުލަތުން ބޮޑު ބަދަލެއް ދޭންޖެހުނު "ނޫމަޑި މައްސަލާގައި" ކުރީގެ މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

ޕްރޮސެކިއުޓަރ ޖެނަރަލް (ޕީޖީ) އޮފީހުން ބުނީ އޭނާގެ މައްޗަށް ދައުވާ ކުރަން ހުށަހެޅީ ދޮގު ބަޔާން ދިނުމުގެ ކުށުގެ ދައުވާ ކަމަށެވެ.

އޭނާގެ މައްޗަށް ޖިނާއީ ދައުވާ އުފުލާފައި ވަނީ، އާބިޓްރޭޝަންގައި އެކަން ހިނގައިދިޔަ ގޮތާ ގުޅިގެން، މުއިއްޒުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައިދިނުމަށް އެޓަރނީ ޖެނަރަލް އިބްރާހިމް ރިފްއަތު ފުލުހުންނަށް ހުށަހަޅުއްވާފައިވަނިކޮށެވެ. ފުލުހުންނަށް ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ ނޫމަޑި މައްސަލައިގައި މުއިއްޒު އަމަލުކުރައްވާފައިވާ ގޮތާއި އާބިޓްރޭޝަނަށް ދެއްވާފައިވާ ބަޔާނަށް ރިއާޔަތްކޮށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމާއި ދައުލަތުގެ މުވައްޒަފެއްގެ ހައިސިއްޔަތުން ލިބިގެންވާ ސިއްރު މައުލޫމާތެއްގެ ނަހަމަ ބޭނުންކޮށްފައިވާ ކަމާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދީފައިވާކަން ނުވަތަ ނޫންކަން ތަހުގީގުކޮށް ދިނުމަށެވެ.

ރައީސް ޔާމީންގެ ވެރިކަން ނިމުނުފަހުން، ނޫމަޑީގެ ފަރާތުން ދިވެހި ސަރުކާރާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި ޑރ. މުއިއްޒު ހުށަހަޅައި، ސަރުކާރާ ދެކޮޅަށް އާބިޓްރޭޝަންގައި އޭނާ ވަނީ ބަޔާން ދެއްވާފައެވެ. ނަމަވެސް ވަޒީރުކަމުގައި އޭނާ ހުންނެވިއިރު އެ މައްސަލައިގައި އޭނާ ވަނީ ދައުލަތް ދިފާއު ކުރައްވާފައިވާފައެވެ.

އެގޮތުން ނޫމަޑީގެ މައްސަލަ 11 ޑިސެމްބަރު 2017 ގައި އާބިޓްރޭޝަނަށް ހުށަހެޅުމުން ދައުލަތުން އެ މައްސަލައިގައި ކުރިއަށްދާނެ ގޮތާއި، ނެގޭނެ ދިފާއުތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ނިންމުންތައް ނިންމާފައި ވަނީ ހައުސިން މިނިސްޓަރުގެ ހައިސިއްޔަތުން ޑރ. މުއިއްޒުގެ ބައިވެރިވުމާއެކުގައި ކަމަށް އެޓަރނީ ޖެނަރަލްގެ އޮފީހުން ވަނީ ބުނެފައެވެ.

ވަޒީރުކަމުގެ މަގާމުން ވަކިވެވަޑައިގަންނަވަންދެން އެ މައްސަލަ ރައްދުވާ މިނިސްޓްރީގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން މުއިއްޒުގެ ދައުރެއް އާބިޓްރޭޝަން މައްސަލަތަކުގައި އޮތް ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

ނަމަވެސް 17 ނޮވެމްބަރު 2018 ގައި މިނިސްޓަރުކަމުގެ މަގާމުން ވަކިވެވަޑައިގަތުމަށްފަހު 14 ޖޫން 2019 ގައި ނޫމަޑީގެ ފަރާތުން އާބިޓްރޭޝަނަށް ހުށަހަޅާ ހެއްކެއްގެ ގޮތުގައި މުއިއްޒު ދެއްވި ބަޔާނުގައި ކުރިން އަމަލުކުރެއްވި ގޮތާ ދިމާ އިދިކޮޅަށް ދައުލަތާ ދެކޮޅަށް ވާހަކަ ދައްކަވާފައިވާ ކަމަށް އޭޖީ އޮފީހުގެ ބަޔާނުގައިވެއެވެ.

އެގޮތުން ނޫމަޑި ފޭސް 1 އެއްބަސްވުން ބާތިލުކޮށްފައި ވަނީ އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބޭނުންވާތީ ކަމަށް ވިދާޅުވެ، އާބިޓްރޭޝަނަށް ބަޔާން ދެއްވުމަށްފަހު، އަލުން ބަޔާން ބަދަލުކުރައްވާފައިވާކަން ފާހަގަކުރެވޭ ކަމަށް ބުނެފައިވެއެވެ.

ނޫމަޑި މައްސަލާގައި ދައުލަތާ ދެކޮޅަށް އެ މައްސަލަ ނިމިގެން ދިއުމުން، 800 މިލިއަނަށް ވުރެ ގިނަ ރުފިޔާ ބަދަލުގެ ގޮތުގައި ދޭންޖެހުނުއެވެ.

Leave a Reply

Your email address will not be published. Required fields are marked *