ބާޣީ ލުތުފީ އަށް ވަކީލަކު ހޯދުމަށް 10 ދުވަސް ދީފި

ލުތުފީ އެނބުރި ރާއްޖެ ގެނައިރޭ އެއާޕޯޓު ތެރޭގައި -- ފޮޓޯ / ޕީއެސްއެމް

ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގެ އިސް މޭސްތިރި، ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ބޭސްފަރުވާ އަކަށް ރާއްޖެ އިން ބޭރަށް ފޮނުވުމުން ފިލި މައްސަލާގައި އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއަށް ޖަވާބުދާރީ ވުމަށް ފުރުސަތު ދީފިއެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖި) އޮފީހުން ބުނީ ލުތުފީގެ މައްޗަށް ދައުވާ ކުރީ ގާނޫނުލްއުގޫބާތުގެ 537ވަނަ މާއްދާގެ ދަށުން މީހުން ބަންދު ކުރާ މަރުކަޒުން ފިލުމުގެ ކުށުގެ ދައުވާ ކަމަށެވެ.

މިއަދުގެ އަޑުއެހުން ފެށުމަށް ފަހު، ވަކީލަކު ބޭނުންވޭތޯ ސުވާލު ކުރުމުން ލުތުފީ ބުނީ ވަކީލަކު ހަމަޖައްސަން ބޭނުންވާ ކަމަށާއި އެ ފުރުސަތު ހޯދައި ދިނުމަށް ކޯޓުން ކަރެކްޝަނަލް ސާވިސް އަށް އަންގަން އެދޭ ކަމަށެވެ.

އެ މައްސަލަ ބައްލަވާ ގާޒީ އަލީ ރަޝީދު ހުސައިން ވަނީ ވަނީ އެކަމަށް 10 ދުވަހުގެ މުއްދަތެއް ދެއްވައި، ވަކީލު ހަމަޖައްސަން ލުތުފީ އަށް ފޯނު ކޯލް ދިނުމަށް ކޯޓުން ކަރެކްޝަންސް އަށް އަންގަވާނެ ކަމަށް ވިދާޅުވެފައެވެ.

ލުތުފީ ޖަލަށް ލާފައި ވަނީ އުމުރު ދުވަހަށެވެ. އެ ޖަލު ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް ބޭސްފަރުވާއަށް ކަމަށް ބުނެ 2010ވަނަ އަހަރު ލުތުފީ އަވަށްޓެރި ސްރީ ލަންކާއަށް ވަނީ ގޮސްފައެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. ލުތުފީ އަނބުރާ ރާއްޖެއައީ އޭގެ 9 އަހަރުފަހުންނެވެ.

އޭނާ އެނބުރި ރާއްޖެ އައުމަށް އެހީއަށް އެދުނީ ލަންކާގައި ހުންނަ ދިވެހި އެމްބަސީގައެވެ. އޭނާ އެހީއަށް އެދުނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 20 ވަނަ ދުވަހު ލަންކާގައި ބޮންގޮއްވި ހާދިސާއާއި ގުޅިގެންނެވެ. އެ މައްސަލާގައި ސަރުކާރަށް ޕްރެޝަރު ބޮޑުވިއެވެ. އެކި ފަރާތްތަކުން ސޯޝަލް މީޑިއާގައާ އެކި ޕްލެޓުފޯމްތަކުގައި ސަރުކާރަށް ދިޔައީ ފާޑު ކިޔަމުންނެވެ. އެހެންކަމުން ސަރުކާރުން ލުތުފީ އަނބުރާ ރާއްޖެ ގެނެއެވެ.

މިދިޔަ އަހަރުގެ ޖޫން މަހުގެ 9ވަނަ ދުވަހުގެ ރޭ ފުލުހުން ލުތުފީ އަނބުރާ ރާއްޖެ ގެނައިއިރު، މާލެ ގެނައި ގޮތަށް ފުލުހުން ވަނީ އޭނާ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށްފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *