ވަކީލުކަން ކުރުން ހުއްޓާލައިފިން: އާޒިމާ

ކުރީގެ ބަންޑާރަ ނާއިބު އަދި މަޝްހޫރު ގާނޫނީ ވަކީލު އައިޝަތު އާޒިމާ ޝުކޫރު: ފޮޓޯ / އަވަސް

މަޝްހޫރު ގާނޫނީ ވަކީލު ވަކީލު އަދި ކުރީގެ ބަންޑާރަ ނާއިބު އައިޝަތު އާޒިމާ ޝަކޫރު ގާނޫނީ ވަކީލުކަމުގެ މަސައްކަތްތައް ކުރުން ހުއްޓާލައްވާފައިވާ ކަމަށް ވިދާޅުވެއްޖެއެވެ.

އާޒިމާ މިކަން ހާމަ ކުރެއްވީ "ހަތާވީސް އޮންލައިން" އިން މިއަދު އާޒިމާއާ ގުޅޭގޮތުން ލިޔުނު ރިޕޯޓަކަށް ޝުކުރު އަދާކުރައްވާ އެކަމަނާގެ ފޭސްބުކްގައި ލިޔުއްވި ލިޔުމެއްގައެވެ.

އާޒިމާ ވިދާޅުވީ އެކަމަނާ ގާނޫނީ ވަކީލުކަމުގެ މަސައްކަތް މީގެ އަހަރުތަކެއް ކުރިން ހުއްޓާލައްވާފައިވާ ކަމަށެވެ. އެކަން ހުއްޓާލެއްވި ސަބަބެއްގެ ގޮތުގައި އާޒިމާ ވިދާޅުވީ ގާނޫނީ ވަކީލުކަމުގެ މަސައްކަތް ހުއްޓާލެއްވީ ސިއްހީ ސަބަބުތަކަކާއި ގުޅިގެން ކަމަށެވެ. އެގޮތުން އެކަން ނުކުރެވޭ ވަރަށް އެކަމަނާގެ ލޯ ހަލާކުވެފައިވާ ކަމަށް އާޒިމާ ވިދާޅުވިއެވެ.

އެ މަސައްކަތް ހުއްޓާލެއްވުމަށްފަހު އާޒިމާ މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތަކީ ތަފާތު މަސައްކަތެވެ.

“އާމިނާދިސް – ޓްރޫލީ މޯލްޑިވިއަން”ގެ ނަމުގައި ހުޅުމާލޭގައި އެކަމަނާ އަންނަނީ ދިވެހި އުފެއްދުންތައް ވިއްކުމުގެ ބުރަ މަސައްކަތް ކުރައްވަމުންނެވެ. މަސްމިރުހާއި ތެލުލިފަތާއި ތެލުލި ރިހާކުރުގެ އިތުރުން ކުކުޅު ހަވާދު ފަދަ ދިވެހި އެތައް އުފެއްދުމަށް އަންނަނީ އެތަނުން ވިއްކަމުންނެވެ.

އާޒިމާ ވިދާޅުވީ އާމްދަނީ ހޯދުމަށް ކޮންމެ މަސައްކަތެއްވެސް ރަނގަޅުވާނެ ކަމަށެވެ. ކެއްކުމުގެ މަސައްކަތް އެކަމަނާ ކުރައްވަނީ ކުރާ ހިތުން ކަމަށް ވިދާޅުވެ އާޒިމާ ވިދާޅުވީ ކެއްކުމުގެ މަސައްކަތަކީ މާކުރިންސުރެވެސް އެކަމަނާއަށް ދަސްވެފައިވާ މަސައްކަތެއް ކަމަށެވެ. ދިވެހި ކެއްކުމަށް ހާއްސަވި ސަބަބު ހާމަކުރައްވާ އާޒިމާ ވިދާޅުވީ އެކަމަށް ހާއްސަވީ އެއީ ރާއްޖޭގައި ނެތެމުންދާ އާދައަކަށް ވާތީ ކަމަށެވެ.

"މާތްﷲ އަޅުގަނޑަށް ވަނީ ވަރަށް ގިނަ ނިއުމަތްތައް ދެއްވާފައި. އަޅުގަނޑު މައިންބަފައިން ވަނީ ވަރަށް ގިނަ މަސައްކަތްތަކެއް ދަސްކޮށްދެއްވާފައި. ބަހާއި އަމަލުން. އޭގެތެރެއިން އެއް ކަމަކީ ކެއްކުން،" އާޒިމާ ވިދާޅުވިއެވެ.

އާޒިމާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރުކަން ކުރައްވާފައެވެ. ގާނޫނީ ވަކީލެއްގެ ގޮތުގައި ގިނަބަޔަކަށް މަޝްހޫރުވެފައިވާ އާޒިމާ ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރާއި ދެކޮޅަށް ގިނަ މައްސަލަތަކެއް ކާމިޔާބު ކުރައްވާފައެވެ. އެކަމަނާ ވަނީ ރައްޔިތުން މަޖިލީހުގެ ހާއްސަ މެންބަރުކަން ވެސް މީގެކުރިން ކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *