ބާޣީ ލުތުފީގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް މާދަމާ

ލުތުފީ އެނބުރި ރާއްޖެ ގެނައިރޭ އެއާޕޯޓު ތެރޭގައި -- ފޮޓޯ / ޕީއެސްއެމް

ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގެ އިސް މޭސްތިރި، ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ބޭސްފަރުވާ އަކަށް ރާއްޖެ އިން ބޭރަށް ފޮނުވުމުން ފިލި މައްސަލާގައި އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.

އެ ކޯޓުން ވަނީ އެ މައްސަލާގައި ލުތުފީގެ މައްޗަށް އިއްވާފައިވާ ދައުވާގެ އަޑުއެހުމެއް މާދަމާ ހެނދުނު 11:00އަށް ތާވަލުކޮށްފައެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖި) އޮފީހުން ބުނީ ލުތުފީގެ މައްޗަށް ދައުވާ ކުރީ ގާނޫނުލްއުގޫބާތުގެ 537ވަނަ މާއްދާގެ ދަށުން މީހުން ބަންދު ކުރާ މަރުކަޒުން ފިލުމުގެ ކުށުގެ ދައުވާ ކަމަށެވެ.

ލުތުފީ ޖަލަށް ލާފައި ވަނީ އުމުރު ދުވަހަށެވެ. އެ ޖަލު ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް ބޭސްފަރުވާއަށް ކަމަށް ބުނެ 2010ވަނަ އަހަރު ލުތުފީ އަވަށްޓެރި ސްރީ ލަންކާއަށް ވަނީ ގޮސްފައެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. ލުތުފީ އަނބުރާ ރާއްޖެއައީ އޭގެ 9 އަހަރުފަހުންނެވެ.

އޭނާ އެނބުރި ރާއްޖެ އައުމަށް އެހީއަށް އެދުނީ ލަންކާގައި ހުންނަ ދިވެހި އެމްބަސީގައެވެ. އޭނާ އެހީއަށް އެދުނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 20 ވަނަ ދުވަހު ލަންކާގައި ބޮންގޮއްވި ހާދިސާއާއި ގުޅިގެންނެވެ. އެ މައްސަލާގައި ސަރުކާރަށް ޕްރެޝަރު ބޮޑުވިއެވެ. އެކި ފަރާތްތަކުން ސޯޝަލް މީޑިއާގައާ އެކި ޕްލެޓުފޯމްތަކުގައި ސަރުކާރަށް ދިޔައީ ފާޑު ކިޔަމުންނެވެ. އެހެންކަމުން ސަރުކާރުން ލުތުފީ އަނބުރާ ރާއްޖެ ގެނެއެވެ.

މިދިޔަ އަހަރުގެ ޖޫން މަހުގެ 9ވަނަ ދުވަހުގެ ރޭ ފުލުހުން ލުތުފީ އަނބުރާ ރާއްޖެ ގެނައިއިރު، މާލެ ގެނައި ގޮތަށް ފުލުހުން ވަނީ އޭނާ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *