ފުލުފުލުގައި މިއޮތް ފުރުވާލަނީ، ދެން ވާނީ ރަނގަޅު!

ރާއްޖޭގައި ގަވާއިދާއި ހިލާފަށް އުޅެމުން ދިޔަ ބިދޭސީންތަކެއް އަނބުރާ ގައުމަށް ފޮނުވާލުމުގެ ތެރެއިން --

ރާއްޖެއަށް ވެސް ކޮވިޑް19 އައިސްދާނެ ކަމަށް ސަރުކާރުން އޮތީ ތައްޔާރުވެގެންނެވެ. އަދި ރާއްޖެ އަކީ މިފަދަ ނުރައްކާތެރި ބައްޔެއް އަތުވެއްޖެ ނަމަ މުޅި ދުނިޔޭގެ ނިސްބަތުންވެސް އެންމެ ހާލަތު ގޯސްވާނެ ގައުމުތަކުގެ ތެރޭގައި އޮތް ގައުމެވެ. ކޮންމެއަކަސް ރާއްޖެއަށް ކޮވިޑް19 ރާޅެއް މާޗު މަހުގެ ތެރޭގައި ނެގިއެވެ. ނެގި ރާޅުގެ ކުޑަކަމުން އެކަމާއި މެދު އާއްމުން ތިބީ ހިތްހަމަ ޖެހިގެންނެވެ. ނަމަވެސް ސަރުކާރުން އޮތީ ބިޔަ ރާޅެއް ނަގާފާނެ ކަމަށް ތައްޔާރުގައެވެ. އެހެން ތިއްބާ އޭޕްރީލް މަހުގެ 15ވަނަ ދުވަހު އެ ބިޔަ ބޮޑު ރާޅު ރާއްޖޭގެ ވެރިރަށް މާލެއަށް ނަގާ އެތައް ބަޔަކަށް ބަލި ޖައްސައިފިއެވެ. މި ރާޅު ނެގީ ފަހަރުގައި ރަނގަޅަކަށްވެސް ވެދާނެއެވެ. ސަބަބަކީ އެތައް އަހަރުތަކެއް ވަންދެން ރަނގަޅު ނުކުރެވި ބޮއްސުން ލާފައިވާ އެތައް ކަމެއް ދިޔައީ ފެންމަތިވަމުންނެވެ. އޭގެތެރެއިން އެންމެ ބޮޑު މައްސަލައަކަށް ވެގެން ދިޔައީ ރާއްޖޭގައި ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތަކެވެ.

ބިދޭސީންގެ މައްސަލައަކީ ޒަމާންވީ ބޮޑު މައްސަލައެކެވެ. ރާއްޖޭގައި މިހާތަނަށް ހައްލު ނުވެ އޮތް އެންމެ ބޮޑު އެއް މައްސަލައެވެ. އެކަމުގެ ސަބަބުން އެތަކެއް އިޖުތިމާއީ މައްސަލަތަކެއް ނިކުންނަމުން އަންނަ މައްސަލައެކެވެ. މި ފަހަކަށް އައިސް ޖިނާއީ ބޮޑެތި ކުށްތައް ވެސް ކުރަމުން އަންނަ މީހުންގެ ތެރޭގައި ގަވާއިދާއި ހިލާފަށް ރާއްޖޭގައި ދިރިއުޅެމުން އަންނަ ބިދޭސީން އެބަ ތިއްބެވެ. މައްސަލައަކީ އެމީހުންނެއް ނޫނެވެ. މައްސަލައަކީ އެމީހުން ރާއްޖެ ގެނައުމަށްފަހު ބިކަ ކޮށްލި މީހުންނެވެ. އެމީހުން ހޯދުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. ނަމަވެސް ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އަކީ ހައްލު ކުރެވިދާނެ މައްސަލައެކެވެ. އެކަމަށް ބޭނުންވަނީ ހިތްވަރެވެ.

ކޮވިޑް19 ގެ ބިޔަ ރާޅު ވެރިރަށް މާލެއަށް ބިންދާލުމާއި އެކު ސަރުކާރުން އެންމެ ބޮޑަށް ފޯކަސް ކުރަން ޖެހުނީ އެންމެ ތަނެއްގައި 100އަށް ވުރެ ގިނަ މީހުން އުޅެމުން ދިޔަ ތަންތަނަށެވެ. ބިދޭސީންގެ ގައިން ބަލި ފެނި އެތައް ސަތޭކަ ބަޔަކަށް ރާއްޖެއިން މިވަނީ އެބަލި ޖެހިފައެވެ. އަދި ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ ތެރެއިން ބިދޭސީންވެސް ހިމެނެއެވެ. ގައުމީ ބޮޑު މައްސަލައެއްގެ ގޮތުގައި ބިދޭސީންގެ މައްސަލަ ހައްލު ކުރުމަކީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ އެންމެ ބޮޑު އެއް ވައުދެވެ. ވިދާޅުވެފައި ވަނީ އެ މައްސަލަ ހައްލު ނުކުރެވިއްޖެ ނަމަ އިސްތިއުފާ ދެއްވާނެ ކަމަށެވެ.

ތޮއްޖެހިފައިވާ ތަންތަނުގައި ދިރިއުޅެމުން އަންނަ ބިދޭސީން: ފޮޓޯ / އިމިގްރޭޝަން

ރާއްޖޭގައި މިހާރު ދެ ލައްކައާ ކައިރި ކުރާ ވަރަށް ބިދޭސީން އެބަ މަސައްކަތް ކުރެ އެވެ. އަދި މާލެ ސަރަހައްދުގައި މީގެ ތެރެ އިން ލައްކައެއްހާ މީހުން މަސައްކަތް ކުރެ އެވެ. މީގެ ތެރެއިން 60،000 އަށްވުރެ ގިނަ ބިދޭސީންނަކީ ސައްހަ ލިޔެކިއުމެއް ނެތް މީހުނެވެ. މިނިސްޓަރު ފައްޔާޒުގެ ވިސްނުމަކީ އެމީހުން މާލެއިން ވަކި ކުރުމެވެ. ނުވަތަ އެއްފަރާތް ކޮށްލުމެވެ. އެތަން ގާއިމް ކުރުމަށް މިނިސްޓަރު ވިސްނާފައި ވަނީ މާލެ ކައިރީގައި އޮތް ގުޅީފަޅުގައެވެ. މިއީ ބިދޭސީންގެ މައްސަލަ ހައްލު ކުރަން މިހާރާއި މުސްތަގުބަލަށް ބަލާ ނަމަވެސް ރަނގަޅު ވިސްނުމެއް ކަމަށް ގިނަބަޔަކު އަންނަނީ ބުނަމުންނެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވި ގޮތުގައި ގަވައިދާ ހިލާފަށް އުޅޭ ހުރިހާ ބިދޭސީން ބޯޓަކަށް އަރުވާލާފައި ފޮނުވައިލުމަކީ ވާނެ ކަމެއް ނޫނެވެ. އެހެންވެ، ބިދޭސީން ގުޅިފަޅަށް ބަދަލު ކުރާން ނިންމީ އެކޮމަޑޭޝަން ތަކެއް ހަދައ، އެ މީހުންނަށް ވަޒީފާ ދިން މީހުން ކުލި ދައްކަންޖެހޭ ގޮތަަށެވެ.

"އަޅުގަނޑު އެ މީހުން ފޮނުވައިނުލާން އުޅެނީކީ ނޫން. އެހެން ނަމަވެސް ދުނިޔޭގެ ކޮމިއުނިޓީގެ ބަޔަކަށް ވާތީ އަޅުގަނޑުމެން ބަލަންޖެހޭ ބައިވަރު މިންގަނޑުތަކެއް އެބަހުރި. ބަންގްލަދޭޝްއާ އެއްކޮށް އޮންނަ ގުޅުންތަކެއް ވެސް އެބަހުރި. އެ ގުޅުމުގެ ތެރެއިން ބަންގްލަދޭޝްގެ ސަރުކާރާ ވާހަކަ ދައްކައިގެން ކަންކަން ކުރަން މި ޖެހެނީ،" ފައްޔާޒު ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ: ފޮޓޯ / ރައީސް އޮފީސް

ކޮވިޑް19 ގެ ރާޅާއި އެކު ބިދޭސީންގެ ކަންކަން ހައްލު ކުރުމަށް މިނިސްޓަރު ފައްޔާޒު ކުރިން ކުރައްވަމުން ގެންދެވި މަސައްކަތް އެހެން ހަރުފަތަކަށް ގެންދަން މަޖުބޫރުވިއެވެ. ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަކީ އިގްތިސޯދަށް ވުރެވެސް ބޮޑަށް ކޮވިޑް19 ގެ ކަންކަމުގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރަމުން ދިޔަ މަސައްކަތެވެ. އެހެންކަމުން ގަވާއިދާއި ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން އެމީހުންގެ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކާއި ގުޅިގެން މިނިސްޓަރު ފައްޔާޒު ފެއްޓެވިއެވެ.

ސަބަބަކަށްވީ ކޮވިޑް19 އަށް ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ ތެރެއިން އާދިޔާ ހިލާފަށް ބިދޭސީން އެ ބައްޔަށް ޕޮޒިޓިވްވަމުން ދިޔަލެއް ގިނަވުމެވެ. އަދި އެކަމަށް ހަރުދަނާ ފިޔަވަޅުތަކެއް ނާޅައިފި ނަމަ އެކަމުގެ ސަބަބުން ހާލަތު އިތުރަށް ގޯސްވެދާނެތީއެވެ. މިހާތަނަށް 2003 މީހަކަށް ރާއްޖެއިން މިބަލި ޖެހިފައިވާއިރު 1058 މީހުންނަކީ ބަންގްލަދޭޝް މީހުންނެވެ. އެހެންކަމުން އެމީހުން ދިރިއުޅެމުން ދިޔަ ތަންތަން މޮނީޓާކޮށް ރައްކާތެރި ތަންތަނަށް އެމީހުން ބަދަލު ކުރުމުގެ މަސައްކަތް ސަރުކާރުން ވަގުތުން ފެށިއެވެ.

މޯލްޑިވިއަންގެ ފްލައިޓުގައި އަނބުރާ ގައުމަށް ފޮނުވާލި ބަންގްލަދޭޝްގެ ބަޔަކު---

މާލެ ކައިރި ހިސާބުތަކުގައި އެމީހުން ބެހެއްޓުމަށް އެކަށީގެންވާ ތަންތަން ހެދިއެވެ. ބައެއް ފަރާތްތަކުން ސަރުކާރަށް ބިދޭސީން ބެހެއްޓި ތަންތަނަށް ފާޑުކީ ނަމަވެސް މީގެކުރިން އެމީހުން އުޅެމުން ދިޔަ ތަންތަނާއި ބަލާނަމަ ސަރުކާރުން އެމީހުން ބަހައްޓާފައިވާ ތަންތަނަކީ އެކަށީގެންވާ ރަނގަޅު ތަންތަނެވެ. އެއާއިއެކު ގަވާއިދާއި ހިލާފަށް އުޅެމުން ދިޔަ ބިދޭސީން އެމީހުންގެ ގައުމަށް އަނބުރާ ފޮނުވާލުމުގެ މަސައްކަތް ފެށިއެވެ. ބަންގްލަދޭޝް ސަރުކާރާއި ފޮރިން މިނިސްޓްރީއާ އިކޮނޮމިކް މިނިސްޓްރީ ގުޅިގެން މިހާތަނަށް ކުރިއެވެ. އަދި މިހާތަނަށް 2،000އަށްވުރެ ގިނަ ބަންގްލަދޭޝް މީހުން އެމީހުންގެ އަމިއްލަ ވަޒަނަށް ވަނީ ފޮނުވާލައިފައެވެ.

މިއީ ހަމަގައިމުވެސް ސަރުކާރުން ފެށި ރަނގަޅު މަސައްކަތެކެވެ. މިހާތަނަށް ގަވާއިދާއި ހިލާފަށް އުޅުނު ބިދޭސީންގެ ތެރެއިން 10 ވަރަކަށް މީހުންވެސް އެމީހުންގެ ގައުމުތަކަށް އަނބުރާ ފޮނުވާލެވިފައި ނުވާއިރު ކޮވިޑާއި ގުޅިގެން ނަމަވެސް އެމީހުން އަނބުރާ ގައުމަށް ފޮނުވާލުމަށް ކުރަމުން މި އަންނަ މަސައްކަތަކީ ކާމިޔާބު މަސައްކަތެކެވެ.

މިއަދު ސަރުކާރުގެ އިސްވެރިންނަށްވެސް ރައްޔިތުން ވަރަށް ބޮޑަށް އެދިއެދި ހުރި ކަމެއް ކުރެވޭ ކަމުގެ އިހުސާސް ސޯޝަލް މީޑިއާ އެކަނި ބަލާލުމުންވެސް ފެނިގެންދާނެއެވެ. ބިދޭސީންގެ މައްސަލަ ހައްލު ކުރުމަކީ ހުރިހާ ދިވެހިންގެ ވެސް އެދުމެކެވެ. އެއީ ވަކި ސިޔާސީ ޕާޓީއެއް ނުވަތަ ސިޔާސީ ފިކުރެއްގެ މީހަކު ދެބަސްވާނެ ކަމެއް ނޫނެވެ ސަރުކާރުން ކުރާ އެ މަސައްކަތަށް ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ.

ރާއްޖޭގައި މަސައްކަތްކުރާ 1،500 ބަންގްލަދޭޝް މީހުން އެ ގައުމަށް އަނބުރާ ފޮނުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މީގެކުރިން ވަނީ ވިދާޅުވެފައެވެ. ނަމަވެސް ފަހުން ސަރުކާރުން ވަނީ ކުރިޔަށް އޮތް ތިން މަސް ތެރޭގައި 5،000 ބަންގްލަދޭޝް ރައްޔިތުން އަނބުރާ ގައުމަށް ފޮނުވާލާނެ ކަމަށް ބުނެފައެވެ. ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި 2000އަށް ވުރެ ގިނަ މީހުން ފޮނުވާލުމުން ސަރުކާރުން މިހާރު މިދާ ރޭޓުން މަސައްކަތް ކުރާނަމަ ތިން މަހަށްވުރެ އަވަހަށް ވެސް 5،000 މީހުން އަނބުރާ ގައުމަށް ފުރުވާލެވިދާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *