ދީނަށް ވުރެ، ހައްގު އިސްކޮށްގެން ފުލުހުންގެ ހުވާއަށް ގެންނަން އުޅެނީ ކޮންބަދަލެއް؟!

ފުލުހުންގެ އަހަރީ ދުވަހާއި ގުޅިގެން ބޭއްވި ރަސްމިއްޔާތެއްގައި ކޮމިޝަނަރު ޕޮލިސް މުހައްމަދު ހަމީދު ހިމެނޭހެން ގިނަ އަދަދެއްގެ ފުލުހުން ސެލިއުޓަށް އަތް ނަގައިގެން: ފޮޓޯ / ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާއާ ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ހުވާގައި ދެބޭފުޅުންގެ ނަން ގަތުމަށްފަހު އެންމެ ފުރަތަމަވެސް އަންނަނީ މާތްވެގެންވާ އިސްލާމް ދީނަށް ހުރަމަތްތެރިކޮށް ހިތުމުގެ ވާހަކައެވެ. ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ވަޒީރުން ކުރައްވާ ހުވާގައިވެސް އެބޭފުޅުންގެ ނަން ގަތުމަށްފަހު އެންމެ ފުރަތަމަވެސް އަންނަނީ މާތްވެގެންވާ އިސްލާމް ދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ވާހަކައެވެ. ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ކުރައްވާ މެންބަރުން، އެ މެންބަރުންގެ މެންބަރުކަމުގެ ހުވާ ކުރައްވާއިރު ވެސް ކޮންމެ އެ މެންބަރެއްގެ ނަން ގަތުމަށްފަހު އެންމެ ފުރަތަމަ ވެސް އަންނަނީ މާތްވެގެންވާ އިސްލާމް ދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ވާހަކައެވެ. މީގެއިތުރުން މިނިވަން މުސްތަގިއްލު މަގާމުތަކަށް އައްޔަން ކުރައްވާ މެންބަރުން މަގާމުގެ ހުވާ ކުރައްވާއިރު ނަން ގަތުމަށްފަހު އެންމެ ފުރަތަމަވެސް އަންނަނީ މާތްވެގެންވާ އިސްލާމް ދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ވާހަކައެވެ. ނަމަވެސް ދިވެހި ރައްޔިތުންނަށް ހިމާޔަތާއި ރައްކާތެރިކަން ދިނުމަށް ތިބި ފުލުހުންގެ ހުވައަށް ގެންނަން މިއުޅެނީ ކޮން ބަދަލެއް ހެއްޔެވެ.

މިހާރު އަމަލުކުރަމުން އަންނަ ފުލުހުންގެ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެސް ސަރުކާރުގެ ފަރާތުން ވަނީ ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލުގެ ނަމުގައި މަޖިލީހަށް ބިލެއް ހުށަހަޅައިފަ އެވެ. އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފްއެވެ.

ފުލުހުންގެ މިހާރުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ހުވާ:

"އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ ހިމާޔަތްކުރުމުގައި ތެދުވެރިކަމާއި އަމާނާތްތެރިކަންމަތީ ދެމި ހުރުމަށާއި ދިވެހި ގައުމުގެ އަމަންއަމާންކަމާއި ސުލްހަމަސަލަސްކަން ދަމަހައްޓާ، ދިވެހި ދައުލަތާއި ވެރިންނާއި، ރައްޔިތުންނާއި މުދާ ހިމާޔަތްކުރުމުގައި ހަށިގަނޑާއި ފުރާނައިން ގުރުބާންވުމަށް ކެރިހުރެ، މާތްﷲ ގަންދީ ހުވާކުރަމެވެ."

މަޖިލީހަށް ހުށަހެޅިފައިވާ ބިލުގައި ބަޔާންކޮށްފައިވާ ފުލުހުންގެ ހުވާ:

"ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާއަށް، ދިވެހި ފުލުހެއްގެ މަގާމުގައި ހުރެ އަހުރެން ހިދުމަތް ކުރާނީ އިންސާނީ ހައްގު ހިމާޔަތްކޮށް ކުރިއެރުވުމުގައި އިސްނަގާ މަސައްކަތް ކުރާ މީހެއްގެ ހައިސިއްޔަތުން ވަކި މީހަކަށް މަންފާއެއް ހޯދައިދިނުމަށް ނުވަތަ ވަކި މީހަކަށް ގެއްލުމެއް ދިނުމަށް ވިސްނުމެއް ނެތި، މާތްވެގެންވާ އިސްލާމްދީނާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި އެ ގާނޫނުއަސާސީން ބާރުލިބިދޭ ގާނޫނުތަކުގެ ހުކުމްތައް އިހްލާސްތެރިކަމާއި ވަފާތެރިކަމާއެކު ނެގެހެއްޓުމަށާއި އަމަން ގާއިމުކުރުމަަށެވެ. ކޮންމެ ހާލަތަކާ ކުރިމަތިވިކަމުގައި ވީނަމަވެސް، ފުލުހެއްގެ މަގާމު އަހުރެން އަދާކުރާނީ، އެގޮތުގައި ހުރެކަމުގައި، މާތް ﷲ ގަންދީ ހުވާކޮށް، އެކަން އެގޮތުގައި ކުރުންމަތީ ދެމިހުރުމަަށް އެކަލާނގެ ހަޟްރަތުން އަހުރެން ވާގި އެދެމެވެ."

ކޮންމެއަކަސް މިކަމާއި ގުޅިގެން އެންމެ ބޮޑު ކަންބޮވުމެއް އޮތް ބަޔަކީ އަދި މިފަދަ ކަންކަމުގައި އެންމެ ބޮޑު ކަންބޮޑުވުމެއް އޮންނާނެ ބަޔަކީ ރާއްޖޭގެ ދީނީ އިލްމުވެރިންނެވެ.

ފުލުހުންގެ ބިލުގައި މިހާރު ބަޔާންކޮށްފައިވާ ހުވައާ އަދި މިހާރު އަމަލުކުރަމުން އަންނަ ގާނޫނުގައި ބަޔާންކޮށްފައިވާ ހުވާގެ ފޮޓޯއެއް ޓްވީޓާގައި ޕޯސްޓު ކުރައްވާ ޝެއިހް އަލީ ޒައިދު ވިދާޅުވީ އިސްލާމްދީނަކީ އެންމެ ފުރިހަމަ ދީން ކަމަށާއި އެ ދީނުގައިވާ ނިޒާމަކީ އެންމެ ފުރިހަމަ ނިޒާމު ކަމަށެވެ. ހަގީގީ އިންސާނީ ހައްގުތަކަކީ އިސްލާމްދީން ކަށަވަރު ކޮށްދީފައިވާ ކަންކަން ކަމަށް ވިދާޅުވެ ޒައިދު ވަނީ މިއަދު އެއް ޖިންސުން ގުޅުން ހިންގުމަކީ ވެސް އިންސާނީ ހައްގު ކަމަށް ވިދާޅުވެ ޒަމާނީ އިންސާނީ ހައްގަށް ޒައިދު ވަނީ ފާޑު ވިދާޅުވެފައެވެ. އެހެންކަމުން ފުލުހުންގެ ހުވާގެ އިބާރާތް އެގޮތަށް އޮތުމުން ކަންބޮޑުވާ ކަމަށް ޒައިދު ވިދާޅުވިއެވެ.

ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ދިވެހި ދައުލަތުން އިސްލާމްދީނަށް ދީފައި އޮންނަ މަތިވެރިކަމާއި އައުދާނަ ކަމާއި ހައިބަތު ދަމަހައްޓަން ޖެހޭ ކަމަށެވެ. އަދި ގާނޫނުތަކުގައި އިސްލާމްދީނަށް ދެވިފައި އޮންނަ އިސްކަން ވެސް ދަމަހައްޓަން ޖެހޭ ކަމަށް އެމަނިކުފާނުގެ ޓްވީޓުގައި ވަނީ ފާހަގަކުރައްވާފައެވެ. އެ ހަމަތަކުގައި އިސްކަން ފަސްވެގެން ދިއުމަކީ ނެތިވެގެން ދިއުމުގެ ފެށުން ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.

ފުލުހުންގެ ބިލާއި ގުޅިގެން ކަންބޮޑުވުންފާޅު ކުރައްވާ ޖަމިއްޔަތުއް ސަލަފްގެ ރައީސް އައްޝައިހް އަބްދުﷲ ބިން މުހައްމަދު ވިދާޅުވީ ފުލުހުންގެ ހިދުމަތުގެ ބިލަކީ ރާއްޖޭގެ ގައުމިއްޔަތު، ލާދީނިއްޔަތަށް އަނބުރާލުމަށް ކުރާ މަަސައްކަތެއް ކަމަށް ބެލުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

އިސްލާމްދީނަކީ ހަމައެކަނި ނަމާދު ކުރުމާއި ގުރުއާން ކިޔެވުމުގެ ދީނެއް ކަމަށް ބަޔަކު ދެކެނީ ހެއްޔެވެ. އެ ދީނަކީ އެންމެ މަތިވެރި ދީނެވެ. ކުއްލިއަކަށް ހުޅަނގުން އިންސާނީ ހައްގުތަކުގެ ވާހަކަތައް ދައްކާ އެކަމަށް އަޑުއުފުލަމުން އަންނައިރު އިންސާނީ ހައްގުތަކުގެ ވާހަކަތައް މާތްވެގެންވާ އިސްލާމް ދީނުގައި މީގެ އެތައް 100 އަހަރުތަކެއް ކުރިން ވަނީ ބަޔާން ކޮށްދީފައެވެ. އެހެންކަމުން ފުލުހުންގެ ބިލުގައި އިސްލާމްދީން އިސްނުވެ އިންސާނީ ހައްގު އިސްކުރުުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ. އެކަމުގެ ފަހަތުގައިވާ ސިއްރަކީ ކޮބާ ހެއްޔެވެ.

1 thought on “ދީނަށް ވުރެ، ހައްގު އިސްކޮށްގެން ފުލުހުންގެ ހުވާއަށް ގެންނަން އުޅެނީ ކޮންބަދަލެއް؟!

  1. ގެންނަންއުޅޭ ބަދަލެއް އެނގޭނީ ގަންޖާބޯއަށާއި އޭނާގެ އެމްޑީއެން އައުވާނުންނަށް

Leave a Reply

Your email address will not be published. Required fields are marked *