މާލެ ސަރަހައްދުގެ ލޮކްޑައުންގެ މުއްދަތު ތިން ދުވަހަށް އިތުރުކޮށްފި

މާލޭގެ ފިހާރައަކަށް މުދާ ބާލަނީ: ފޮޓޯ / ހަތާވީސް

މާލެ ސަރަހައްދުގެ ލޮކްޑައުންގެ މުއްދަތު ތިން ދުވަހަށް އިތުރު ކުރުމަށް ނިންމައިފިއެވެ.

ލޮކްޑައުންގެ މުއްދަތު އިތުރު ކޮށްފައިވަނީ އާއްމު ސިއްހަތު ރައްކާތެރި ކުރުމުގެ ޤާނޫނުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރަށް ލިބިގެންވާ ބާރުގެ ދަށުންނެވެ.

އެގޮތުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު މިރޭ ނެރުއްވި އެންގުމުގައި ވިދާޅުވީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ދެވިފައިވާ ލުއިތަކުގެ ސަބަބުން ބަލި ފެތުރުމުގެ ހާލަތަށް އައިސްފައިވާ ބަދަލުތަކަށް ބަލައި، މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އިތުރު ލުއިތައް ދިނުމަށް ރާވާފައިވާ ކަމަށެވެ.

އެހެންކަމުން މިއަދުން ފެށިގެން އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ލުއިތަކާއެކު ލޮކްޑައުންގެ މުއްދަތު އިތުރުކުރަން ނިންމާފައިވާ ކަމަށް އެ އެންގުމުގައި ވިދާޅުވެފައިވެއެވެ.

ލޮކްޑައުނަށް ދީފައިވާ ލުއިތައް:

– ޒަރޫރީ ބޭނުންތަކަށް ބޭރަށް ނުކުތުމަށް ދޫކުރެވޭ ހުއްދަތައް އިތުރުކުރުން

– އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ހުއްދަ ލިބިގެން ފަތިހު 5:00 އާއި 8:00 އާއި ދެމެދު ތިން ގަޑިއިރަށް ގެއިން ބޭރަށް ނިކުމެ އުޅުން

– މީހުން އެއްތަނުން އަނެއް ތަނަށް ގެންދިޔުމަށް ޓެކްސީތަކަށް ހުއްދަދިނުން އިތުރުކުރުން

– މާލެ އާއި ތިލަފުށްޓާއި ދެމެދު މުދާ އުފުލުމަށް ދަތުރުކުރުމަށް ހުއްދަދިނުން އިތުރުކުރުން

– ހުއްދަ ލިބިގެން ސިނާއީ މަސައްކަތްކުރާ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުން އެ މަސައްކަތެއް ކުރުމަށް ކަނޑައެޅިފައިވާ ތަނަކަށް ދިޔުމާއި، އެމީހުން ދިރިއުޅޭ ތަނަށް އެނބުރި އައުން

– އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ދަށުން ފިހާރަތަކާއި އަމިއްލަ އޮފީސްތައް ހުޅުވުން

– ކޮންސްޓްރަކްޝަން މަސައްކަތްތައް މާލޭ ކައުންސިލާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ކަނޑައަޅާ ގޮތެއްގެ މަތިިިން އެ ފަރާތްތަކުގެ ހުއްދަ ލިބިގެން ކުރިއަށް ގެންދިޔުން

– ބޭންކުތަކުން ދެވޭ ހިދުމަތްތައް އިތުރުކުރުން

– ސިއްހީ ހިދުމަތާއި އެހެނިގެން ހިދުމަތްތައް ދިނުން އިތުރުކުރުން

 

Leave a Reply

Your email address will not be published. Required fields are marked *