ފުލުހުންގެ މޫނަށް "ކުޅުޖެހި" މީހުން ލީޑު ކުރަން ތިބެގެން މައްސަލަ ހައްލެއް ނުވާނެ: ޑރ. ޖަމީލް

ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު: ފޮޓޯ / ހަތާވީސް

ފުލުހުންގެ މުއައްސަސާ އަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރެވޭނީ ފުލުހުންނަށް ރަނގަޅު މުސާރައަކާއި ގެދޮރުވެރިކަން ފަދަ އެހީތެރިކަން ދީގެން ކަމަށާއި ފުލުހުންގެ މޫނަށް "ކުޅުޖެހި" މީހުން ލީޑު ކުރަން ތިބެގެން މައްސަލަ ހައްލެއް ނުވާނެ ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

މިހާރު ހުށަހެޅިފައިވާ ފުލުހުންގެ ބިލާއި ގުޅިގެން ގިނަ ބައެއްގެ ކަންބޮޑުވުންތައް އެބަ ހުއްޓެވެ. އެކަމާއި ގުޅިގެން ޖަމީލް ކުރެއްވި ޓްވީޓެއްގައި މިރޭ ވަނީ ފުލުހުންގެ ގާނޫނު އަލުން އެކުލަވާލަން ޖެހުނީ ކޮން މައްސަލައެއް އޮވެގެންތޯ ސުވާލު ކުރައްވާފައެވެ. ފުލުހުންގެ މުއައްސަސާގައި ނުވަތަ ފުލުހުންގެ ގާނޫނުގައި ގޯސް ވަކި ކަމެއް އުޅޭ ނަމަ އިސްލާހު ހުށަހަޅައިގެން ހައްލު ހޯދޭނެ ކަމަށް ވިދާޅުވެ ޖަމީލް ވިދާޅުވީ މިހާރު މަޖިލީހުގައި އޮތް ބިލުގެ ސަބަބުން ފުލުހުންގެ މަސައްކަތަށް އިތުރު ލޭޔަތައް ލެވި، މިނިވަންކަން ގެއްލި، ސިޔާސީ ވުމުގެ ބިރުބޮޑު ކަމަށެވެ.

"މައްސަލަތައް ހައްލުވާނީ މުސާރަ، ގެދޮރުވެރިކަން ފަދަ އެހީތެރިކަން ފުލުހުންނަށް ދީގެން. ތަޅާނެ ކުދިންކޮޅެއް ހޯދި އަދި ފުލުހުންގެ މޫނަށް ކުޅުޖެހި ފަރާތްތަކާއި އިތުބާރު ގެއްލިފައިވާ ފަރާތްތައް ލީޑުކުރަން ތިބިހާ ހިނދަކު ކަންތައް ހައްލެއް ނުވާނެ. މިހާރު މެމްބަރުންގެ މައްސަލަ ނުބެލޭނެ،" ކުރީގެ ހޯމް މިނިސްޓަރު ކަމާއި ޖަސްޓިސް މިނިސްޓަރުކަންވެސް ކުރައްވާފައިވާ ޖަމީލް އިތުރަށް ވިދާޅުވިއެވެ.

ފުލުހުންގެ ގާނޫނާއި ގުޅިގެން ދީނީ އިލްމުވެރިންވެސް އަންނަނީ ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ. ސަބަބަކީ ފުލުހުންގެ ހިދުމަތުގެ ބިލުގައި ފުލުހުންްގެ ހުވާގެ އިބާރާތްތައް ބަދަލުކުރަން ހިމަނާފައިވާ ގޮތުންނެވެ.

އިސްލާމް ދީނަށް ހުރުމަތް ތެރިކޮށް ހިތުމަށް މިހާރު ފުލުހުންގެ ހުވާގައި މިހާރުވީ ނަމަވެސް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ އެ ބިލުގައި ވަނީ އެންމެ ފުރަތަމަ އަންނަނީ އިންސާނީ ހައްގުތައް ހިމާޔަތްކޮށް ކުރިއެރުވުމަށް މަސައްކަތް ކުރާ މީހަކަށްވުމުގެ ވާހަކައެވެ. އަދި އިސްލާމް ދީނަށް ހުރުމަތް ތެރިކޮށް ހިތުމުގެ ވާހަކަ އަންނަނީ އެއަށްފަހުއެވެ.

ސަރުކާރުން ހުށަހަޅާފައިވާ ބިލުގައި ކޮމިޝަނަރު އޮފް ޕޮލިސް އައްޔަން ކުރާނީ މި ބިލުގައި ބަޔާންކޮށްފައިވާ ޕްރޮމޯޝަން ބޯޑުން ވަޒަންކޮށް ހޯމް މިނިސްޓަރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާއެވެ. ކޮމިޝަނަރު އޮފް ޕޮލިސް އަކަށް އައްޔަން ކުރެވޭ މީހަކީ ފުލުހުންގެ ހިދުމަތުގެ ވަޒީފާގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސްއަށްވުރެ މަތީ ރޭންކެއްގައި ހުރި ބޭފުޅަކަށް ވާންޖެހެއެވެ. އަދި މި ބިލު ފާސްވެ ގާނޫނަކަށްވާއިރު ކޮމިޝަނަރު އޮފް ޕޮލިސް އަކަށް މީހަކު އައްޔަންކޮށްފައިވާ ނަމަ އެ މަގާމަށް އިތުރު މީހަކު އައްޔަން ކޮށްގެން ނުވާނެ ކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ. އެހެންނަމަވެސް ބިލުގައި ބަޔާންކޮށްފައިވާ މާއްދާތައް ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް ހިނގާނެ ކަމަށް ބިލުގައިވެއެވެ.

މި މަގާމަށް ކުރިމަތިލާން ހުޅުވާލާނީ މި ބިލުގައި ބަޔާންކޮށްފައިވާ ޕްރޮމޯޝަން ބޯޑުންނެވެ. އަދި ކުރިމަތިލާ ފަރާތްތަކުގެ މެދުގައި އެ ބޯޑުން އިންޓަވިއު ކުރަންޖެހޭނެއެވެ. އަދި އެ ބޯޑުން ކަނޑައަޅާ އިމްތިހާނުތައް ހެދުމަކީ ލާޒިމް ކަމެއްގެ ގޮތުގައި ބިލުގައި ވަނީ ހިމަނާފައެވެ. ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް ނަން ހުށަހަޅާ ފަރާތްތައް ޕްރޮމޯޝަން ބޯޑަށް ނަން ހުށަހެޅުމުން ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑު މެދުވެރިކޮށް ކޮމިޝަނަރު ކަމަށް އެފަރާތްތައް ކަނޑައެޅުމުގެ ޝަރުތު ހަމަވޭތޯއާ އެ މަގާމަށް ކުރިމަތިލާފައި ތިބި ބޭފުޅުންނަކީ އަބުރުވެރި ބައެއްތޯއާ އެމަގާމަށް ކުރިމަތިލާފައިވާ ތިބި އެއްވެސް ބޭފުޅަކު އެ މަގާމަށް އައްޔަން ކުރަން ނުފެންނަ ކަމަށްވާ ނަމަ އެ ސަބަބުވެސް ހިމަނައިގެން އެ މަގާމަށް ކުރިމަތިލާފައިވާ ކޮންމެ ބޭފުޅަކާއި ގުޅޭ ރިޕޯޓެއް މި ދެތަނުން ޕްރޮމޯޝަން ބޯޑަށް ދޭންޖެހެއެވެ. އަދި އެ ރިޕޯޓު ހޯމް މިނިސްޓަރަށް ހުށަހަޅަންޖެހޭނެ ކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވާނެއެވެ.

ކޮމިޝަނަރު އޮފް ޕޮލިސްއެއް އައްޔަން ކުރާނީ ހަތަރު އަހަރު ދުވަހުގެ މުއްދަތަކަށެވެ. އެހެންނަމަވެސް އެ މުއްދަތު ހަމަވެ އިތުރު ބޭފުޅަކު އެ މަގާމަށް އައްޔަން ކުރަން ޖެހިއްޖެ ހާލަތެއްގައި ކުރިން މަގާމުގައި ހުންނެވި ކޮމިޝަނަރު އޮފް ޕޮލިސް އެ މަގާމުގައި ބަހައްޓަން ހޯމް މިނިސްޓަރަށް ފެންނަ ހިނދެއްގައި އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުގެ އުސޫލެއް ނުހިނގާނެއެވެ.

1 thought on “ފުލުހުންގެ މޫނަށް "ކުޅުޖެހި" މީހުން ލީޑު ކުރަން ތިބެގެން މައްސަލަ ހައްލެއް ނުވާނެ: ޑރ. ޖަމީލް

Leave a Reply

Your email address will not be published. Required fields are marked *