މާލެ ފިޔަވާ އެހެން ހުރިހާ މިސްކިތެއްގައި އަންނަ ހޯމަ ދުވަހުން ފެށިގެން ނަމާދުކުރެވޭނެ: މިނިސްޓްރީ

ހުކުރު ހުތުބާ އަޑުއެހުން/ ފޮޓޯ- އިސްލާމިކް މިނިސްޓްރީ

އަންނަ ހަފްތާގެ ހޯމަ ދުވަހުން ފެށިގެން މާލެ ފިޔަވާ ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ނަމާދު ކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިސްކިތް ހުޅުވުމަށް ހުއްދަ ނުދީ މިހާރު އޮތް ދެ ރަށަކީ ށ. ނަރުދޫ އާއި ނ. މަނަދޫ ކަމަށެވެ. އެއީ އެ ދެ ރަށް މޮނީޓަރިންގެ ހާލަތުން ނެގިތާ އަދި 14 ދުވަސް ހަމަ ނުވާތީ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މޮނީޓަރިންގެ ހާލަތުން އެ ދެ ރަށްވެސް ނެގިތާ 14 ދުވަސް ހަމަވުމާއި އެކު އަންނަ ހޯމަ ދުވަހުން ފެށިގެން ލޮކްޑައުންގައި މިވަގުތު އޮތް މާލެ ފިޔަވާ ރާއްޖޭގެ އެހެން ހުރިހާ ރަށެއްގައިވެސް ނަމާދު ކުރެވޭނެ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މާލެއާ އެކު ހަތް ރަށެއް ފިޔަވައި އެހެން ރަށްތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ ދޭން ނިންމީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ. އެ ހަތް ރަށަކީ ވެސް ރަށަކީވެސް މޮނީޓަރިންގެ ހާލަތުން ނެގިތާ 14 ދުވަސް ނުވާ ރަށްތަކެވެ.

އިސްލާމިކް މިނިސްޓްރީން މީގެކުރިން ވަނީ ޖަމާއަތުގައި ނަމާދު ކުރުމަށް ހުއްދަ ދިން ނަމަވެސް މިސްކިތަށް ދާ ފަރާތްތަކުން ގެއިން ވުޟޫ ކޮށްގެން ދިއުމާއި ގެއިން މުސައްލައެއް ހިފައިގެން ދިއުމާއި އުމުރުން ދުވަސްވީ މީހުން މިސްކިތްތަކަށް ނުދިއުމުގެ އިތުރުން ރޯގާ ޖެހި ކިނބިހި އަޅާ ނުވަތަ ކެއްސާ ފަރާތްތަކުން މިސްކިތްތަކަށް ނުދިއުމަށް ސިއްހީ މާހިރުން ލަފާ ދެއްވާފައިވާ ކަމަށް ބުނެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *