ފަޒުލް ހުށަހެޅުއްވި ގަރާރު މަޖިލީހުން ބޭރުކޮށްލި ވާހަކަ ދޮގުކޮށްފި

ރައްޔިތުން މަޖިލީހުގެ ފުލިދޫ ދާއިރާގެ މެންބަރު ފަޒުލް ރަޝީދު މަޖިލީހުގެ ޖަލްސާއެއްގައި: ފޮޓޯ / މަޖިލސް

ފުލިދޫއަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލައާ ގުޅިގެން އެ ރަށް ހިމެނާ ފެލިދޫ ދާއިރާ ތަމްސީލު ކުރައްވާ މެންބަރު އިބްރާހިމް ފަޒުލް ރަޝީދު ހުށަހެޅުއްވި ގަރާރު ރައްޔިތުންގެ މަޖިލީހުން ބޭރު ކޮށްލި ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ދެއްކި ވާހަކަތައް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ދޮގުކޮށްފިއެވެ.

މަޖިލީހަށް ފަޒުލްގެ ފަރާތުން އެ ގަރާރު ހުށަހަޅާފައި ވަނީ މިދިޔަ ފެބްރުއަރީ މަސް ތެރޭގައެވެ. ނަމަވެސް މަޖިލީހުން އެ ގަރާރު އެޖެންޑާ ކުރީ މިފަހުން މަޖިލިސް ތެރޭގައި ހިނގާދިޔަ ހަމަނުޖެހުމާއި ގުޅިގެން މަޖިލީހުގެ ޖަލްސާތައް އިދިކޮޅު ކޯލިޝަންގެ މެންބަރުން ބޮއިކޮޓު ކުރި ދުވަސްތަކުގެ ތެރެއިން ދުވަހެއްގައެވެ.

އިދިކޮޅު ކޯލިޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނީ ކުއްލި އަކަށް ގަރާރު އެޖެންޑާކޮށް މަޖިލީހުގެ ގަވާއިދާއި ހިލާފަށް އެ މައްސަލަ ބޭރު ކޮށްލާފައިވާ ކަމަށެވެ. އެކަމުން ވެސް ފެނިގެން ދިޔައީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ހުދުމުހުތާރުކަން ކަމާއި ރައްޔިތުންނަށް އެއްވެސް މިންވަރެއްގެ އިހުތިރާމެއް މަޖިލިސް ރައީސްގެ ހިތުގައި ނެތްކަން ކަމަށް ބަޔާނުގައިވެއެވެ.

އިދިކޮޅުން ބުނީ ފުލިދޫގެ ރަށް ގިރަމުން ދާ މައްސަލައިގައި މަޖިލީހަށް ހުށަހެޅުނު ގަރާރު މަޖިލީހުގެ ގަވާއިދާއި ހިލާފަށް މަޖިލީހުން ބޭރުކޮށްލުމުގައި ރައީސް ނަޝީދު ދައްކަވާފައިވާ ހުއްޖަތަކީ އިދިކޮޅުން ބަލައިގަންނަ ހުއްޖަތެއް ނޫން ކަމަށެވެ. ސަބަބަކީ އެ ގަރާރު ހަތަރު މަސްވީ އިރުވެސް ތަޅުމަސް އެޖެންޑާ ނުކޮށް މަޖިލިސް ޖަލްސާތައް އިދިކޮޅުން ބޮއިކޮޓު ކުރާއިރަށް އެ ގަރާރު އެޖެންޑާ ކުރުމުންނެވެ.

ނަމަވެސް މަޖިލީހުގެ އިދާރާގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު މިއަދު ވިދާޅުވީ ފުލިދޫއަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލައާ ގުޅިގެން އެ ދާއިރާގެ މެންބަރު ފަޒުލް ހުށަހެޅުއްވި ގަރަރު މަޖިލީހުގެ ތަޅުމުން ބޭރު ކޮށްފައި ނުވާ ކަމަށެވެ. އެ ގަރާރުގައި މަޖިލީހުގައި އެބަ އޮތް ކަމަށެވެ. އޭނާ ވިދާޅުވީ އެ ދުވަހު އެ މައްސަލ ކުރިޔަށް ގެންދެވިފައި ނުވަނީ އެ ދުވަހުގެ ޖަލްސާ އަށް ފަޒިލް ސަލާމް ބުނުއްވުމުން ކަމަށެވެ.

މި ހަފްތާގައި ބޭއްވި މަޖިލީހުގެ އެއްވެސް ޖަލްސާ އަކަށް އިދިކޮޅު އެއްވެސް މެންބަރަކު ހާޒިރުވެވަޑައިގެންފައެއް ނުވެއެވެ. އެއީ މި މަހުގެ ދެވަނަ ދުވަހުގެ ރޭ ގާނޫނުއަސާސީ އިސްލާހު ކުރުމަށް ބޭއްވި ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްގެ ނަން މަޖިލީހުގެ ގަވާއިދާއި ހިލާފަށް އިއްވާ ޝިޔާމު މަޖިލީހުން ބޭރު ކުރުމަށް އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް މަޖިލީހުގެ ރިޔާސަތުން އަންގާ ޝިޔާމަށް އަނިޔާކޮށް އޭނާ މަޖިލީހުން ނެރުނު މައްސަލާގައެވެ.

Leave a Reply

Your email address will not be published. Required fields are marked *