މަގުމަތިން ހޮވި އެއްލައްކަ ރުފިޔާ ހަވާލުކުރި ބިދޭސީ މީހާގެ އަގުވަޒަންކޮށްފި

އެމްޑީ ކަމާލް ހޮސެއިން އެ ރަށު މަގުމަތިން ހޮވި އެއްލައްކަ ރުފިޔާ ފުލުހުންނާ ހަވާލު ކޮށްފައިވާތީ، އޭނާގެ ތެދުވެރިކަމާއި އިހުލާސްތެރިކަމުގެ އަގުވަޒަން ކުރަނީ: ފޮޓޯ / ފުލުހުން

އައްޑޫ ސިޓީ ހިތަދޫ ގައި ދިރިއުޅޭ ބަނގްލަދޭޝް ރައްޔިތެއް ކަމަށްވާ އެމްޑީ ކަމާލް ހޮސައިން އެރަށު މަގެއް މަތިން ހޮވި އެއްލައްކަ ރުފިޔާ ހިތަދޫ ޕޮލިސް ސްޓޭޝަނާއި ހަވާލު ކުރުމުން އޭނާގެ ތެދުވެރިކަމާއި އިހްލާސްތެރިކަން ފުލުހުން ފާހަގަކޮށްފިއެވެ.

އިއްޔެ އައްޑޫސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުގައި ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ފުލުހުންގެ ފަރާތުން އޭނާއަށް ހަނދާނީ ސެޓްފިކެޓާއި ހަދިޔާ ހަވާލުކޮށްދެއްވީ ސައުތު ޕޮލިސް ޑިވިޒަން ގެ ކޮމާންޑަރު ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް އަމީން އަބްދުލް ޤައްޔޫމެވެ.

މި ބައްދަލުވުމުގައި ފައިސާގެ ވެރިފަރާތް ކަމަށްވާ ދަފްތަރު ނަމްބަރު 1912، އަލީ އަބްދުއް ސައްތާރުގެ ފަރާތުންވެސް އެމްޑީ ކަމާލް ހޮސައިން އަށް ފައިސާގެ އިނާމަކާ އެކު އޭނާ ހިންގާ ހޮޓަލުން އެއްމަސްދުވަހުގެ ހިލޭ ކެއުން ވެސް ވަނީ ހަމަޖައްސައިދީފަ އެވެ. އަދި އެ ބިދޭސީ މީހާގެ މިހާރު ހުރި ވަޒީފާ ގެއްލިއްޖެ ނަމަ، ވަޒީފާ ހަމަޖައްސައިދޭނެކަމުގެ ޔަގީންކަން ވެސް ފައިސާތަކުގެ ވެރިފަރާތުން ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެމީހާ އަށް އެއްލައްކަ ރުފިޔާ މަގުމަތިން ފެނިފައިވަނީ މި މަހުގެ ފަސްވަނަ ދުވަހުއެވެ. އޭނާއަށް އެފައިސާ ފެނުމުން ހިތަދޫ ޕޮލިސް ސްޓޭޝަނާ ހަވާލުކުރުމުން ފުލުހުން ވަނީ ފައިސާތަކުގެ ވެރިފަރާތް ހޯދައި މި މަހުގެ 6 ވަނަ ދުވަހު މެންދުރުގެ ވަގުތެއްގައި އެފައިސާ ވެރިފަރާތަށް ރައްދުކޮށްދީފައެވެ.

Leave a Reply

Your email address will not be published. Required fields are marked *