ނަޝީދުގެ ހިތުގައި ރައްޔިތުންނަށް އިހުތިރާމެއް ނެތްކަން ހާމަވެއްޖެ: އިދިކޮޅު

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ---

ފުލިދޫގެ ރަށް ގިރަމުން ދާ މައްސަލާގައި އެ ދާއިރާގެ މެންބަރު ފަޒުލް ރަޝީދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރު މަޖިލީހުގެ ގަވާއިދާއި ހިލާފަށް ބޭރު ކޮށްލުމުން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ހިތުގައި ރައްޔިތުންނަށް އެއްވެސް އިހުތިރާމެއް ނެތްކަން ހާމަވެއްޖެ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

މަޖިލީހަށް ފަޒުލްގެ ފަރާތުން އެ ގަރާރު ހުށަހަޅާފައި ވަނީ މިދިޔަ ފެބްރުއަރީ މަސް ތެރޭގައެވެ. ނަމަވެސް މަޖިލީހުން އެ ގަރާރު އެޖެންޑާ ކުރީ މިފަހުން މަޖިލިސް ތެރޭގައި ހިނގާދިޔަ ހަމަނުޖެހުމާއި ގުޅިގެން މަޖިލީހުގެ ޖަލްސާތައް އިދިކޮޅު ކޯލިޝަންގެ މެންބަރުން ބޮއިކޮޓު ކުރި ދުވަސްތަކުގެ ތެރެއިން ދުވަހެއްގައެވެ.

އިދިކޮޅު ކޯލިޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނީ ކުއްލި އަކަށް ގަރާރު އެޖެންޑާކޮށް މަޖިލީހުގެ ގަވާއިދާއި ހިލާފަށް އެ މައްސަލަ ބޭރު ކޮށްލާފައިވާ ކަމަށެވެ. އެކަމުން ވެސް ފެނިގެން ދިޔައީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ހުދުމުހުތާރުކަން ކަމާއި ރައްޔިތުންނަށް އެއްވެސް މިންވަރެއްގެ އިހުތިރާމެއް މަޖިލިސް ރައީސްގެ ހިތުގައި ނެތްކަން ކަމަށް ބަޔާނުގައިވެއެވެ.

އިދިކޮޅުން ބުނީ ފުލިދޫގެ ރަށް ގިރަމުން ދާ މައްސަލައިގައި މަޖިލީހަށް ހުށަހެޅުނު ގަރާރު މަޖިލީހުގެ ގަވާއިދާއި ހިލާފަށް މަޖިލީހުން ބޭރުކޮށްލުމުގައި ރައީސް ނަޝީދު ދައްކަވާފައިވާ ހުއްޖަތަކީ އިދިކޮޅުން ބަލައިގަންނަ ހުއްޖަތެއް ނޫން ކަމަށެވެ. ސަބަބަކީ އެ ގަރާރު ހަތަރު މަސްވީ އިރުވެސް ތަޅުމަސް އެޖެންޑާ ނުކޮށް މަޖިލިސް ޖަލްސާތައް އިދިކޮޅުން ބޮއިކޮޓު ކުރާއިރަށް އެ ގަރާރު އެޖެންޑާ ކުރުމުންނެވެ.

އެކޯލިޝަނުން ވަނީ މައިނޯރިޓީގެ އަޑު ކަނޑުވާލުމުގެ ގޮތުން މަޖިލީހުގެ ރައީސް ހުދުމުހުތާރުކަމާއި އެކު ކުރައްވަމުން ގެންދަވާ ކަންކަން މަޖިލީހުގެ އަމީންއަންމާއި، ކައުންސެލަރ ޖެނެރަލާއި އަދި ސާޖަންޓް އެޓް އާމްސް ނުހުއްޓުވާ އެކަން ކަމަށް ހިތްވަރު ދެއްމުން ގެންދަވާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *