ބަލި ޖެހުނު 163 ކުޑަކުދިންގެ ތެރެއިން 90 ކުއްޖަކު ރަނގަޅުވެއްޖެ

ރައްކާތެރިކަމުގެ ގޮތުން މާކް އަޅައިގެން އިން ކުޑަކުއްޖަކު ގޮވައިގެން އަންހެނަކު ހިނގާފައި ދަނީ-- ފޮޓޯ/ ސަން

ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި ގިނަ އަދަދެއްގެ ކުޑަ ކުދިން އެ ބަލިން ރަނގަޅުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިހާތަނަށް ރާއްޖެއިން ވަނީ 163 ކުއްޖަކަށް ކޮވިޑް19 ޖެހިފައެވެ. މިއީ ބަލި ޖެހުނު މީހުންގެ 20 ޕަސެންޓެވެ.

އެގޮތުން ރާއްޖެއިން ކޮވިޑް19 ޖެހުނު އުމުރު ފުރާތަކަށް ބަލާއިރު 10 އަހަރުން ދަށުގެ 26 އަންހެން ކުއްޖަކާއި 37 ފިރިހެން ކުދިން ހިމެނެއެވެ. އަދި 11 އަހަރާއި 20 އަހަރާއި ދެމެދުގެ 39 އަންހެން ކުދިންނާއި 61 ފިރިހެން ކުދިން ހިމެނެއެވެ.

ރާއްޖެއިން މިހާތަނަށް 1962 މީހަކަށް ބަލި ޖެހިފައިވާއިރު 1121 މީހަކު ވަނީ ބަލިން އެއްކޮށް ރަނގަޅުވެފައެވެ. މީގެތެރޭގައި [ބަލިން ރަނގަޅުވި މީހުންގެ ތެރޭގައި] ކުޑަ ކުދިންވެސް ހިމެނެއެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި 90 ކުއްޖަކު ވަނީ މިބަލިން ރަނގަޅުވެފައެވެ.

އެއީ 54 ފިރިހެން ކުއްޖަކާއި 36 އަންހެން ކުއްޖެކެވެ. ބަލިޖެހުނު ކުދިންގެ ނިސްބަތަށް ބަލާއިރު 55 އިންސައްތަ ކުޑަކުދިން މިހާރު ވަނީ ބަލިން ރަނގަޅުވެފައެވެ. ރަނގަޅުވި ކުދިންގެ ތެރޭގައި އެއް އަހަރުގެ ކުއްޖަކާއި، ދެ އަހަރުގެ ފަސް ކުދިންނާއި، ހަތަރު އަހަރުގެ ހަ ކުއްޖަކު ހިމެނެއެެވެ.

މީގެއިތުރުން ހަތަރު އަހަރާއި ބާރަ އަހަރާއި އަދި ސާދަ އަހަރުގެ ކުދިންގެ ތެރެއިން ކޮންމެ އުމުރު ފުރައަކުން ހަ ކުއްޖަކު ބަލިން ވަނީ ރަނގަޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *