ހައުސިން މިނިސްޓަރަކަށް އައްޔަންކުރައްވާނީ ދެން އަންނާނީ ކާކު؟

އެމްއާރްއެމުން ވަޒީރުކަމަށް ހުށަހަޅާނެ ކަމަށް ލަފާކުރެވޭ ބައެއް ބޭފުޅުން

ހައުސިން މިނިސްޓަރުކަމުން ރޭ އިސްތިއުފާ ދެއްވި އާތިފާ ޝަކޫރަށް އެ މަގާމު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެއްވީ އެއްގޮތަކަށްވެސް އާތިފާ ވެގެނެއް ނޫނެވެ. އާތިފާ އަކީ ގާބިލު ކަނބަލެކެވެ. އެކަމަނާ އަކީ ހައުސިންގެ ދާއިރާގައި ތަޖުރިބާކާރު ކަނބަލެކެވެ. އެތައް ދުވަސްތަކެއް ވަންދެން ހައުސިން މިނިސްޓްރީގައި އެކަމަނާ ވަނީ މަސައްކަތްޕުޅު ކުރައްވާފައެވެ. ނަމަވެސް އެކަމަނާ އަށް ރައީސް ސޯލިހު އެ މަގާމު ދެއްވީ އެކަމަނާ އަކީ ސަރުކާރު ކޯލިޝަން އެމްއާރްއެމްގެ މެންބަރަކަށް ވާތީއެވެ.

އެމްއާރްއެމް އަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވައިގެން އުފެއްދެވި ސިޔާސީ ޕާޓީއެކެވެ. ރައީސް ސޯލިހު ވެރިކަމަށް ގެނައުމަށްޓަކައި އެމްއާރްއެމްގެ އިސް ބޭފުޅުންނާއި ރައީސް މައުމޫނަށް ތާއީދު ކުރައްވާ ގިނަ މީހުން ވަނީ ބުރަ މަސައްކަތްތަކެއް ކުރައްވާފައެވެ. އެހެންކަމުން ރައީސް ސޯލިހުގެ ސަރުކާރުގައި އެމްއާރްއެމް އަށް ވަނީ ސަރުކާރުން 20 ޕަސެންޓު ދީފައެވެ. އެ 20 ޕަސެންޓުގެ ތެރޭގައި ހައުސިން މިނިސްޓްރީ އަކީވެސް އެމްއާރްއެމްގެ ސްލޮޓެކެވެ.

ކޮންމެއަކަސް ހައުސިން މިނިސްޓަރުކަމުން އާތިފާ އިސްތިއުފާ ދެއްވީ މަގާމާއި ހަވާލުވެވަޑައިގެންނެވިއިރު ވެސް އެކަމަނާ އަށް ދިމާވެފައިވާ ސިއްހީ މައްސަލައަކާއި ގުޅިގެންނެވެ. މިވަގުތު އެކަމަނާ އަށް އެފަދަ ބޮޑު ޒިންމާއެއް އަދާ ކުރެއްވުމަށް ސިއްހީ ހާލަތު ތަނެއް ނުދެއެވެ.

ހައުސިން މިނިސްޓަރުގެ މަގާމުން އާތިފާ އިސްތިއުފާ ދެއްވުމާއި އެކު ރޭ މިވަނީ އެމްއާރްއެމްގެ މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ އިންތިޤާލީ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމެއް އޮންލައިންކޮށް ބާއްވާފައެވެ. "ހަތާވީސް އޮންލައިން" އަށް އެނގިފައިވާ ގޮތުގައި މި ބައްދަލުވުމުގައި ހައުސިން މިނިސްޓަރު ކަމަށް ގެންނާނެ ބޭފުޅަކާއި މެދު ވަނީ މަޝްވަރާ ކުރެވިފައެވެ. އަދި އެ ބައްދަލުވުމަށް ބައެއް ނަންތައް ވެސް ވަނީ ހުށަހަޅުއްވާފައެވެ.

އެނގިފައިވާ ގޮތުގައި ހައުސިން މިނިސްޓަރު ކަމުގެ މަގާމަށް ގެނައުމަށް ތިން ނަމެއް ރޭގެ ބައްދަލުވުމުގައި ވަނީ ހުށަހަޅާފައެވެ. އެގޮތުން އެއް ނަމަކީ އެމްއާރްއެމްގެ އިންތިގާލީ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދޮށީ ފިރިހެން ދަރިކަލުން ފާރިސް މައުމޫނެވެ. ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު ފާރިސްގެ ނަން ހުށަހެޅުއްވި ނަމަވެސް އޭނާ ވަނީ އެކަމަށް އިންކާރު ކުރައްވާފައެވެ.

ދެވަނަ ނަމަކަށް ހުށަހެޅުއްވީ ރައީސް ސޯލިހު ވެރިކަމަށް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި އާމިނަތު ނާދިރާއެވެ. އަދި ތިންވަނަ ނަމެއްގެ ގޮތުގައި ހުށަހެޅުއްވީ ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމްގެ ނަމެވެ. ނަމަވެސް މި ދެ ބޭފުޅުންވެސް މިކަމަށް [ހައުސިން މިނިސްޓަރުގެ މަގާމަށް] ޖަވާބެއް ދެއްވި ކަމެއް އަދި ނޭނގެއެވެ.

މި ތިން ބޭފުޅުންގެ އިތުރުންވެސް މި މަގާމަށް ވަޑައިގަތުމަށް ގާތް ދެ ބޭފުޅަކު އެމްއާރްއެމްގެ މެންބަރުންގެ ގޮތުގައި އެބަ ތިއްބެވިއެވެ. އެއީ ކުރީގެ ޖެންޑާ މިނިސްޓަރު އަނީސާ އަހުމަދާއި އަދި ހަމަ ކުރީގެ ޖެންޑާ މިނިސްޓަރުކަން ކުރެއްވި ރާޝިދާ ޔޫސުފްއެވެ. މި ދެ ބޭފުޅުންނަކީ ވެސް މިނިސްޓަރުގެ މަގާމަށް ވަރަށް ގާބިލު ދެ ބޭފުޅުންނެވެ.

ކޮންމެއަކަސް ހައުސިން މިނިސްޓަރުގެ މަގާމަށް އައްޔަން ކުރައްވާނެ ބޭފުޅެއް ނޭނގެއެވެ. ނަމަވެސް ޔަގީނުންވެސް ހައުސިން މިނިސްޓްރީ އަކީ އެމްއާރްއެމްގެ ސްލޮޓެކެވެ. އަދިވެސް ހައުސިން މިނިސްޓަރުގެ މަގާމަށް ބޭފުޅަކު ވަޑައިގަންނަވާނީ އެމްއާރްއެމް އިންނެވެ. ނަމަވެސް މިނިސްޓަރު އާތިފާ ރޭ މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ އެ އިސްތިއުފާ ގަބޫލުކުރެއްވި ކަމަކަށް ރައީސް އޮފީހަކުން ރަސްމީކޮށް ހާމައެއް ނުކުރެއެވެ. އަދި އެކަމަނާގެ އިސްތިއުފާއާ ގުޅިގެން އެއްވެސް އެއްޗެއް ރަސްމީކޮށް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

1 thought on “ހައުސިން މިނިސްޓަރަކަށް އައްޔަންކުރައްވާނީ ދެން އަންނާނީ ކާކު؟

  1. Ajaib anthareeheh nuvaane thiya MRM he enme goipehves athoalhu thereyakunei. Riyaasee inthihaabga ehves athoalhaku MRM meehaku nufeney. Majilis enme goadibehves nei. Councilaraku nei. Mimeehunah cabinetun enme slotehves hahgehnuvey.

Leave a Reply

Your email address will not be published. Required fields are marked *