އަތު ޖެހުނު ކޮންމެ ބާރެއް މަޖިލީހަށް، ރަނގަޅެއް ނޫން!

ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ފޮޓޯ / މަޖިލިސް

ރާއްޖެއިން ކޮވިޑް19 ފެނުމާއި އެކު މަޖިލިސް ތެރޭގައި ބައެއް މެންބަރުން އެކަން ނެންގެވީ ވަރަށް އާދައިގެ ކޮށެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ގިނަ މެންބަރުން އެންމެ ފުރަތަމަ ވިދާޅުވީ ކޮވިޑް19 އަކީ އާދައިގެން ރޯގާއެއް ކަމަށެވެ. އަދި މީޑީއާތަކުން އެކަމުގައި ރައްޔިތުން ބިރު ގަންނުވަނީ ކަމަށެވެ. އަދި ރާއްޖެ ލޮކްޑައުންކޮށް ގެއިން ބޭރަށް ނުނިކުންނަ ވަރު ނުވޭ ކަމަށްވެސް ބައެއް މެންބަރުންނަށް ހީފުޅުވިއެވެ.

ނަމަވެސް ކަންކަން ދިޔައީ އެ މެންބަރުންގެ ހިޔާލުތަކާއި ދެކެވުނު ވާހަކަތަކާއި ދިމާ އިދިކޮޅަށެވެ. މިހާތަނަށް މިބަލި 1900އަށްވުރެ ގިނަ ބަޔަކަށް ޖެހިއްޖެއެވެ. 8 މީހަކު ދުނިޔެ ދޫކޮށްފިއެވެ. އެހެންކަމުން ބަލީގެ ހާލަތު ނޭނގި ތިބެ ނިންމޭ ނިންމުމަކުން މުޅި ގައުމު ހަލާކުގެ ތެރެއަށް ވެއްޓިދާނެއެވެ. ބޭނުންވާ ކޮންމެ ފަހަރަކު ހުރިހާ ބާރެއް މަޖިލީހަށް ގެނެސް ހުރިހާ ނިންމުމެއް މަޖިލީހުން ނިންމުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ.

ސިއްހީ ކަންކަން ދުނިޔޭގެ އެހެން ގައުމުތަކުންވެސް ނިންމަނީ ކަމާ ގުޅުންހުރި އިދާރާތަކާއި ސިއްހީ މާހިރުންގެ ލަފާގެ މަތިންނެވެ. ބާރު ލިބިފައި އޮތް ނަމަވެސް ހިތު ހުރިހާ ގޮތަކަށް ދުނިޔޭގެ އެހެން ގައުމުތަކުން އެ ބާރުތަކުގެ ބޭނުމެއް ނުހިފައެވެ. ބައެއް ކަންކަމުގައި ބަސް ނުބުނެ ކަމުގެ މާހިރުން ބަސް ބުނުމަށް ޖާގަ ދެއެއެވެ.

އިއްޔެ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅި ބިލަކާއި ގުޅިގެންނެވެ. އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ ސިއްހީ ނުރައްކަލެއް އިއުލާނުކޮށް ނެރޭ ގަރާރު 48 ގަޑިއިރުތެރޭ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، މަޖިލީހުގެ ރުހުން ހޯދަން ޖެހޭނެ ކަމަށެވެ. މި އިސްލާހުގައި އިތުރަށް ބުނެފައި ވަނީ އާއްމު ސިއްހަތުގެ ގާނޫނުގެ ދަށުން ސިއްހީ ކުއްލި ނުރައްކާ އިއުލާނުކުރުމަށް ނެރޭ ގަރާރު، އެގަރާރު ނެރޭތާ 48 ގަޑިއިރު ތެރޭގައި މަޖިލީހަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި ސިއްހީ ކުއްލި ނުރައްކާ އިއުލާނުކުރާ ވަގުތަކީ މަޖިލީހުގެ ދައުރެއް ހިނގަމުންދާ ވަގުތެއް ނަމަ ބަންދު ދުވަސްތައްވެސް ހިމަނައިގެން 14 ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލިސް އެއްކޮށް އެ ގަރާރު މަޖިލީހުން ފާސް ކުރުމަށް ހުށަހަޅަން ޖެހޭ ގޮތަށްވެސް ގާނޫނަށް ހުށަހެޅި އިސްލާހުގައި ވަނީ ހިމަނާފައެވެ.

ސުވާލަކީ މިއީ މަޖިލީހުގެ ރުހުން ހޯދަން ޖެހޭ ވަރުގެ ކަމެއް ހެއްޔެވެ. މަޖިލީހުގެ ރުހުން ނުހޯދާ ނޫނީ ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ވެސް އިއުލާން ނުކުރެވެނީ ހެއްޔެވެ. މިވަރުން ނިމުނީއެއް ނޫނެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް އެފަދަ ހާލަތެއްގައި ހަރަދުކުރާނެ ގޮތެއްވެސް ގާނޫނަށް ހުށަހެޅި އިސްލާހުގައި ވަނީ ހިމަނާފަ އެވެ. އެގޮތުން އެއްވެސް ސަބަބަކާ ހުރެ ސިއްހީ ކުއްލި ނުރައްކަލެއް ދިމާވާ ހާލަތުގައި ހޭދަކުރާނެ ފައިސާ ބަޖެޓުގައި ހިމަނާފައި ނެތް ނަމަ އަދި ބަޖެޓުގައި ހިމަނާފައިވާ މިންވަރަށް ވުރެ އިތުރަށް ފައިސާ ބޭނުންވާ ނަމަ ފައިސާ ބޭނުންވާ މިންވަރެއް ތަފްސީލު ބަޔާންކޮށް މަޖިލީހަށް ހުށަޅަން ޖެހޭނެ ކަމަށް އިސްލާހުގައި ވަނީ ބުނެފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުން ހުއްދަ ކުރާ މިންވަރަކަށް ކަނޑައަޅާ އުސޫލުގެ މަތިން މެނުވީ އެފައިސާ ބޭނުން ކޮށްގެން ނުވާނެ ކަމަށް އިސްލާހުގައި ބުނެފައިވެއެވެ.

މަޖިލީހުން ކުރަން ޖެހޭ ކަންކަންވެސް ހުންނާނެއެވެ. އަދި މަޖިލީހުގެ ހުއްދަ ނަގަން ޖެހޭ ކަންކަންވެސް ހުންނާނެއެވެ. ނަމަވެސް ކޮންމެ ކަމަކީ މަޖިލީހުން ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއްގެ ގޮތަށް ގާނޫނުތައް ބަދަލު ކުރާނަމަ ރާއްޖޭގައި ރިޔާސީ ނިޒާމެއްގެ ބޭނުމެއް ނެތެއް ނޫން ހެއްޔެވެ.

މިކަމާއި ގުޅިގެން ބައެއް މީހުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ފާޑު ކިޔާފައެވެ. ޓްވީޓާގައި މީހަކު ކޮށްފައިވާ ޓްވީޓެއްގައި ބުނީ މުޅި ސިސްޓަމް އެންމެ މީހެއްގެ އަތް މައްޗަށް ދޫކޮށްލުމަކީ ޑިމޮކްރަސީއެއް ނޫން ކަމަށެވެ. އަދި އެއަށް ކިޔާނީ ޑިކްޓޭޝިޕް ކަމަށް އޭނާ ފާހަގަކުރިއެވެ.

ހުރިހާ ބާރެއް މަޖިލީހަށް ނެގުމުން ތިންބާރު ވަކިވެފައިވާ ނިޒާމެއް ރާއްޖޭގައި އޮތް ކަމަކަށް ނުވާނެ ކަމަށެވެ. އަދި އެގޮތަށް އެކަން ކުރުމަކީ ގޯސް ހިޔާލެއް ކަމަށްވެސް އެކަކު ކުރި ޓްވީޓެއްގައި ބުންޏެވެ.

މީގެއިތުރުން އެހެން މީހަކު ބުނީ އެކަމުގެ ހިތި ދުރު މުސްތަގުބަލުގައި އަދި ފެނިގެން ދާނެ ކަމަށެވެ.

މިހާތަނަށް ރައްޔިތުންގެ މަޖިލީހުން މިފަދަ މުހިއްމު ގާނޫނުތަކަށް ބަދަލުތައް ގެންނައިރު ރައްޔިތުންގެ ޝުއޫރު މިކަމުގައި ހުރި ނެތް ގޮތް ބަލައެވެ. ގިނަ ގާނޫނުތަކަށް އިސްލާހު ހުށަހަޅާއިރު ރައްޔިތުންގެ އާއްމު ހިޔާލުވެސް ހޯދައެވެ. މިއީވެސް ރައްޔިތުންނާއި ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ކަމެކެވެ. އެހެންކަމުން މި ގާނޫނު ފާސް ކުރުމުގެ ކުރިން ވެސް ވިސްނާލުން ރަނގަޅެވެ. ހާއްސަކޮށް ރައްޔިތުންނާއި ކަމާ ގުޅުންހުރި މާހިރުންގެ ލަފާ މިކަމުގައި ހޯދުމަކީ މުހިއްމު ކަމެކެވެ. މަޖިލީހުގައި ގާނޫނު ހަދަން މެންބަރުންނަށް އެނގިވަޑައިގެންނެވި ނަމަވެސް ގައުމެއްގެ ސިއްހީ ހާލަތު އޮތް މިންވަރު މެންބަރުންނަށް އެނގިވަޑައިނުގެންފާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *