ކޯޕަރޭޓް މޯލްޑިވްސް ބިޒްނަސް އެކްސްޕޯގައި 80 އަށް ވުރެ ގިނަ ބައިވެރިން

ސެޕްޓެމްބަރު 29، 2019: އޯރކާ މީޑިއާ ގްރޫޕުގެ ފަރާތުން ކުރިއަށް ގެންދާ ކޯޕަރޭޓް މޯލްޑިވްސް "ބިޒްނަސް އެކްސްޕޯ 2019" ދަރުބާރުގޭގައި ފެށުން -- ފޮޓޯ / ސަން

މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އޮންނަ ކޯޕަރޭޓް މޯލްޑިވްސް ބިޒްނަސް އެކްސްޕޯގައި މިހާތަނަށް 80 އަށް ވުރެ ގިނަ އެގްޒިބިޓަރުން ރެޖިސްޓްރީކޮށްފައިވާ ކަމަށް އެ ހަރަކާތް ބާއްވާ އޯރކާ މީޑިއާ ގްރޫޕުން ބުނެފި އެވެ.

ފެބްރުއަރީ 23 އިން 24 އަށް ދަރުބާރުގޭގައި އޮންނަ 2020 ވަނަ އަހަރުގެ ބިޒްނަސް އެކްސްޕޯގައި ޖުމްލަ 150 އެގްޒިބިޓަރުން ބައިވެރިވާނެ ކަމަށް އެ ގްރޫޕުން ލަފާކުރެ އެވެ. އަދި ވިޔަފާރިއާއި ނެޓްވޯކިންގްގެ ގިނަ ހަރަކާތްތަކެއް ކުރިއަށްދާ ބިޒްނަސް އެކްސްޕޯ އަށް 3،000 މީހުން ޒިޔާރަތްކުރާނެ ކަމަށް އެ ގްރޫޕުން ލަފާކުރެ އެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި އެކްސްޕޯގައި ރާއްޖޭގެ ވިޔަފާރި ކޮމިއުނިޓީގައި ހިމެނޭ ގިނަ ކުންފުނިތަކަކުން ބައިވެރިވާނެ އެވެ. އެގޮތުން 150 ތަފާތު ދާއިރާއެއްގެ ވިޔަފާރިއާއި އަދި ވިޔަފާރި ދާއިރާގެ 1،500 އަށް ވުރެ ގިނަ ތަޖުރިބާކާރުންނާ ވެސް އެތަނުން ބައްދަލުކޮށް ހެދޭނެކަމަށް އޯރކާ މީޑިއާ ގްރޫޕުން ބުންޏެވެ.

މީގެ އިތުރުން އޯރކާ މީޑިއާ ގްރޫޕުގެ ކޯޕަރޭޓް މޯލްޑިވްސް މެގަޒިނުން ހޮވާ "ގޯލްޑް 100" ލިސްޓުގައި ހިމެނޭ، ރާއްޖޭގެ އެންމެ ރަނގަޅު 100 ކުންފުންޏާ ވެސް ބިޒްނަސް އެކްސްޕޯގައި ބައްދަލުކުރެވޭނެ ކަމަށް ބުންޏެވެ.

އޯރކާ މީޑިއާ ގްރޫޕުން ބުނީ ބިޒްނަސް އެކްސްޕޯއަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ދޭ އާ ހިދުމަތްތަކާއި އީޖާދުތައް ގިނަ ބަޔަކަށް ދައްކާލައި މާކެޓުކުރުމަށް ރަނުގެ ފުރުސަތެއް ކަމަށެވެ.

މީގެ އިތުރުން އެކްސްޕޯގެ ތެރެއިން ވިޔަފާރިތަކުގެ ކާމިޔާބުގެ ވާހަކަތަކާއި، ވިޔަފާރިވެރިންގެ ތަޖުރިބާގެ ވާހަކައާއި ތަފާތު ޚިޔާލުތަކާއި ގޮންޖެހުންތަކާ ބެހޭ ގޮތުން ވާހަކަދައްކައި މަޝްވަރާކުރުމަށް ތަފާތު ހަ ސަމިޓެއް ވެސް ކުރިއަށް ދާނެކަމަށް އޯރކާ މީޑިއާ ގްރޫޕުން ބުންޏެވެ.

ފެބްރުއަރީ 23 އަދި 24 ގައި ބިޒްނަސް އެކްސްޕޯ އޮންނަ އިރު، ކޯޕަރޭޓް މޯލްޑިވްސްގެ ގޯލްޑް 100 އެވޯޑްސް ގާލާ 25 ފެބްރުއަރީ ވަނަ ދުވަހުގެ ރޭ އޮންނާނެ އެވެ.

ކޯޕަރޭޓް މޯލްޑިވްސް ބިޒްނަސް އެކްސްޕޯ 2020 އާއި ގޯލްޑް 100ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.