ބާ އިމްތިހާނާއި އެއް އަހަރު ތަމްރީނާ ނުލައި ވަކީލު ކަމުގެ ހުއްދަ ދޭން އިސްލާހު ކޮމެޓީއަށް

ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް: ފޮޓޯ / މަޖިލިސް

ގާނޫނީ ފަންނުގެ ގާނޫނުގައި ވަކީލުގެ ކަމުގެ ޝަރުތުގެ ގޮތުގައި ބަޔާންކޮށްފައިވާ ބާ އިމްތިހާނާއި އެއް އަހަރުގެ ތަމްރީނާއި ނުލާ ވަކީލު ކަމުގެ ހުއްދަ ދިނުމަށް ގާނޫނަށް ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ހުށަހެޅި އިސްލާހު ކޮމެޓީއަށް ފޮނުވައިފިއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އެ އިސްލާހު ބަލައިގެންފައެވެ. 67 މެންބަރުންގެ ވޯޓުން އެ އިސްލާހު ބަލައިގަތުމަށްފަހު އިސްލާހު ދިރާސާ ކުރުމަށްޓަކައި މިހާރު ވަނީ ޖުޑީޝަރީ ކޮމެޓިއަށް ފޮނުވާފައެވެ.

ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރެވޭ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ، ގާނޫނީ ހިދުމަތްދޭ ތަނެއްގައި އެއްއަހަރު ދުވަހުގެ ތަމްރީން ފުރިހަމަކުރުމާއި ބާ އިމްތިހާނު ފުރިހަމަ ކުރަންޖެހޭ ކަމަށްބުނެ ގާނޫނުގައި ބަޔާންކޮށްފައިވާ ދެ ޝަރުތަށް އަމަލުކުރުން 1 ޖެނުއަރީ 2021 ހަމަޔަށް ފަސްކުރުމަށް ނާޒިމް ވަނީ އިސްލާހެއް ހުށަހަޅާފައެވެ.

ނާޒިމް މި އިސްލާހު ހުށަހެޅުއްވިއިރު މި އަހަރުގެ ބާ އިމްތިހާން ކުރިންވެސް ރާވަައިފައިވާ ގޮތަށް ގެންދަން ބާ ކައުންސިލުން ވަނީ ނިންމާފައެވެ. މިދިޔަ މަހުގެ 14ވަނަ ދުވަހު ބާ ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނީ މިހާރު ފެތުރެމުންދާ ކޮވިޑް19 އާ ގުޅިގެން އިމްތިހާންގެ މަސައްކަތްތައް ކުރިން ތަސައްވަރުކުރި ގޮތާ ހިލާފަށް ގޮސްދާނެ ކަމަށް ލަފާކުރެވުނު ކަމަށެވެ. އެހެންނަމަވެސް އެފަދަ ހާލަތެއް މިހާރު ނެތް ކަަމަށް ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީން އެދުވަހު ބޭއްވި ބައްދަލުވުމުގައި ނިންމާފައި ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *