އިމާރާތް ކުރުމަށް ބޭނުން ކުރާ ގިނަ ސާމާނުތަކަކުން ޑިއުޓީ ކަނޑާލަނީ

މާލޭގައި ތަނެއް އިމާރާތް ކުރަނީ --

ރާއްޖެ އަށް އެތެރެކުރާ އިމާރާތް ކުރުމަށް ބޭނުންވާ ގިނަ ސާމާނުތަކަކުން ޑިއުޓީ ކަނޑާލުމަށް އިމްޕޯޓު އެކްސްޕޯޓުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމު އިމްޕޯޓު އެކްސްޕޯޓުގެ ގާނޫނަށް ހުށަހަޅާފައިވާ އެ އިސްލާހުގައި ބުނެފައިވަނީ މީގެކުރިން ފަސް ޕަސަންޓުގެ ޑިއުޓީ ނަގަމުން އައި ދަގަނޑާއި އެކަތަ ޝީޓު، ޕްލޭޓުން މީގެފަހުން ޑިއުޓީ ނުނަގާނެ ކަމަށެވެ. ނަމަވެސް ދަގަނޑުގެ ބާވަތްތަކުގެ ތެރެއިން ދަގަނޑު ޓިނުން ނަގާ ޑިއުޓީ 10 ޕަސެންޓަށް ބޮޑުކުރުމަށްވެސް އިސްލާހުގައި ހުށަހަޅާފައިވެއެވެ.

ޒިންކުން ހަދާފައި ހުން ތަކެތީގެ ތެރޭގައި ހިމެނޭ ޓިނާއި ތިނބި އަދި ދިޔަދޮވިން 15 ޕަސެންޓުގެ ޑިއުޓީއެއް އަންނަނީ ނަގަމުންނެވެ. ނަމަވެސް ވިސާމް ހުށަހަޅާފައިވާ އިސްލާހުގައި އެތަކެތިންވެސް ޑިއުޓީ ނުނެގުމަށް ވަނީ ހުށަހަޅާފައެވެ.

ހަމައެއާއި އެކު ސެރަމިކުން ހަދާފައި ހުންނަ ތަކެތީގެ ތެރެއިން ތަށިމުށިން ނަގާ ޑިއުޓީ 10 ޕަސެންޓުން ސުން ޕަސެންޓަށް އަދި ޓޭބަލްވެއާ އާއި ކިޗަންވެއާއިން ނަގާ ޑިއުޓީ 15 ޕަސެންޓުން ފަސް ޕަސެންޓަށް ކުޑަކުރުމަށްވެސް ވަނީ ހުށަހަޅާފައެވެ.

ވިސާމް ހުށަހަޅާފައިވާ ބިލުގައި އާއްމުން އާއްމުކޮށް ބޭނުންކޮށް އުޅޭ ގިނަ ސާމާނުތަކަކުން ޑިއުޓީ ކަނޑާލުމާއި ކުޑަ ކުރުމަށް ހުށަހަޅާފައިވާއިރު ސިއްހަތަށް ގެއްލުން ލިބޭ ފަދަ ބާވަތްތަކުން ޑިއުޓީ ބޮޑު ކުރުމަށްވެސް ހުށަހަޅާފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *